އަންހެން ފުޓްބޯޅަ ޓީމަށް ލޯ މެޑަލް: ތާރީހީ ކާމިޔާބެއް

Advertisement

އަންހެން ފުޓްބޯޅަ ޓީމަށް ލޯ މެޑަލް: ތާރީހީ ކާމިޔާބެއް

ޢަލީ ޝަހީމް
ފުރަތަމަ މެޗުގައި އިންޑިއާ ދެކޮޅަށް ނުކުތް އަންހެން ގައުމީ ފުޓްބޯޅަ ޓީމް. ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / މުހައްމަދު ޝަރުހާން

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދައިފި އެވެ. މިއީ އަންހެން ޓީމަށް ގޭމްސްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އަންހެން ޓީމުން ލޯ މެޑަލް ކަށަވަރުކުރީ ނޭޕާލްގެ ޕޮކަރާ ސިޓީގެ ޕޮކަރާ ސްޓޭޑިއަމްގައި މިއަދު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.

އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ވާދަކުރީ ނޭޕާލާއި އިންޑިއާ އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅޭއިރު އެންމެ ކުރި ހޯދައިގެން އިންޑިއާ އާއި ނޭޕާލް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއަދު ލަންކާއާ ދެކޮޅަށް ދިވެހި އަންހެން ޓީމު ނުކުތްއިރު މި ދެ ގައުމު ވެސް ވަނީ އިންޑިއާ އާއި ނޭޕާލް އަތުން ބަލިވެފަ އެވެ. އެހެންވެ މިއަދުގެ މެޗު ކާމިޔާބުކޮށްގެން ތިން ވަނަ ހޯދައި މެޑަލް ކަށަވަރުކުރުމުގެ ފުރުސަތު ދިވެހި ޓީމަށް ލިބުނެވެ. ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި މިއަދު ދިވެހި އަންހެން ފުޓްބޯޅަ ޓީމުގެ ގޯލުތައް ޖަހައިދިނީ އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާ އެވެ.

Advertisement

މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 5-0 އިން އަންހެން ޓީމު ބަލިވިއިރު ދެ ވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 3-0 އިންނެވެ. 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާ ހޯދިއިރު ރަނަރަޕް ޓީމަކީ ނޭޕާލެވެ. އެފަހަރު މުބާރާތުގެ ތިން ވަނަ ހޯދި ބަންގްލަދޭޝްގެ އަންހެން ޓީމު މިފަހަރު ވާދައެއްނުކުރެ އެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލުގެ ބިރާޓްނާގާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި އިންޑިއާ އާއި ލަންކާއާ ވާދަކޮށް ބަލިވެ ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ އަތުން 6-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ލަންކާ އަތުން ބަލިވީ 2-0 އިންނެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އަންހެން ޓީމަށް މީގެ ކުރިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު އިންޑިއާގައި އޮތް ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރެވުމެވެ.

ސާފް ޗެމްޕިއަންޝިޕްގައި އަންހެން ޓީމު ވާދަކުރިއިރު ކޯޗަކީ މުހައްމަދު އާތިފް (އާތީ) އެވެ. އެކަމަކު މުބާރާތަށް ފަހު އަންހެން ފުޓްބޯޅަ ޓީމު ދޫކޮށް އާތީ ހަވާލުވީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. މިފަހަރުގެ ގޭމްސްގައި އަންހެން ޓީމަށް އިރުޝާދު ދިނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.

އަންހެން ޓީމު މިފަހަރުގެ މުބާރާތާ ކުރިމަތިލީ މެޑެއްޔަކަށް އަމާޒުކޮށްގެންނެވެ. މުބާރާތަށް ނޭޕާލަށް އައުމުގެ ކުރިން ޓީމު ވަނީ ގަތަރުގައި ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަންހެން ޓީމުން ލޯ މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދިއިރު ފިރިހެން ފުޓްބޯޅަ އިވެންޓުގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު ދިވެހި ޓީމު ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *