މިއެޓް ފުޓްސަލް ފިއެސްޓާ: ސެމީގެ ފުރަތަމަ ޖާގަ ހިންމަފުށި ޓީމަށް

Advertisement

މިއެޓް ފުޓްސަލް ފިއެސްޓާ: ސެމީގެ ފުރަތަމަ ޖާގަ ހިންމަފުށި ޓީމަށް

ޢަލީ ޝަހީމް
މުބާރާތުގެ ފުރަތަމަ ރޭގެ މެޗެއްގެ ތެރެއިން. - ފޮޓޯ: މިއެޓް ފުޓްސަލް ފިއެސްޓާ

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ފިއެސްޓާގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ މިދިޔަ އަހަރުގެ ރަނަރަޕް ހިންމަފުށި ފުޓްބޯޅަ ޓީމު ހޯދައިފި އެވެ. ހިންމަފުށި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި އެމްޕަޔާ ސްޕޯޓްސް ކްލަބް 7-4 އިން ބަލިކޮށްގެންނެވެ. މި މެޗުގެ އިތުރުން ރޭ ވަނީ ގްރޫޕް އޭގެ މެޗަކާއި ގްރޫޕް ސީގެ މެޗެއް ވެސް ކުޅެފަ އެވެ.

ހިންމަފުއްޓާއި އެމްޕަޔާގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ކަންމަތި ނިއު ޖެނެރޭޝަން އެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ހިންމަފުށި ޓީމު ވަނީ ކަންމަތި އެންޖީ 7-1 އިން ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ހިންމަފުށި ޓީމު ސެމީއަށް ދަތުރުކުރީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނައިގައި އޮތް އެމްޕަޔާ އާއި ފުލުގައި އޮތް ކަންމަތި އެންޖީއަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.

Advertisement

ރޭގެ މެޗުގައި ހިންމަފުށި ޓީމުގެ ހަތް ގޯލުގެ ތެރެއިން އަހުމަދު ޖައިލަމް އާއި ޔާސިރު ރަގީބް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ގޯލު ޖަހައިދިނީ ނިހާލް މުހައްމަދު އެވެ. ދެ މެޗުން ފަސް ގޯލު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ހިންމަފުށި ޓީމުގެ ޔާސިރު އެވެ. މެޗުގައި ހިންމަފުށި ޓީމު ކޮޅަށް އެމްޕަޔާ ޓީމުގެ ގޯލުތައް ޖަހައިދިނީ އަހުމަދު އަވްޝަން އާއި އީސާ ނަސާތު އަދި ހުސައިން ސާހިލް އެވެ. މެޗުގައި ނަސާތު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހިންމަފުށި ޓީމުގެ ޖައިލަމް އެވެ.

ގްރޫޕް އޭގައި ރޭ ބޮޅު ކޮމިއުނިޓީ އާއި ބޮޑު ހިތި އައިލެންޑް ރިސޯޓް ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ބޮޅު ކޮމިއުނިޓީ އެވެ. މި މެޗުގައި ބޮޅު ކޮމިއުނިޓީ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު އިމާޒް (އާއްކޮ) އާއި އަލީ ޝާފިއު އެވެ. އާއްކޮ އަކީ ކުރިން ގައުމީ ޓީމަށް ކުޅެ މިހާރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިއެކެވެ. ބޮޑު ހިތި ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ސިޔާން އެވެ. މި ގްރޫޕުގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކުން މެޗެއް ކުޅެފައިވާއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ކަންމަތި އެފްސީ އާއި ރޭގެ މެޗު ކާމިޔާބުކުރި ބޮޅު ކޮމިއުނިޓީއަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގޯލުގެ ތަފާތުން ކަންމަތި ޓީމަށް އެއް ވަނަ ލިބޭއިރު ދެ ވަނައިގައި އޮތީ ބޮޅު ކޮމިއުނިޓީ އެވެ. ތިން ވަނައިގައި އޮތް ބޮޑު ހިތި ޓީމާއި ހަތަރު ވަނައިގައި އޮތް ހުރާ އެފްސީއަށް ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ސީގައި ރޭ ބްލެކް އީގަލްއާ ދެކޮޅަށް އެފްސީ ސްޕެރަންޒާ ކުޅުނު މެޗުން އެޓީމު ވަނީ 5-2 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގައި ސްޕެރަންޒާގެ ގޯލުތައް ޖަހައިދިނީ ހަސަން މާޒިން އާއި ހުސައިން ނޫރިޝް އަދި އިބްރާހީމް ޖުނާހް އެވެ. މެޗުގައި މާޒިން އާއި ނޫރިޝް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބްލެކް އީގަލްގެ ދެ ގޯލު ޖަހައިދިނީ އަލީ ޝައުކަތު އާއި މުހައްމަދު ޔަޒީދު އެވެ. މެޗުގައި ބްލެކް އީގަލްގެ އަހުމަދު ހަޒުރަތަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޕެރަންޒާ ޓީމުގެ މާޒިން އެވެ.

ތިން ޓީމު ހިމެނޭ ގްރޫޕް ސީގައި ކުޅުނު ދެ މެޗުން ވެސް ބަލިވުމުން ބްލެކް އީގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި ބްލެކް އީގަލް ވަނީ އެޕޮކަލިޕްސް އަތުން 5-1 އިން ބަލިވެފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތް އެޕޮކަލިޕްސް އާއި ދެ ވަނައިގައި އޮތް ސްޕެރަންޒާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުގެ އެއް ވަނަ ކަށަވަރުވާނީ މި ދެޓީމުގެ ކުރިމަތިލުމުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ތިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ތިން ޓީމަށެވެ. ސެމީގެ ބާކީ ޖާގަ ލިބޭނީ ދެ ވަނަ ޓީމުގެ ގޮތުގައި އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފް މެޗަކަށް ފަހު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ޕްލޭ އޮފް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނުވަ ވަނަ ދުވަހުގެ ރެ އެވެ. ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޑިސެމްބަރު 11 ވާ ބުދަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ތުލުސްދޫގައި އޮންނާ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭގަނޑު އެވެ.

މިޔެޓް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިންމަފުށި ޓީމު ބަލިކޮށް ހޯދީ ތުލުސްދޫ ކަންމަތި އެފްސީ އެވެ. މި މުބާރާތް ކޮންމެ އަހަރަކު ވެސް ހުޅުވާލަނީ ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި މާލެ އަތޮޅުގެ ބައެއް ރިސޯޓުތަކަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 10،000 ރުފިޔާ ދޭނެ އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ރަނަރަޕް ޓީމަށް ދިނީ 5000 ރުފިޔާ އެވެ.

މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި މިއެޓް ޖަމިއްޔާއިން ހަމަޖައްސާފައިވަނީ “ފަހުމިނެޓް” އާއި ބޯޅަ އެމްވީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *