އެންމެ ބޮޑު ހޭދައެއް ކުރާ ޔޫރަޕްގެ 10 ކްލަބް

ފުޓްބޯޅަ ކުޅުންތެރިންގެ އަގު ހަލުވި ދުވެލީގައި މަތިވަމުންދާ މިދުވަސްވަރު ކްލަބްތަކުން ކުޅުންތެރިން ހޯދުމަށް ކުރާ ހޭދަ މިދަނީ އާދަޔާހިލާފަށް ބޮޑުވަމުންނެވެ. ހާއްސަކޮށް ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅުންތެރިންގެ އަގު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ބައެއް ފުޓްބޯޅަ މާހިރުން ގަބޫލުކުރެ އެވެ. 2000 ގެ އަހަރުތަކަށް ފެށުނުއިރު ކުޅުންތެރިންގެ އަގު 50 މިލިޔަނަކަށް ނާރަ އެވެ. އެކަމަކު 2017 ވަނަ އަހަރު ވަނީ ކުޅުންތެރިއެއްގެ ޓްރާންސްފާ އަށް 220 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފަ އެވެ. ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ކްލަބްތަކަށް ބަލާއިރު ބައެއް ކްލަބްތަކަކީ ޒަމާނުއްސުރެ މުއްސަނދި އަދި ބޮޑު އަގުގައި ކުޅުންތެރިން ގަނެގެން ކުޅުވާ ޓީމުތަކެވެ. އޭގެތެރޭގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ޓީމުތައް ހިމެނެ އެވެ. އަނެއްބައި ޓީމުތަކަކީ ދާދިފަހަކުން ބޮޑު މުއްސަންޖަކު ނުވަތަ މުއްސަނދި ގުރޫޕެއް ކްލަބް ގަތުމަށް ފަހު އެޓީމުތަކަށް ކުޅުންތެރިން ހޯދުމަށް ބޮޑެތި ހޭދަތައް ކުރާ ޓީމުތަކެވެ. އޭގެތެރޭގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ އަދި ޕީއެސްޖީ ހިމެނެ އެވެ.

ދާދިފަހަކުން ސްވިޒަލެންޑުގެ ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީއިން ހެދި ސްޓަޑީއަކަށް ބިނާކޮށް މިމަހު 9 ގައި ނެރުނު ރިޕޯޓްގައި ވާގޮތުން ފުޓްބޯޅަ ޓީމެއްގެ މުޅި ސްކޮޑަށް ޓީމަކުން ކުރި ޖުމްލަ ހަރަދު އެއްބިލިއަން ޔޫރޯ ފަހަނައަޅައިގޮސްފި އެވެ. އެގޮތުން އެއް ބިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކުރި ޓީމަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެވެ. ސިޓީ ގެ ސްކޮޑްގެ ޖުމްލަ އަގަކީ 1014 މިލިއަން ޔޫރޯ އެވެ. އިނގިރޭސި ޕްރިމިއަރ ލީގު، ސްޕޭންގެ ލަލީގާ، ޖަރުމަން ބުންޑަސްލީގާ، އިޓަލީގެ ސެރިއާގެ އަދި ފުރާންސްގެ ލީގު 1 ގެ  ހުރިހާ ޓީމެއް ހިމަނައިގެން ހެދި މިސްޓަޑީގައި ވަނީ އެހުރިހާ ޓީމެއްގެ މުޅި ސްކޮޑް އަގުކޮށްފަ އެވެ. ސީއައިއީއެސްގެ މިރިޕޯޓް ބުނާގޮތުން މިލިސްޓްގެ ދެވަނައިގައި އޮތީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. ޕީއެސްޖީގެ ސްކޮޑްގެ އަގަކީ 913 މިލިއަން ޔޫރޯ އެވެ. މިލިސްޓްގެ ގަދަ 5 ގައި ދެން ހިމެނެނީ 903 މިލިއަން ޔޫރޯއާ އެކު ރެއާލް މެޑްރިޑް، 751 މިލިއަން ޔޫރޯއާ އެކު މެންޗެސްޓަރ ޔުނައިޓެޑް އަދި 719 މިލިއަން ޔޫރޯއާ އެކު ޔުވެންޓަސް އެވެ. މިލިސްޓްގެ އަނެއްކޮޅަށް ބަލާނަމަ އެންމެ އަގުހެޔޮ ސްކޮޑެއް އޮތީ ޖަރުމަންގެ ބުންޑަސްލީގާގެ 15 ވަނައިގައި މިވަގުތު އޮތް ޕެޑަރބޯން07 އެވެ. މިކުލަބުގެ ސްކޮޑްގެ ޖުމުލަ އަގަކީ އެންމެ 4 މިލިއަން ޔޫރޯ އެވެ.

ވަކިވަކި ލީގުތަކަށް ބަލާނަމަ ޕްރިމިއަރ ލީގުގެ އެންމެ މަތީގައި މެންޗެސްޓަރގެ ދެކުލަބު އޮތްއިރު ދެން އެންމެ ބޮޑު 5 ގައި ހިމެނެނީ ލިވަރޕޫލް (639 މިލިއަން)،  ޗެލްސީ (561 މިލިއަން) އަދި އާސެނަލް (498 މިލިއަން) އެވެ. އެންމެ އަގުހެޔޮ ކުލަބަކީ 32 މިލިއަން ޔޫރޯގެ ސްކޮޑެއް އޮތް  ނޯވިޗް ސިޓީ އެވެ. ޕްރިމިއަރ ލީގުގެ ކްލަބްތަކުގެ ސްކޮޑް އެވްރެޖް އަގަކީ 345 މިލިއަން ޔޫރޯ އެވެ.

ސްޕޭންގެ ލަލީގާގެ އެންމެ އަގުބޮޑު ކްލަބުގެ ގޮތުގައި ރެއާލް އޮތްއިރު މި ލިސްޓުގެ ކުރީގައި އުޅެނީ ދެ ވަނައިގައި ބާސެލޯނާ (697 މިލިއަން)، ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑް (550 މިލިއަން) ، ހަތަރު ވަނައިގައި ވެލެންސިއާ (266 މިލިއަން) އަދި ފަސް ވަނައިގައި ސެވިއްޔާ (207 މިލިއަން) އެވެ. އެންމެ އަގުހެޔޮ ސްކޮޑަކީ 6 މިލިއަން ޔޫރޯގެ މަޔޯކާގެ ސްކޮޑެވެ. ލަލީގާގެ ކްލަބުތަކުގެ ސްކޮޑް އެވްރެޖް އަގަކީ 167 މިލިއަން ޔޫރޯ އެވެ.

ފުރާންސް ލީގު1 ގެ އެއް ވަނައިގައި ޕީއެސްޖީ އޮތްއިރު ދެ ވަނައިގައި މޮނާކޯ އޮތީ 348 މިލިއަން ޔޫރޯއާ އެކު އެވެ. ތިން ވަނައިގައި އޮލިމްޕިކް ލިޔޯން (220 މިލިއަން) އޮތް އިރު 4 ވަނަ އަދި 5 ވަނައިގައި އޮތީ އޮލިމްޕިކް މާސޭ (176 މިލިއަން) އާއި ލީލް (133 މިލިއަން) އެވެ. މިލީގުގައި ސްކޮށް އެންމެ އަގުހެވީ ނީމްސްގެ ސްކޮޑެވެ. އެއީ 8 މިލިއަން އެވެ. މިލީގުގެ ސްކޮޑްތަކުގެ އެވުރެޖް އަގަކީ 118 މިލިއަން ޔޫރޯ އެވެ.

އިޓަލީގެ ސެރިއާގެ އެންމެ ކުރީގައި ޔުވެންޓަސް އޮތް އިރު ދެން މިލިސްޓްގެ އެންމެ ކުރީގައި އުޅެނީ އޭސީ މިލާން (408 މިލިއަން) އިންޓަރ މިލާން (364 މިލިއަން)، ނަޕޯލީ (325 މިލިއަން) އަދި ރޯމާ (254 މިލިއަން) އެވެ. މިލީގުގެ އެންމެ އަގުހެޔޮ ސްކޮޑަކީ 11 މިލިއަން ޔޫރޯގެ ލެއްޗެގެ ސްކޮޑެވެ. ސެރިއާގެ ސްކޮޑް އެވްރެޖް  އަގަކީ 167 މިލިއަން ޔޫރޯ އެވެ. މިއަގަކީ ލަލީގާގެ ވެސް އެވްރެޖް އަގުކަން ފާހަގަކޮށްލެވެ އެވެ.

ޖަރުމަނުގެ ބުންޑަސްލީގާއަށް ބަލާނަމަ އެންމެ އަގުބޮޑު ސްކޮޑް އޮތީ ބަޔާން މިއުނިކްގަ އެވެ. 352 މިލިއަން ޔޫރޯގެ ސްކޮޑެއް ބަޔާންގައި އޮތް އިރު ދެ ވަނައިގައި އޮތީ 321 މިލިއަން ޔޫރޯއާ އެކު ބޮރޫޝިއާ ޑޯޓްމަންޑެވެ. ތިން ވަނައިގައި ބަޔާން ލެވަކޫސަން (251 މިލިއަން) އޮތްއިރު 4 ވަނައިގައި އޮތީ އާރުބީ ލިޕްޒިގް (197މިލިއަން) އެވެ. އަދި ފަސް ވަނައިގައި ވުލްފުސްބާގް (176މިލިއަން) އެވެ. މިލީގުގެ ސްކޮޑްތަކުގެ އެވްރެޖް އަގަކީ 124 މިލިއަން ޔޫރޯ އެވެ.

އެންމެ އަގުބޮޑު ސްކޮޑް އޮތް 10 ކުލަބު (ޔޫރޯއިން)

1- މެންޗެސްޓަރސިޓީ 1014 މިލިއަން

2- ޕީއެސްޖީ  913 މިލިއަން

3- ރެއާލް މެޑްރިޑް 903 މިލިއަން

4- މެންޗެސްޓަރ ޔުނައިޓެޑް 751 މިލިއަން

5- ޔުވެންޓަސް 719 މިލިއަން

6- ބާސެލޯނާ 697 މިލިއަން

7- ލިވަޕޫލް 639 މިލިއަން

8- ޗެލްސީ 561 މިލިއަން

9- އެތުލެޓިކޯ މެޑްރިޑް 550 މިލިއަން

10- އާސެނަލް 498 މިލިއަން

ކޮމެންޓް