ކުޅުންތެރިންގެ ނަން މި ކިޔެނީ ހަމަ ރަނގަޅަށްތަ؟

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު ނަންތަކަކީ ދިވެހިންގެ ތެރޭގައިވެސް އެންމެ މަޝްހޫރު ނަންތަކެވެ. ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ، ކިލިއަން އެމްބާޕޭ އޭ ބުނީމާ އެއީ ކާކުކަން ނޭނގޭ ދިވެހިން މިހާރު ހަމަ ވަރަށް މަދުވާނެ އެވެ. އެކަމަކު ޔޫރަޕާއި އެމެރިކާ އަދި އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މޮޅެތި ކުޅުންތެރިންނަކީ ދިވެހިންނަށް ވަރަށް ފަރިތަ ބަޔަކަށްވިޔަސް އޭގެތެރެއިން ބައެއް ކުޅުންތެރިންގެ ނަންތަކަކީ ދިވެހި ދޫތަކަށް ކިޔަން އެހާ ފަސޭހަ ނަންތަކެއް ނޫނެވެ. އެފްރިކާގެ ބައެއް ގައުމުތަކާއި ޔޫރަޕަށް ނިސްބަތްވާ ރަޝިއާ، ގްރީސް އަދި ސްކެންޑެނޭވިޔާ ގެ ގައުމުތަކުގެ ކުޅުންތެރިންގެ ނަންތަކަކީ ދިވެހިންނަށް ކިޔަން އެހާ ފަސޭހަ ނަންތަކެއް ނޫނެވެ. ދިވެހި ބަހުގެ އަޑުތަކަކީ ނިސްބަތުން ބަލާއިރު ވަރަށް ގިނަ ތަފާތު އަޑުތަކެއް އެކުލެވޭ އަކުރުތަކެއްގެ މައްޗަށް އެކުލެވިފައިވާ ބަހަކަށް ވާއިރުވެސް ކަން އޮތީ މިގޮތަށެވެ. އެހެންނަމަވެސް މިއީ ހަމައެކަނި ދިވެހިންނަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އަމިއްލަ ގައުމުގެ މީހުން ފިޔަވައި އެހެން ގައުމުގެ މީހުންނަށް ކިޔަން އުނދަގޫ ކިތަންމެ ނަމެއް އެބަހުއްޓެވެ. ފޮނަޓިކްސްގެ އުސޫލަށް ތަބާ ނުވާގޮތަށް ލިޔެ އުޅޭ ކިތަންމެ ނަމެއް އެބަހުއްޓެވެ. އަދި ބައެއް ގައުމުތަކުގައި އިނގިރޭސި އަކުރުތަކުގެ އަސްލު އަޑުގެ ބަދަލުގައި އެހެން އަޑެއް ބޭނުންކުރާ ގައުމުތައް ވެސް އެބަހުއްޓެވެ. މިސާލަކަށް އިނގިރޭސި އަލްފަބެޓްގައި ހިމެނޭ ޖޭ ގެ އަޑަކީ ‘ޔ’ ކަމުގައި އެއްބަޔަކު ބަލާއިރު އަނެއް ބަޔަކަށް އެއީ  ‘ހ’ އެވެ.

މިސަބަބާހުރެ ކަންނޭނގެ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގާއި ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ކުޅުންތެރިންގެ ނަން ކިޔާނޭ ގޮތުގެ ގައިޑެއް ޔުއެފާއިން ނެރެއެވެ. އެގޮތުން މިއަހަރު ނެރެފައިވާ ގައިޑަށް ބަލާލުމުން އެނގެނީ ބައެއް ކުޅުންތެރިންގެ ނަންތައް އަހަރުމެންނަށް މިކިޔެނީ ރަނގަޅަށް ނޫންކަމެވެ. އަދި އޭގެތެރޭގައި ވަރަށް މަޝްހޫރު ކުޅުންތެރިންވެސް އެބަ ހިމެނެ އެވެ. އޭގެތެރެއިން ބައެއް ނަންތައް މިތަނުގައި ފާހަގަ ކޮށްލަމާ ހިނގާށެވެ.

މި ސީޒަނަށް އެންމެ ބޮޑު އަގުގައި ކްލަބު ބަދަލުކުރީ ކޮން ކުޅުންތެރިއެއްކަން އެނގޭ ނޫންހެއްޔެވެ؟ ޕޯޗްގަލްގެ ބެންފީކާއިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް 142 މިލިއަން ޑޮލަރުގެ ފީއަކަށް ބަދަލުވި މި ޒުވާން ކުޅުންތެރިޔާގެ ނަން އިނގިރޭސި އަކުރުން ލިޔަނީ Joao Felix މިގޮތަށެވެ. މިނަން ދިވެހި ލިޔެކިޔުންތަކުގައި ތަފާތު ގޮތްގޮތަށް ބޭނުންކުރާތަން އެބަ ފެނެ އެވެ.  ޔާއޯ ފެލިކްސް، ފީލިކްސް، ޖޯ ފެލިކްސް ، ޖާއޯ ފެލިކްސް މިއީ ހައްތަހާވެސް އޭނާގެ ނަން ބޭނުންކުރެވޭ ގޮތްގޮތެވެ. އެހެންނަމަވެސް ޔުއެފާ އިން ނެރެފައިވާ ޕްރޮނައުންސިއޭޝަން ގައިޑް ބުނާގޮތުން މިކުޅުންތެރިޔާގެ ނަން ކިޔާ ގޮތަކީ (Joo-wow Fay-lish) ޖޫ ވޯ ފޭލިޝް އެވެ.

އެތުލެޓިކޯއިން ބާސެލޯނާއަށް ބަދަލުވި އޮންޓުއަން ގްރީޒްމަން ގެ ފުރަތަމަ ނަންވެސް ތަފާތު ގޮތްގޮތަށް ލިޔެވިފައި ހުރެއެވެ. Antoine   މިނަން ޔޫއެފާއިން ބުނަނީ ލިޔެކިޔައި އުޅެންޖެހޭނީ An-twan  އަންޓުވަން މިގޮތަށެވެ.

ލިވަޕޫލަށް ކުޅޭ ސްވިޓްޒަލެންޑްގެ ވިންގަރ ގެ ނަމަކީ ވެސް އާދަޔާހިލާފު ނަމެކެވެ. ޒެރްޑަން ޝަގީރީ ގެ ނަމުން ދިވެހިން ދަންނަ މިކުޅުންތެރިޔާގެ އަސްލުނަން Xherdan Shaqiri މިގޮތަށް އިނގިރޭސިން ލިޔެއުޅޭއިރު އެނަން އަސްލު ޕްރޮނައުންސް ކުރަން ޖެހެނީ  Jer-dan Shat-cheery ޖަރޑަން ޝަޗީރީ މިގޮތަށެވެ.

މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާގެ ގޮތުގައި އެންމެން ދަންނަ މަޝްހޫރު ކުޅުންތެރިޔާގެ ސަރ ނޭމްގެ ތަފާތު އެތައް ‘ވާޝަނެއް’ އުޅޭއިރު ޔުއެފާއިން ރަސްމީކޮށް އޭނާގެ ނަން ލިޔެ އަދި ކިޔާ އުޅެނީ De Brurner މިގޮތަށެވެ.

ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ޑިފެންޑަރ ކުޒާވާ ގެ ނަން Layvin Kurzawa މިގޮތަށް ލިޔާއިރު އެނަމުގެ އަސްލު ޕްރޮނައުންސިއޭޝަނަކީ Lay-van Kur-java ލޭވަން ކަރ ޖާވާ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ޕޮލެންޑުގެ ޑިފެންޑަރުގެ ނަމަކީ ވަރަށް އާދަޔާހިލާފު ނަމެކެވެ. މިހާތަނަށް އޭނާގެ އާއިލާ މީހުންފިޔަވައި އެހެން މީހަކު އެނަން އަސްލު ކިޔަން ޖެހޭ ގޮތަށް ކިޔާފައިވުމާމެދު ވެސް ޝައްކުވާހާވެ އެވެ. އެނަން Lukasz Piszczek މިގޮތަށް ލިޔާއިރު އެނަން ކިޔަން ޖެހެނީ Woo-cah Peesh-check ވޫކައް ޕީޝް ޗެކް މިގޮތަށެވެ.

މީގެ އިތުރުންވެސް ވަރަށް ގިނަ ކުޅުންތެރިންގެ ނަންތައް ކިޔަންވީގޮތް ޔުއެފާގެ ގައިޑުގައި ވެއެވެ. އޭގެތެރެއިން ބައެއް ނަންތައް އިނގިރޭސި އަކުރުން މިތާ ފާހަގަ ކޮށްލާނަމަވެ.

ނަން ލިޔެފައި އޮންނަ ގޮތް ޔޫއެފާގެ ލިސްޓުގައި އިންނަ ގޮތް
Koke  Cokka
Clément Lenglet  Long-lay
Jérome Boateng  Jeh-rom Bwa-teng
Marco Reus    Royce
Juan Cuadrado  Wan Kwad-rard-o
Ilkay Gündogan 
 Gabriel Jesus  
Eel-kye Gun-doe-wan
Jay-zooss
N’Golo Kanté    Con-tay
Toni Kroos  Crowss
Gonçalo Guedes 
Daniel Parejo 
Manu Vallejo 
Gon-sarlo Gair-diss 
Pa-ray-ho          
 Val-ay-ho

ކޮންމެއަކަސް ގިނަ ފަހަރަށް ނަންތައް އަސްލު ކިޔަންވާ ގޮތަށް ނުކިޔަނީ ވަކި ބައެކޭވެސް ބުނެވޭކަށް ނެތެވެ. ގިނަ ފަހަރަށް މަޝްހޫރު ޓީމުތަކުގެ މެޗުތައް ލައިވް ކުރާއިރު އެންމެ މަޝްހޫރު ކޮމެންޓޭޓަރުން ވެސް ކުޅުންތެރިންގެ ނަންތައް ކިޔަނީ މި ގައިޑުގައި ވާގޮތަކަށް ނޫނެވެ. ހަމަގައިމުވެސް އެތުލެޓިކޯ މެޑްރިޑް ކުޅޭއިރު ފޭލިޝް އޭ ކިޔާ އަޑެއް ނީވެ އެވެ.

ކޮމެންޓް