ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމެއް ރާއްޖޭން ވެސް ފެނިދާނެ!

އަލުން ތަރުތީބު ކޮށްލެވޭ ގޮތަށް ގަތަރުގައި ހެދުމަށް ނިންމާފައިވާ ރަސް އަބޫ އަބޫދު ސްޓޭޑިއަމްގެ ކުރެހުމެއް. މިއީ ދުނިޔޭގައި މިފަދަ ގޮތަކަށް ތަރައްގީ ކުރެވޭ ފުރަތަމަ ސްޓޭޑިއަމް

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ގައުމުތަކުން ތައްޔާރުވަމުންދާއިރު މި މުބާރާތުގައި ކުޅޭނެކަން މިހާތަނަށް ޔަގީންވެފައިވާ ހަމައެކަނި ގައުމުން އުޅެނީ ވަރަށް ބުރަކޮށެވެ. އޭޝިޔއާއަށް ނިސްބަތްވާ ކުޑަކުޑަ ގައުމެއްކަމުގައިވާ ގަތަރުގައި މިމުބާރާތް ބޭއްވުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާއިރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ސްޓޭޑިއަމްތައް އެޅުމުގެ މަސައްކަތެވެ. ވޯލްޑް ކަޕަށް އަމާޒުކޮށް ގަތަރުގައި 8 ސްޓޭޑިއަމް ބިނާކުރެވޭއިރު ވޯލްޑްކަޕަށް ފަހު އޭގެތެރެއިން ބައެއް ސްޓޭޑިއަމްގެ ބޭނުން އެއްކޮށްހެން ކެނޑިގެންދާނެ އެވެ. އެއީ، އާބާދީ މަދު ސަރަހައްދުގެ ގޮތުން ކުޑަކުޑަ ގައުމަކަށް އެހާ ބައިވަރު އެފެންވަރުގެ ސްޓޭޑިއަމްތައް ބޭނުން ނުވާނެތީ އެވެ. އެހެންކަމުން ދިގު މުއްދަތަކަށް ބަލާނަމަ ގިނަ ސްޓޭޑިއަމްތަކެއް އެޅުމަކީ އެ ގައުމަށް އެއްވެސް ފައިދާއެއް ހުރިކަމެއްނޫނެވެ. މިސަބަބާހުރެވެސް ކަންނޭނގެ އެވެ. ވޯލްޑް ކަޕަށް އަމާޒުކޮށްގެން އެގައުމުގައި ބިނާކުރެވޭ ސްޓޭޑިއަމް ތަކުގެ ތެރެއިން ރަސް އަބޫ އަބޫދު ސްޓޭޑިއަމަކީ ވޯލްޑް ކަޕަށް ފަހު ދުނިޔޭގެ އެހެންގައުމަކުން ފެނުން އެކަށީގެންވާ ސްޓޭޑިއަމެކެވެ. އެތަނުން އެ ސްޓޭޑިއަމް ނަގާ އެހެންތާކަށް ގެންދެވޭނެއެވެ. ގަބޫލުކުރަން ދަތިވިޔަސް އެ ސްޓޭޑިއަމްގެ ޑިޒައިނަރުގެ އަމާޒަކީ އެއީ އެވެ. ދުނިޔޭގެ އުފެއްދުންތެރިކަން ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ ހިމާޔަތަށް އަމާޒުކުރުމަށް ބާރު އެޅެމުންދާ ދުވަސްވަރެއްގައި މި ހިޔާލަކީ ވަރަށް ވެސް ވައިގައި ހިފާނޭފަދަ ހިޔާލެކެވެ.

ރަސް އަބޫ އަބޫދު ސްޓޭޑިއަމް ބިނާކުރެވޭނީ ކުޑަކުއްޖަކު ލެގޯ ބްލޮކްސް ބޭނުންކޮށްގެން ތަފާތު އެކި މޮޑެލް ތައް ހަދާ ބީދައިންނެވެ. 40،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ބިނާކުރެވޭނީ ބޭނުންކޮށްފައިހުރި ޝިޕިން ކޮންޓެއިނަރ ބޭނުންކޮށްގެންނެވެ.

ސްޓޭޑިއަމް ނިމުމުން އިންނާނެ ގޮތުގެ ކުރެހުމެއް. ވޯލްޑް ކަޕް ނިމުމުން މި ސްޓޭޑިއަމް އެހެން ގައުމަކުން ވެސް ފެނިދާނެ.

“މިސްޓޭޑިއަމް ބިނާކުރެވޭނީ ކުޑަކުއްޖަކު ލެގޯ ބްލޮކް ބޭނުންކޮށްގެން އެކި ޑިޒައިންތައް ހަދާގޮތަށް. އާދައިގެ ބަހުރުވައިން ބުނާނަމަ ސްޓޭޑިއަމްގެ އޮނިގަނޑު ސްޓީލުން ރާވާ ލުމަށްފަހު ސްޓޭޑިއަމްގެ ވަށައިގެން މަތިމައްޗަށް ބުރިބުރިއަށް ވާގޮތަށް ކޮންޓެއިނާތައް އަތުރާލާނީ. އަހަރުމެންނަށް މިސްޓޭޑިއަމް އެގޮތަށް ވަރަށް ފަސޭހައިން ރާވާލެވިދާނެ. އަދި އެކުއްޖާ ބުލޮކްތައް ވަކިވަކި ކޮށްލާ ދަބަހަށް އަޅަލާ ފޮރުވާގޮތަށް އަހަރުމެންނަށް ވެސް މުބާރާތް ނިމުމުން މިސްޓޭޑިއަމް ރޫޅާލާ ޕެކް ކޮށްލެވޭނެ” މިސްޓޭޑިއަމްއާއި ބެހޭގޮތުން ސުވާލުކުރެވުމުން މި ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު އަބްދުﷲ އަލްމުއްލާ ވިދާޅުވި އެވެ.

ގަތަރުން މިފަދަ ސްޓޭޑިއަމެއް ތަރައްގީ ކުރުމުން އެކަމުގެ ފައިދާ އެހެން ބަޔަކަށް ކުރުމަކީ ވެސް ލިބޭނެ ކުރިއެރުމެއް ކަމަށް ގަތަރުން ބުނެ އެވެ.

“އަށް ވަނަ ސްޓޭޑިއަމް ވާން އަހަރުމެން ބޭނުމީ ތަފާތު ސްޓޭޑިއަމަކަށް އެހެންވެ މި ހިޔާލު އަހަރުމެން ތަރައްގީ މި ކުރަނީ. އަހަރުމެންނަށް 8 ސްޓޭޑިއަމެއް ބޭނުމެއްނުވޭ. އެހެންކަމުން މި ހިޔާލުގެ މައްޗަށް ބިނާކޮށް ސްޓޭޑިއަމް ހަދައިފިނަމަ އަހަރުމެންނަށް ފައިދާވުމުގެ އިތުރަށް ދުނިޔޭގެ އެހެން ހިސާބުގަ އުޅޭ ބަޔަކަށް މީގެ ފައިދާކުރާނެ. އަހަންނަށް ހީވަނީ އަހަރުމެންގެ މިއުފެއްދުމަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާނެ އަދި އޭގެ ސަބަބުން އަހަރުމެންގެ ނަންވެސް ގިނަ ޒަމާންތަކަކަށް ދެމިގެންދާނެ އުފެއްދުމެއްކަމަށް ވާނެކަމަށް” މުހައްމަދު އަބްދުﷲ އިތުރަށް ބުނެފައިވެ އެވެ.

މުހައްމަދު އަބްދުﷲގެ ވާހަކަތަކުން އެނގޭ ގޮތުގައި މި ސްޓޭޑިއަމް ހެދުމަށް ބޭނުންކުރެވޭނީ މުޅިންވެސް ދެ ވަނަފަހަރަށް ބޭނުންކުރެވޭނެ އެއްޗިއްސެވެ. އެހެންކަމުން އާއްމު ސްޓޭޑިއަމްގެ މަސައްކަތާ އަޅާ ބަލާއިރު މި މަސައްކަތް ހަލުވިވެފައި އަގުހެވެ. އަދި، ބޭނުންކުރާ ސާމާނު މަދުވެފައި އުކާލަން ޖެހޭ ކުނިއުފެދޭލެއް މަދެވެ. އަދި ކާބަން ބޭރުވާލެއްވެސް މަދުވެ އެވެ. 

މިސްޓޭޑިއަމްގެ ވީއައިޕީ ބޮކްސް އާއި ކޮންޓްރޯލް އަދި އޮޕްރޭޝަނަލް ކޮޓަރިތައް ހެދޭނީ މުޅިން ވެސް ޝިޕިން ކޮންޓެއިނަރުންނެވެ. އެހެންކަމުން ބޭނުންނަމަ ރޫޅާލާ އެހެންގޮތަކަށް ރާވާލުމަކީ ދާދި ފަސޭހަ ކަމެކެވެ. އޮނިގަނޑު ރޫޅާލުމަށް ފަހު އެހެންތާކަށް ގެންގޮސް،  ބޭނުންނަމަ އެއަށްވުރެ ކުޑަ ސައިޒެއްގައިވެސް އަލުން ސްޓޭޑިއަމް ރާވާލެވިދާނެ އެވެ. މި ޕްރޮޖެކްޓް ގެ ޑިޒައިނަރުން ދެކޭ ގޮތުގައި މިއީ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށްޓާއި ރަށްޓެހިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ދޯހާގެ ގޮނޑުދޮށުގައި މިސްޓޭޑިއަމް ބިނާކުރެވޭއިރު މިތަނަށް އައިސް ގޮސް އުޅުންވެގެންދާނީ ވަރަށް ފަސޭހަކަމަކަށެވެ. ހަމައެއާއެކު ވޯލްޑް ކަޕަށް ފަހު މި ސްޓޭޑިއަމް މިތަނުން ނަގައި އެތަން އެރަށުގެ އާއްމުންނަށް ހިތް ފަސޭހަ އަތިރިމައްޗެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ.  

ވޯލްޑް ކަޕަށް ގަތަރުން ތައްޔާރުކުރާ އާދަޔާ ހިލާފު ރަސް އަބޫ އަބޫދު ސްޓޭޑިއަމް

“އަހަރެމެން މިދާއިރާގައި އާ އުސްމިނަކަށް ވާސިލްވަނީ މި. މިހާ ފުޅާ ސްކޭލެއްގައި ރިސައިކަލް އަދި ރީޔޫސެބަލް ތަކެތި ބޭނުންކުރުން ވެގެންދާނީ މިދާއިރާއަށް ލިބޭ އާދަޔާ ހިލާފު ކުރިއެރުމަކަށް. މިއީ ވަރަށް އާދަޔާ ހިލާފު ތަޖުރިބާއެއް. އަހަރުމެން އިންތިޒާރު މިކުރަނީ މި ސްޓޭޑިއަމްގައި ފުރަތަމަ މެޗް ކުޅޭދުވަހަކަށް. މިރަށުންނާއި ރަށުން ބޭރުން މިސްޓޭޑިއަމަށް މީހުން އަންނާނެ ދުވަހަކަށް” ސްޓޭޑިއަމް އެޅުމުގައި އިސްކޮށް އުޅުއްވާ ޕްރޮޖެކްޓް މެނޭޖަރު ވިދާޅުވި އެވެ.

މިސްޓޭޑިއަމް ރޭވުމަށް ބޭނުންވާ ކޮންޓެއިނާތަކުން ބައެއް މިހާރު ވަނީ ޗައިނާއިން މި މަސައްކަތުގެ ބިމަށް ގެނެވިފަ އެވެ. އަދި އޭގެ އެތަށް ޝިޕްމެންޓެއް ގެނައުން އެބައޮތެވެ. މި ސްޓޭޑިއަމް އެޅުމުގެ އަގު އާއްމު އަގާ ބަލާއިރު %25 ހެޔޮކަމަށް ވެ އެވެ. މިސްޓޭޑިއަމް ނިންމުމަށް ހަމަޖެހިފައިވަނީ2020 ވަނަ އަހަރުގެ ނިޔަލަށެވެ.

ރަސް އަބޫ އަބޫދު ސްޓޭޑިއަމްގައި މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް މެޗްތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއަށް ފަހު އޮންނާނީ މުބާރާތް ނިމުމުން ސްޓޭޑިއަމް ރޫޅާލުމެވެ. އަދި އެހުރިހާ ސާމާނެއް ދުނިޔޭގެ އެހެން ގައުމަކަށް ގެންގޮސް އަލުން ސްޓޭޑިއަމް ރާވާލުމެވެ. ފަހަރެއްގައި އެ ސްޓޭޑިއަމް އަލުން ރާވާލެވޭނީ މިކުޑަކުޑަ ދިވެހިރާއްޖޭގައި ނޫންކަމެއް ވެސް ނޭނގެ އެވެ.

ކޮމެންޓް