ޔޫރަޕްގެ އެންމެ ކުރީގައި ލިވަޕޫލް

ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ފެށި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މެޗްތައް ކުޅުމަށް ލީގުތައް މެދު ކަނޑާލާފައި ވާއިރު ބައެއް ޓީމުތަކުން ސަޕޯޓަރުންގެ އުއްމީދުތަކާއި ގުޅިފައިވާ ކުޅުމެއް ދައްކާފައިވާއިރު އަނެއް ބައިޓީމުތަކުން ފެނިފައިވަނީ ސަޕޯޓަރުން މާޔޫސްވާފަދަ ކުޅުމެކެވެ. ބައެއް ބޮޑެތި މަޝްހޫރު ކުލަބުތަކުން އެޓީމުތަކުގެ ފެންވަރު ސާބިތުކޮށްދެމުން ދާއިރު އެފަދަ އެހެން ކުލަބުތަކުން އަދި އުޅެނީ ހަމަޖެހުމުގެ ނޭވާއެއް ލާނޭ ފުރުޞަތު ނުލިބިގެންނެވެ. އެހެންނަމަވެސް އަދި ހަމަ މިއީ ސީޒަންގެ ފެށުން ކަމަށްވާތީ ހުރިހާ ޓީމުތަކުން ވެސް، ޓީމުތަކުގެ ސަޕޯޓަރުން ވެސް އަދި ތިބީ އުއްމީދުގަ އެވެ. އެކަމަކު ވެސް މިހާ ހިސާބަށް ފެނިފައިވާ ކުޅުމަށްބަލާފައި މިސީޒަނުގައި ލީގުތަކުގެ ކުރިމަގު އޮންނާނެ ގޮތުގެ ތަސައްވުރެއް ބައެއް ފަރާތްތަކުން ވަނީ ކުރަހާލާފަ އެވެ. 

ފްރާންސް ލީގު 1 އަދި އިނގިރޭސި ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 4 މެޗް ކުޅެފައިވާއިރު ސްޕޭންގެ ލަލީގާ އަދި ޖަރުމަންގެ ބުންޑަސްލީގާގައި އަދި ކުޅެފައިވަނީ 3 މެޗެވެ. އިޓަލީގެ ސެރިއާ ގައި ކުޅެފައިވަނީ 2 މެޗެވެ. މިހާ ހިސާބުން މިބަލާލަނީ ޔޫރަޕްގެ އެކި ލީގުތަކުގައި މި ސީޒަނުގައި މިއަދާ ހަމައަށް ކުޅެފައިވާ މެޗްތަކަށް ބަލާފައި މިވަގުތު އެންމެ މޮޅުކަމަށް އީއެސްޕީއެން އިން ފާހަގަކޮށްފައިވާ ދިހަ ޓީމުގެ ލިސްޓެވެ. ސީޒަންގެ ކުރީކޮޅު ތަރުތީބު ކުރެވިފައިވާ މިލިސްޓަށް ބަދަލުތަކެއް އަދި އަންނާނޭކަމީ ޝައްކެއްނެތި ޔަގީންވާކަމެކެވެ.

10- އެތުލެޓިކް ބިލްބާއޯ (ސްޕޭން)

ސީޒަން ހުޅުވި މެޗްގައި ވަރުގަދަ ބާސެލޯނާ ބަލިކުރުމަށް ފަހު އެތުލެޓިކް ކުލަބު ވަނީ ފަހުން ރެއާލް ސޮސިއެޑާޑު ވެސް ބަލިކޮށްފަ އެވެ. މިވަގުތު އެތުލެޓިކް ބިލްބާއޯ އޮތީ ބާސާއާއި ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށް ފަހު ޓޭބަލްގެ ދެ ވަނައިގަ އެވެ. ބިލްބާއޯ އަކީ ލަލީގާގައި މިވަގުތު ބަލިނުވެ އޮތް 6 ޓީމުގެ ތެރެއިން އެއް ޓީމެވެ. އެޓީމު ކުޅުނު ތިން މެޗްގައި 4 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 1 ގޯލެވެ.

09- އަޔަކްސް (ނެދަލެންޑްސް)

ވޭތުވެދިޔަ ސީޒަން ގެ ކާމިޔާބަށް ފަހު ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ޓީމާއި ވަކިވިކަމުގައިވިޔަސް އަޔަކްސް އަދި ފެންނަނީ ހަމަ އެހާ ވަރުގަދަކޮށެވެ. 4 މެޗް ކުޅެގެން 10 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގައި އޮތަސް އެމީހުންނަށްވުރެ ކުރީގައި 11 ޕޮއިންޓާއެކު ވިޓެސީ އޮތީ އިތުރަށް އެއްމެޗު ކުޅެގެންނެވެ. ޕްލޭ އޮފް ކުޅެގެން މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން އަޔަކްސް ޖާގަ ހޯދައިފައިވާ އިރު ޑަޗް ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ އަޔަކްސް ކަން ފާހަގަކޮށްލެވެ އެވެ.

08- ބަޔާން މިއުނިކް (ޖަރުމަން)

ބަޔާންގެ ފުރަތަމަ މެޗް މި ސީޒަނުގައި ނިމުނީ އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން މެއިންޒާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޕޮއިންޓް ގެއްލުވާލާނޭހެން ހީވި އެވެ. އެކަމަކު އެމެޗް ބަޔާން ކާމިޔާބުކުރީ 6-1ން ނެވެ. ޓޭބަލްގައި ބަޔާން މިވަގުތު އޮތީ ދެ ވަނައިގަ އެވެ. ބަޔާން އޮތީ މި ލީގުގައި މިހާތަނަށް ބަލިނުވާ 4 ޓީމުގެ ތެރޭގަ އެވެ. ކޮންމެއަކަސް ބްރޭކަށް ފަހު ބަޔާން ކުޅޭ ފުރަތަމަ މެޗަކީ އެޓީމަށް ރަނގަޅު ޓެސްޓަކަށް ވާނެއެވެ. އެމެޗުގައި ބަޔާން ނިކުންނާނީ ލީގުގެ އެއްވަނައިގައި އޮތް އާރުބީ ލިޕްޒިގާއި ދެކޮޅަށެވެ.

07- ލެސްޓަރ ސިޓީ (އިނގިރޭސި ވިލާތް)

މި ސީޒަނުގައި މިހާތަނަށް ލީގުގައި 4 މެޗް ކުޅުނުއިރު ބަލިނުވެ އޮތީ އެންމެ 3 ޓީމެވެ. ލެސްޓަރ އަކީ އޭގެތެރެއިން އެއް ޓީމެވެ. 4 މެޗުން ހޯދި 8 ޕޮއިންޓާއެކު ލެސްޓަރ އޮތީ ޓޭބަލްގެ 3 ވަނައިގަ އެވެ. ބްރެންޑަން ރޮޖާސް ގެ ޓީމުން ރަނގަޅު ކުޅުމެއް މި ސީޒަނުގައި މިހާތަނަށް ދައްކާފައިވާއިރު މިއީ 16-2015 ގެ ސީޒަންގެ ހަނދާންތައް އާކޮށްދޭ ފަހަރަކަށް ވެސް ހަމަ ވެދާނެ އެވެ.

06- އިންޓަރ މިލާން (އިޓަލީ)

ސެރިއާގައި މިފަހަރު ޗެމްޕިއަން ޔުވެންޓަސް އަށް އެންމެ ވަރުގަދަ ރައްދެއް ދޭނެ ޓީމަކީ އިންޓަރ މިލާން ކަމުގައި ބުނާމީހުން މަދެއްނޫނެވެ. ދެމެޗުން 6 ޕޮއިންޓް ހޯދައިގެން އިންޓަރ އޮތީ ވެސް ޓޭބަލްގެ އެންމެ ކުރީގަ އެވެ. ޓީމާއި އަލަށް ގުޅުނު ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ފަރާތުން ވެސް ފެނިފައިވަނީ އުއްމީދީ ކުޅުމެކެވެ. ކޮންމެއަކަސް އިންޓަރ އަށް ކުރިމަތިލާން ޖެހޭ ބޮޑެތި ޓެސްޓްތައް އަދި އޮތީ ކުރިޔަށެވެ.

05- އާރުބީ ލިޕްޒިގް (ޖަރުމަނު)

ޖަރުމަންގެ ބުންޑަސްލީގާ ގައި ޓޭބަލްގެ އެއް ވަނައިގައި ލިޕްޒިގް އޮތީ ސަތޭކަ އިންސައްތަ ރެކޯޑަކާ އެކު ކުޅުނު 3 މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. ބްރޭކަށް ފަހު ލިޕްޒިގް އެންމެ އަވަހަށް ނިކުންނާނީ ޗެމްޕިއަން ބަޔާން މިއުނިކާއި ދެކޮޅަށެވެ. ސެޕްޓެމްބަރު 14 ވަނަ ދުވަހު ކުޅެވޭ މިމެޗުން ލިޕްޒިގް ގެ ހަގީގީ ބާރު ވަޒަންކޮށްލަން ފަސޭހަވާނެ އެވެ.

04- މެންޗެސްޓަރ ސިޓީ (އިނގިރޭސި ވިލާތް)

މިދިޔަ ސީޒަނުގައި 3 ތަށި ހޯދި ޓީމު މިހާރު ވެސް ފެންނަނީ ހަމަ އެހާ ވަރުގަދަކޮށްނެވެ. ސިޓީ މިސީޒަނުގައި މިހާތަނަށް ބަލިވެފައިނުވާއިރު ލީގުގައި ޓީމުއޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. ޓޮޓްންހަމް ހޮޓްސްޕާސް އާއި އެއްވަރުވި މެޗް ފިޔަވައި އަނެއް 3 މެޗުގައި ސިޓީ ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަގޯލު ޖަހާފައިވަނީ ސިޓީކަން ފާހަގަކޮށްލެވެ އެވެ.

03- ޔުވެންޓަސް (އިޓަލީ)

ފަސޭހަކަމާ އެކު ވާދަވެރި ނަޕޯލީ އަތުން މޮޅުވާންދިޔަ ޓީމު އެންމެ ފަހުން އެމެޗުން މޮޅުވީ ޓީމުގެ ނަސީބު ރަނގަޅުވުމުންނޭ ބުނެވިދާނެ އެވެ. ކޮންމެއަކަސް 2 މެޗުން 6 ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ޓޭބަލްގެ 2 ވަނައިގައި އޮތް އިރު ޓީމުގެ ކުރި ހަމަ ވަރަށް ވަރުގަދައިރު ފަހަތް ވަރުގަދަކުރަން ބޮޑު ހަރަދުކޮށް އަޔަކްސްއިން މެތިއެސް ޑި ލިޓް ގެނައި ކަމުގައިވިޔަސް ޓިމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަށް އަނިޔާވެ ކުޅުމާއިދުރުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ޔުވެންޓަސްއަށް ބޮޑު ގޮންޖެހުމެއްކަމުގައި ނޫނީ ނުވާނެ އެވެ. އޭގެ ކުލަވަރު ނަޕޯލީ މެޗުގައިވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

02- އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)

ލަލީގާގައި ސަތޭކަ އިންސައްތަ ރެކޯޑަކާ އެކު މިހާރު އޮތް ހަމައެކަނި ޓީމަކީ އެތުލެޓިކޯ މެޑްރިޑެވެ. 3 މެޗުން ލިބުނު 9 ޕޮއިންޓާއެކު އެތުލެޓިކޯ ޓޭބަލްގެ އެއް ވަނައިގައި އޮތް އިރު ވާދަވެރި ރެއާލް މެޑްރިޑް އޮތީ 5 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އަދި ބާސެލޯނާ އޮތީ 4 ޕޮއިންޓާއެކު 8 ވަނައިގަ އެވެ. އެތުލެޓިކޯ އެންމެފަހުން އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގައި 20 މިނިޓް ތެރޭ ބައިކޮޅަށް 2 ގޯލް ވަނުމުން އެޓީމުގެ ފެންވަރާމެދު ސުވާލު ކޮށްލަން ޖެހުނެވެ. އެކަމަކުވެސް ފަހަތުން އަރައި 3-2 އިން މޮޅުވެ އެމީހުން ވަނީ ފެންވަރު ދައްކާލާފަ އެވެ. ކޮންމެއަކަސް ގްރީޒްމަން ދޫކޮށްލާފައި ޔާއޯ ފީލިކްސް ގެނައުން އަދި ދައްކަނީ އެޓީމުން ކުރި ފައިދާހުރި ވިޔަފާރިއެއްގެ ގޮތުގަ އެވެ.

01- ލިވަޕޫލް (އިނގިރޭސި ވިލާތް)

ވޭތުވެދިޔަ ސީޒަނުގައި 97 ޕޮއިންޓް ހޯދުމުންވެސް ލިވަޕޫލަށް ލީގެއް ނުލިބުނެވެ. ޗެލްސީ އެންމެފަހުން ލީގު ނެގީވެސް 93 ޕޮއިންޓުންނެވެ. ކޮންމެއަކަސް ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް މިހާރު އެންމެ ބޭނުންވާނީ އެޓީމަށް އަދި ހޯދިފައިނުވާ ޕްރިމިއަރ ލީގުގެ ތަށިކަމީ ޔަގީންކަމެކެވެ. އެ އަޒުމުގައި ލިވަޕޫލް މިސީޒަންފަށާފައިވާއިރު އެމީހުންވަނީ 4 މެޗުން 4 މޮޅު ހޯދާފައެވެ. ސަތޭކަ އިންސައްތަ ރެކޯޑަކާއެކު ލީގުގެ އެއް ވަނައިގައި އޮތްއިރު ޔާގެން ކްލޮޕްގެ ޓީމުގެ އުއްމީދަކަށްވާނީ އެޓީމުގެ މިހާރު އޮތް ފޯމު ދެމެހެއްޓުމެވެ. އެންމެ ފަހުގެ މެޗްގައި ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހުގެ ކުޑަ ފުށުއެރުމެއް ފެނުނުކަމުގައިވިޔަސް އެޓީމުގެ ފޯވާޑް ލައިން މިފަހަރުވެސް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

ކޮމެންޓް