މުޅި ދުނިޔެއިން ހޮވާލި ވޯލްޑް ހޯޕްސް ސްކޮޑުން ދީމާ އަށް ފުރުސަތު ލިބިއްޖެ

Advertisement

މުޅި ދުނިޔެއިން ހޮވާލި ވޯލްޑް ހޯޕްސް ސްކޮޑުން ދީމާ އަށް ފުރުސަތު ލިބިއްޖެ

ޢަބްދުﷲ އަޝްރަފް
މިހާރު ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ދީމާ ވާދަކުރި މެޗެއްގެ ތެރެއިން – ފޮޓޯ : މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

12 އަހަރުން ދަށުގެ ޓޭބަލް ޓެނިސް ކުޅުންތެރިންގެ ތެރެއިން މުޅި ދުނިޔެއިން ހޮވާލި އެންމެ މޮޅު ކުޅުންތެރިން ހިމެނޭ ވޯލްޑް ހޯޕްސް ސްކޮޑުން ރާއްޖޭގެ އެންމެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ފުރުސަތު ލިބިއްޖެއެވެ.

ދުނިޔޭގެ ޓީޓީގެ މައި އިދާރާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން އިން އެކުލަވާލި ވޯލްޑް ހޯޕްސް ސްކޮޑަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ބޭއްވި 12 އަހަރުން ދަށުގެ ކުދިންގެ މުބާރާތްތަކުން ހޮވާލެވުނު ކުދިން ހިމެނޭ ސްކޮޑެކެވެ. ވޯލްޑް ހޯޕްސް ސްކޮޑުން ފުރުސަތު ލިބެނީ ސަރަހައްދީ ފެންވަރުގައި ބާއްވާ ހޯޕްސް މުބާރާތްތަކުން ހޮވިގެން ވޯލްޑް ހޯޕްސް މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ކުޅުންތެރިންނަށެވެ. ދީމާ ވަނީ މިއަހަރުގެ ކުރީކޮޅު އިންޑިއާ ގައި އޮތް ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި ތައިލޭންޑްގައި އޮތް އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހާސިލްކޮށްފައެވެ. އެއާއެކު ދީމާ އަށް ވޯލްޑް ހޯޕްސް މުބާރާތުން ފުރުސަތު ލިބުނު ނަމަވެސް އެ މުބާރާތް ބެއްވި ދުވަސްވަރާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވި ދުވަސްވަރާ ދިމާވާތީ ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް މިއަހަރު ބޭއްވި ހޯޕްސް މުބާރާތްތަކުގައި ދީމާ ދެއްކި މޮޅު ކުޅުމަށް ބަލައި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ދީމާ އަށް ފުރުސަތު ދިނީ އެވެ.

ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕާއި އޮލިމްޕިކްސް ފަދަ ބޮޑެތި މުބާރާތްތަކުގައި މެޑައްޔަކަށް ވާދަކުރެވޭ ވަރުގެ ޓީޓީ ކުޅުންތެރިން ދުނިޔޭގެ އެކި ހިސާބުތަކުން ނެރުމަށްޓަކައި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ކުރިއަށްގެންދާ ހޯޕްސް ޕްރޮގްރާމްގެ ދަށުން މިފަހަރު އެކުލަވާލި ވޯލްޑް ހޯޕްސް ސްކޮޑުން ދީމާ އަށް ފުރުސަތު ލިބިފައިވާއިރު އެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަށް މި މަހުގެ 12 އިން 19 އަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްގައި ދީމާ ބައިވެރިވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ޓީޓީ ރޭންކިންގެ އެއް ވަނައިގައި އޮތް ޗައިނާގެ ނިންގްބޯ ގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާރާމްގައި ދުނިޔޭގެ އެކި ހިސާބުތަކުން ނުވަ ފިރިހެން ކުދިންނާއި ނުވަ އަންހެން ކުދިން ބައިވެރިވެއެވެ. ވޯލްޑް ހޯޕްސް ސްކޮޑްގެ ތަމްރީން ކޭމްޕްގައި ބައިވެރިވުމަށް ދީމާ ޗައިނާ އަށް ފުރާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ވޯލްޑް ހޯޕްސް ސްކޮޑްގެ ތަމްރީން ކޭމްޕް ކުރިއަށްދާއިރު ކުޅުންތެރިންގެ އިތުރުން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކުގެ ކޯޗުންވެސް ބައިވެރިވާނެއެވެ. ޓްރެއިނިންގް ކުރިއަށްދާ ހަފްތާގެ ފުރަތަމަ ހަ ދުވަސް ހާއްސަ ކުރެވިފައިވަނީ ތަމްރީންތަކަށެވެ. އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ހައި ޕާފޯމެންސް މެނޭޖަރ ގެ އިތުރުން ޗައިނާގެ މަޝްހޫރު ކޯޗުންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ތަމްރީންތަކަށްފަހު ކޭމްޕްގެ ފަހު ދުވަހު އޮންނާނީ ކުޅުންތެރިންގެ މެދުގައި ބޭއްވޭ މުބާރާތެވެ. މި ކޭމްޕުން އެންމެ ރަގަޅު ނަތީޖާ ހޯދާ ކުދިންނަށް ދެން ފުރުސަތު ލިބޭނީ އަންނަ އަހަރު އޮންނަ ވޯލްޑް ހޯޕްސް ކެޑޭޓްގައި ބައިވެރިކުރާ ވޯލްޑް ހޯޕްސް ޓީމުންނެވެ. އެޓީމުން ފުރުސަތު ލިބޭ ކުޅުންތެރިން ހޮވާއިރު ކުޅުންތެރިން ދައްކާ ކުޅުމުގެ އިތުރުން ކުޅުންތެރިންގެ ކުޅިވަރު އަހްލާގާއި، އެ ކުޅުންތެރިއަކު އެހެން ކުޅުންތެރިންނަށް ކުރާ އިހްތިރާމާއި އެފަދަ އެތައް ކަމަކަށް ބަލާނެއެވެ.

މިއީ މުޅި ދުނިޔެއިން ހޮވާލެވުނު ޓީޓީ ކުޅުންތެރިން ހިމެނޭ ސްކޮޑެއްގައި ރާއްޖޭގެ ކުޅުންތެރިއަކު ހިމެނުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސްކޮޑްގައި ދެކުނު އޭޝިއާ ސަރަހައްދުން ދީމާގެ އިތުރުން ހިމެނެނީ އިންޑިއާގެ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން މި ސްކޮޑްގައި ދެކުނު އެމެރިކާ ސަރަހައްދު ފިޔަވައި ދެން އޮތް ފަސް ބައްރުން ހޮވާލެވުނު ކުޅުންތެރިން ހިމެނިފައިވެއެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް މިވަގުތު ނޭޕާލަށް ގޮސް ހުރި ދީމާ ވަނީ ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓުގައި ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ގޭމްސްގެ ޓޭބަލް ޓެނިސް އޯޕަން ކެޓަގަރީގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައި މުބާރާތުގައި ބައިވެރިވި އެންމެ މޮޅު އަންހެން އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

އުމުރުން 12 އަހަރުގެ ދީމާ ވަނީ މިއަހަރު ޖުލައި މަހު މޮރިޝަސް ގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ  އަންހެން ޓީޓީ އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައިދނުމުގައި ބޮޑު ހިއްސާއެއް އަދާކޮށްދިނުމުގެ އިތުރުން އެ މުބާރާތުގެ އޯޕަން ކެޓަގަރީގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުން  ރަން މެޑަލް ހޯދައިފައެވެ. ދީމާ ވަނީ މިއަހަރުގެ ތެރޭގައިވެސް ޗައިނާގައި މަތީ ފެންވަރުގެ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. ވޯލްޑް ހޯޕްސް ކޭމްޕްގައި ބައިވެރިވުމަށް އަންނަ ބުދަ ދުވަހު ދީމާ ޗައިނާ އަށް ފުރަން ހަމަޖެހިފައިވާ އިރު ދީމާ އާއެކު ކޯޗެއްގެ ގޮތުގައި ދާނީ ރާއްޖޭގެ ޓީޓީ ޓިމުގެ ކޯޗް އިބްރާހިމް ޝިއުރީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *