ގުއާމް: އާބާދީ މަދަސް އާދައިގެ ގައުމެއް ނޫން!

ކޮލިފައިންގެ ފުރަތަމަ ބުރުގައި ބޫޓާނާ ދެކޮޅަށް ނުކުތް ގުއާމް ޓީމު. ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް މާދަމާ އެޓީމު ނުކުންނާނެ

ޕެސިފިކް ކަނޑުގެ ހުޅަނގުން އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ގުއާމްއަކީ ކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ ރާއްޖެފަދަ ޖަޒީރާވަންތަ ގައުމެކެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ އަމިއްލަ ދަނޑުގައި ގުއާމް ފުޓްބޯޅަ ޓީމު ރާއްޖެއާ ދެކޮޅަށް ނުކުންނަ އިރު ރާއްޖޭގެ ފުޓްބޯޅައިގެ ލިސްޓަށް ގުއާމްއަކީ މުޅިން އާ ނަމެކެވެ.

އެމެރިކާގެ ބާރުގެ ދަށުގައި އޮތް ގައުމެއް ނަމަވެސް އެ ގައުމު ނިސްބަތްވަނީ އޯޝޭނިއާ ސަރަހައްދަށެވެ. އެކަމަކު ފުޓްބޯޅައިގައި އެޓީމު ވާދަކުރަނީ އޭޝިއާ ބައްރުގަ އެވެ. އާބާދީގައި 167000 މީހުން ދިރިއުޅޭ ގުއާމުން ރާއްޖެއާ ދެކޮޅަށް ކުޅޭ ކޮލިފައިންގެ ފުރަތަމަ މެޗު މާދަމާ އޮންނާނީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނޭޝަނަލް ޓްރެއިނިން ސެންޓަރުގަ އެވެ. މި މެޗު ކުޅޭ ދަނޑަކީ ގާތްގަނޑަކަށް 20،000 މީހުން ދިރިއުޅޭ ގުއާމްގެ ހާމޮން ސިޓީގައި އޮންނަ ދަނޑެކެވެ.

ބޫޓާން ކޮޅަށް ގޯލު ޖެހުމަށް ފަހު ގުއާމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ. އެޓީމު ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ބޫޓާންގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައިގެން

ފުޓްބޯޅައިގެ ޅަފަތުގައި އޮތް ގައުމެއް ނަމަވެސް ގުއާމްއަކީ ބާސްކެޓްބޯޅައިގައި އޯޝޭނިއާ ސަރަހައްދުގެ ގަދަ ބާރެކެވެ. ބާސްކެޓްގެ އިތުރުން އެގައުމުގައި އެންމެ ފޯރިއާ އެކު ކުޅޭ އެއް ކުޅިވަރަކީ ރަގްބީ އެވެ. އެކަމަކު ފުޓްބޯޅައިގެ ވަރުގަދަ ޕްލޭނެއްގެ ދަށުން އެ ގައުމުން މިހާރު އަމާޒު ހިފާފައިވަނީ ކޮލިފައިންގައި ރާއްޖޭގެ މައްޗަށް މާދަމާ ކުރި ހޯދައި ގްރޫޕުގެ ޓީމުތަކާ ރަނގަޅު ވާދައެއް ކުރުމަށެވެ.

ފުޓްބޯޅަ ފެޑެރޭޝަނެއް އުފެދި އެ އެސޯސިއޭޝަނުގެ ދަށުން ގުއާމްގައި ފުޓްބޯޅަ މުބާރާތްތައް ފެށުނީ 1975 ވަނަ އަހަރު އެވެ. އޭގެ ފަހުން ފީފާގެ ދަފްތަރަށް އެރުމަށް އެގައުމުން ކުރި މަސައްކަތް 1996 ވަނަ އަހަރު ކާމިޔާބުކުރި އެވެ. ފީފާގެ ލިސްޓުގެ އެންމެ ދަށުން ފެށި ގުއާމް މިހާރު އަންނަނީ ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުންނެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ފީފާގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމެއް އަތުން އެޓީމަށް އެންމެ ފުރަތަމަ މޮޅެއް ހޯދުނީ 2009 ވަނަ އަހަރު އެވެ. އެ ގައުމު ނިސްބަތްވާ ސަބް ކޮންޓިނެންޓްގެ އީސްޓް އޭޝިއަން ކަޕްގައި އެފަހަރު އެޓީމުން ވަނީ މޮންގޯލިއާ ބަލިކޮށްފަ އެވެ.

ގުއާމްގައި އޮންނަ ފުޓްބޯޅަ ލީގަކީ އެ ގައުމުގެ ކުރިއެރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާ ފުޓްބޯޅަ މުބާރާތެވެ. ގުއާމް މެންސް ސޮކާ ލީގުގެ ނަމުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ލީގުގައި އެންމެ ކާމިޔާބު ދެޓީމަކީ ގައުމީ ޓީމުގެވެސް ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ރޯވާސް އެފްސީ އާއި ގުއާމް ޝިޕްޔާޑް ޓީމެވެ. މިދިޔަ ނުވަ އަހަރު ގުއާމް ލީގުގެ ޗެމްޕިއަންކަން މި ދެޓީމުން ހޯދިއިރު މި ޓީމުގައި ތިބި ކުޅުންތެރިންގެ އެހީތެރިކަން ގައުމީ ޓީމަށް ވެސް ވަނީ ލިބިގެންގޮސްފަ އެވެ.

ގުއާމްގެ ދަނޑުގައި ބޫޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. ދެ ވަނަ ލެގްގެ މެޗުން ގުއާމް ވަނީ 5-0 އިން މޮޅުވެފައި

“މަޓާއޯ” ގެ ނަމުން މަޝްހޫރުވެފައިވާ ގުއާމްގެ ފުޓްބޯޅަ ޓީމު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ސަރަހައްދުގައި ކުރިއަރަމުން އަންނަ ބައެއް ގައުމުތަކުގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރި ހޯދައި ފުޓްބޯޅައިގައި އެ ގައުމަކީ ނަތީޖާ ނެރެވޭނެ ގައުމެއްކަން ސާބިތުކޮށްދީފަ އެވެ. މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޭޝިއާ ބައްރުގެ ގްރޫޕް ޑީ ގައި ހިމެނު ގުއާމް ވަނީ ތުރުކެމެނިސްތާނާއި އިންޑިއާ ބަލިކޮށްފަ އެވެ. ތުރުކެމެނިސްތާން އަތުން ހޯދި މޮޅު ވެގެންދިޔައީ އަމިއްލަ ދަނޑުގައި ކޮލިފިކޭޝަން މެޗެއް ފުރަތަމަ ފަހަރަށް ކުޅެ އެޓީމަށް ލިބުނު ތާރީހީ މޮޅަކަށެވެ. އޭގެފަހުން އަމިއްލަ ދަނޑުގައި އެޓީމުން އިންޑިއާ ބަލިކުރީ 1-0 އިންނެވެ. ރަޝިއާ ވޯލްޑް ކަޕްގެ ކޮލިފައިން ބުރު އެޓީމުން ނިންމާލިއިރު ދެ މޮޅު ހޯދުމަކީ ފުޓްބޯޅައިގައި ކުރިއަށްދާން އެޓީމަށް ލިބުނު ހިތްވަރެކެވެ. އެފަހަރުގެ ކޮލިފައިން ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވިއިރު ދެ މޮޅު ހޯދައި އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. އެފަހަރުގެ ކޮލިފައިންގެ އަށް މެޗުގައި ގުއާމުން ތިން ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ 16 ގޯލެވެ.

ފީފާގެ މެމްބަރަކަށް ވުމަށްފަހު އެޓީމުން އެންމެ ފުރަތަމަ ވާދަކުރީ 2002 ވަނަ އަހަރު ކޮރެއާ ޖަޕާންގައި އޮތް ވޯލްޑް ކަޕްގެ ފުރަތަމަ ކޮލިފައިން ބުރުގަ އެވެ. އެފަހަރު އިރާނާއި ތަޖިކިސްތާނާ ވާދަކޮށް ބަލިވިއިރު ދެ މެޗުގައި އެޓީމުކޮޅަށް ވަނީ 35 ގޯލު ވަދެފަ އެވެ. އޭގެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންއާ ހަމައަށް އެގައުމުން ވާދަކޮށްފައެއްނުވެ އެވެ.

ބޫޓާން މެޗުން ހޯދި މޮޅަށް ފަހު ގުއާމްގެ ކުޅުންތެރިން. އެގައުމުގައި އޮންނަ ރަސްމީ ދަނޑަކީ ޓާފް ދަނޑެއް

ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން އެގައުމުން ފުޓްބޯޅައިގައި އެންމެ ފުރަތަމަ ވާދަކުރަން ފެށީ ސައުތު ސްޕެސިފިކް ގޭމްސްގަ އެވެ. ފުޓްބޯޅަ ފެޑެރޭޝަން އުފެދުނު 1975 ވަނަ އަހަރު ވެގެންދިޔައީ ސައުތު ޕެސިފިކް ގޭމްސްގައި އެ ގައުމުން ބައިވެރިވި ފުރަތަމަ ފަހަރަށެވެ. އޭގެ ފަހުން ގުއާމުން ވަނީ 1979 އަދި 1991 ވަނަ އަހަރުގެ ގޭމްސްގައި ވާދަކޮށްފަ އެވެ. އެކަމަކު ފީފާގެ މެމްބަރަކަށް 1996 ވަނަ އަހަރު ވުމަށް ފަހު އެ ގައުމުން ވަނީ އެ އަހަރު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކޮށްފަ އެވެ. އެކަމަކު ކޮލިފައިންގެ މެޗުން އެޓީމު ވަނީ އެފަހަރު ޗައިނީސް ޓައިޕޭ އަތުން 9-2 އިން ބަލިވެފަ އެވެ. އޭގެފަހުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ދަށް ނަތީޖާއާ އެކު އެޓީމުން ވަނީ 2006 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ ފުރަތަމަ މުބާރާތުގައި ވާދަކޮށްފަ އެވެ. ކޮލިފިކޭޝަނެއް ނެތި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ގުއާމް ވަނީ އެފަހަރުގެ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގައި މުބާރާތް ބޭއްވި ބަންގްލަދޭޝް އާއި ފަލަސްތީން އަދި ކެމްބޯޑިއާ އަތުން ބަލިވެފަ އެވެ. ޗެލެންޖް ކަޕަށް ފަހު އެޓީމުން ވަނީ 2013 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ އީސްޓް އޭޝިއަން ކަޕްގައި ކުޅެފަ އެވެ. އަދި، 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފައިންގައި ވާދަކޮށް އެޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.

މިފަހަރުގެ ކޮލިފިކޭޝަންގައި މާދަމާ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އެޓީމު ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ކޮލިފައިންގެ ފުރަތަމަ ބުރުގައި 5-1 ގެ އެގްރިގޭޓް ނަތީޖާއިން ބޫޓާން ބަލިކޮށްގެންނެވެ. ރަށުން ބޭރުގައި 1-0 އިން ބޫޓާން އަތުން ބަލިވި ނަމަވެސް މިދިޔަ ޖޫން މަހު ކުޅުނު ދެ ވަނަ ލެގްގައި އަމިއްލަ ދަނޑުގައި އެޓީމުން ވަނީ 5-0 އިން ބޫޓާން ބަލިކޮށްފަ އެވެ. މި މެޗުގައި އެޓީމުގެ ފޯވާޑް ކުންލިފޭ ހެޓްރިކެއް ހެދިއިރު އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ލަގޫޓަން އާއި މަލްކޯލްމް އެވެ.

Predict the score of Guam vs Maldives match in the FIFA World Cup & AFC Asian Cup joint qualifiers and win a jersey by…

Posted by Fahuminet on Monday, September 2, 2019
ގުއާމް-ރާއްޖެ މެޗުގެ ނަތީޖާ ދިމާކޮށްގެން ޖާޒީއެއް ލިބުމުގެ ފުރުސަތު. މި ޖާޒީ ސްޕޮންސާ ކޮށްފައިވަނީ މަޅި އެމްވީން

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިރާން އަތުން އެޓީމު ބަލިވީ 6-0 އިންނެވެ. އޭގެފަހުން ކޮލިފައިންގެ ފަހު މެޗުގައި އެޓީމު ވަނީ 2016 ވަނަ އަހަރުން ރަށުން ބޭރުގައި 1-0 އިން އޮމާން އަތުން ބަލިވެފަ އެވެ. ގުއާމުން މި އަހަރު މިހާތަނަށް ކުޅުނު ހަމައެކަނި ދެ މެޗަކީ ބޫޓާނާ ދެކޮޅަށް ކުޅުނު ކޮލިފައިންގެ ފުރަތަމަ ބުރުގެ ދެ މެޗެވެ. ބޫޓާން މެޗުގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އީސްޓް އޭޝިއަން ކަޕް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ބުރުގައި ގުއާމް ވަނީ ތިން މެޗު ކުޅެފަ އެވެ. މި ތިން މެޗުގެ ތެރެއިން އަމިއްލަ ދަނޑުގައި ނޮދާން މަރިއާނާ އައިލެންޑްސް 4-0 އިން ބަލިކުރިއިރު ރަށުން ބޭރުގައި މަކާއޫ އަތުން 2-0 އިން ބަލިވެ މޮންގޯލިއާއާ 1-1 އިން ވަނީ އެއްވަރުވެފަ އެވެ.

ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ އެންމެ ފަހުން ފީފާއިން އާއްމުކުރި ދުނިޔޭގެ ރޭންކިންގެ 190 ވަނައިގަ އެވެ. ރޭންކިންގައި ގުއާމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކެމެނިސްތާނާއި އިންޑިއާ ބަލިކުރި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ފަހަރުގެ ރޭންކިންގައި އެޓީމު ވަނީ ދުނިޔޭގެ 146 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ރާއްޖެއާ އަޅާބަލާއިރު އާބާދީ މަދަސް ފުޓްބޯޅައިގައި އެގައުމުން އަންނަނީ ފަހަކަށް އައިސް އުއްމީދީ ނަތީޖާތަކެއް ނެރެމުންނެވެ. މީގެ ހަތަރު އަހަރުން ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ތުރުކެމެނިސްތާނާއި އިންޑިއާ ބަލިކުރި ގޮތަށް އެގައުމުން އަމާޒުހިފާފައިވަނީ އެ ލިސްޓަށް ރާއްޖޭގެ ނަން އިތުރުކޮށް ކޮލިފައިންގެ ބާކީހުރި މެޗުތަކަށް އިތުބާރު ހޯދުމަށެވެ.

ގުއާމްގެ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން 10:30 ގަ އެވެ.

ކޮމެންޓް