ފީފާ އެވޯޑްގައި މިސްރުން ސަލާހަށް ލަނޑު ދިނީތަ؟

ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ފީފާ އިން ނެގި ވޯޓުގައި އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އަށް ލިބުނު ދެ ވޯޓް ކެޕިޓަލް އަކުރުން ނަން ލިޔެފައި އޮތުމުން ސައްހަކަމަށް ބަލައިފައި ނުވާނެކަމަށް ފީފާ އިން ބުނެފިއެވެ. މި ދެ ވޯޓަކީ މިސްރުގެ ގައުމީ ޓީމުގެ ކޯޗްކަމުގެ މަގާމާއި ވަގުތީ ގޮތުން މިވަގުތު ހަވާލުވެހުރި ޝައުގީ ގަރީބް އާއި ގައުމީ ޓީމްގެ ކެޕްޓަން އަހްމަދު އަލް މުހައްމަދީ ދިން ވޯޓެވެ.

“ވޯޓިންގް ފޯމްގައި ނަން ލިޔެފައި އޮތީ ކެޕިޓަލް އަކުރުން. އެހެންވެ އެއީ ސައްހަ ވޯޓެއް ނޫން ކަމަށް ނިންމީ.” ފީފާ އިން ބުނެފައިވެއެވެ.

އޭގެ އިތުރުން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ ސޮއިވެސް ފޯމުގައި ނެތްކަމަށް އެނގިފައިވެއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ބުނެފައިވަނީ ވޯޓްގެ ކަންކަން މޮނިޓަރ ކޮށް ބަލަހައްޓަނީ މިނިވަން އޮބްޒާވަރެއް މެދުވެރިކޮށް ކަމަށާއި، މިސްރުގެ ފުޓްބޯޅަ އިދާރާ އިން ހުށަހެޅި ފޯމް އިސްލާހު ކުރުމަށްފަހު އަލުން ފޮނުވުމަށް އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ދެ ފަހަރެއްގެ މަތިން ފީފާ އިން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެންގި ނަމަވެސް ވޯޓް ގުނުމާ ހަމައަށް އައިއިރުވެސް އިސްލާހްކުރި ފޯމް ފީފާ އަށް ލިބިފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފައިވެއެވެ.

ފީފާ އިން އިތުރަށް ބުނެފައި ވަނީ ވޯޓްލުމަށް ހުޅުވާލި ފަހުން މިސްރުގެ ފުޓްބޯޅަ އިދާރާގެ އޮނިގަނޑަށް ބަދަލުތަކެއް އައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފްލާގައި ފީފާއިން ހޮވި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ. މި މަގާމަށް މެސީ އާ ވާދަކޮށްފައިވަނީ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. ސަލާހަށް ލިބުނީ ހަތަރު ވަނަ އެވެ.

ސަލާހަށް ލިބުނު ވޯޓްތަކުގެ ތެރެއިން ސައްހަ ނޫނަކަމަށް ނިންމި ދެ ވޯޓުން ނަތީޖާ އަށް އެއްވެސް އަސަރެއް ނުކުރި ނަމަވެސް އެވޯޑް ހަފްލާ އަށްފަހު ސަލާހް ވަނީ އޭނާގެ ޓްވިޓާ ޕްރޮފައިލް އިން މިސްރުގެ ނަން ފުހެލައިފައެވެ. މިހާރު ސަލާހްގެ ޕްރޮފައިލް އިން ފެންނަން  އޮންނަނީ “ފުޓްބޯލާ ފޮ ލިވަޕޫލް އެފްސީ” މިހެންނެވެ. މީގެ އިތުރުން އެކަމާ ގުޅުވައިގެން މިސްރުގެ ފުޓްބޯޅަ އިދާރާއަށް ރައްދުވާ ގޮތަށް ކަމަށް ދޭހަވާ އިބާރާތަކުން ޓްވީޓެއް ސަލާހް ވަނީ ކޮށްފައެވެ. “މިސްރު ދެކެ އަހަރެން ވާ ލޯތްބަށް ބަދަލެއް ގެންނަން ކޮންމެ މަސައްކަތެއް އެ މީހުން ކުރިއަސް އެކަން އެމީހުންނަކަށް ކާމިޔާބެއް ނުވާނެ” ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އިދާރާ ގެ ރައީސް އަމްރު އަލް ގަނައިނީ ވިދާޅުވެފައިވަނީ ސަލާހް އާއި އޭނާ ވާހަކަދައްކައިފައިވާ ކަމަށާއި އަދި އެކަން ހިނގާފައިވަނީ އިދާރީ ގޮތުން ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ކަމަށް އޮޅުންފިލުވައިދީފައިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އެވޯޑްގައި ސަލާހް އަށް ވަނީ ތިން ވަނައަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބިފައެވެ. އަދި އެންމެ މޮޅު ގޯލްގެ އެވޯޑް ވެސް މިދިޔަ އަހަރު ލިބުނީ ސަލާހް އަށެވެ.

ފީފާ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ނަގާ ވޯޓްގައި ކޮންމެ ގައުމަކަށްވެސް ތިން ވޯޓް ދޭން ފުރުސަތު ދެއެވެ. އެއީ ގައުމީ ޓީމުގެ ކޯޗާއި ކެޕްޓަންގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ފަރާތަކަށް ލިބޭ ފުރުސަތެކެވެ. މިސްރުގެ ކޯޗާއި ކެޕްތަން، ސަލާހް އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދިން އިރު މީޑިއާ ތަމްސީލްކުރި ފަރާތުން އެއް ވަނަ ދިނީ ސަޑިއޯ މާނޭ އަށެވެ. އެފަރާތުން ސަލާހަށް ދިނީ ތިން ވަނަ އެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ސަލާހް އާ ދެމެދު މިދިޔަ އަހަރުވެސް ނުތަނަވެސްކަން އުފެދުނެވެ. ގައުމީ ޓީމުން ވަކިވުމަށް އެކި ކަހަލަ ފިއްތުންތައް ސަލާހް އަށް ކުރިމަތިވި ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ފުޓަްބޯޅަ މުބާރާތުގެ އިތުރުން މިއަހަރު އޮތް އެފްރިކާ ކަޕް ގައިވެސް މިސްރުގެ ގައުމީ ޓީމަށް ކުޅެފައެވެ.

ކޮމެންޓް