ނިޒާމްބެއާ އެކު އެފްއޭއެމުން ފެށި ދަތުރުން ގެނެސްދެނީ އުއްމީދު

މޮރިޝަޝްގައި މިދިޔަ މަހު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖެ ވާދަކުރި ހުރިހާ މެޗަކުން ބަލިވެ މުބާރާތުން ކެޓުމާއެކު ގިނަ ފާޑުކިތުންތަކެއް ގައުމީ ޓީމަށް އަމާޒުވި އެވެ. އަދި މުބާރާތުގެ ބައެއް އެހެން ކުޅިވަރު އިވެންޓްތަކުން ރާއްޖެ ހޯދި ތާރީހީ ކާމިޔާބީއާ އެކު އެފާޑުކިޔުންތައް އިތުރުވި އެވެ. ކޮންމެ ގޮތަކަށް ކަން ހިނގި ނަމަވެސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި މިފަހަރު ފުޓްބޯޅައިން އެކުރި ތަޖުރިބާ ތަކުރާރުވިޔަ ނުދޭން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރުއްސުރެ މިވަނީ މަސައްކަތް ފަށައިފަ އެވެ. އަދި، އެ މަސައްކަތުގެ ދަށުން މުބާރާތަށް ވަރުގަދަ ޓީމެއް ބިނާކުރުމުގެ މަސައްކަތް ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގްބޫލް އެއް ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަވާލުވެސް ކޮށްފަ އެވެ.

ދުރު ރާސްތާގެ މުހިއްމު އަމާޒެއް ކަނޑައަޅައިގެން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ހެޑް ކޯޗެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗް ނިޒާމްބެ އެފްއޭއެމުން ހަމަޖެއްސިއިރު ނިޒާމްބެއާ މެދު އެފްއޭއެމަށް އޮތް އިތުބާރު ވެސް ބޮޑެވެ. އޭގެ ފަހަތުގައި އޮތް ސަބަބުތައް ވެސް މަދެއް ނޫނެވެ. ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްބޯޅަ ލީގުގެ ތަށްޓާއި ހަމައަށް ޓީސީ ގެންގޮސްދޭން ނިޒާމްބެ ކުރި މަސައްކަތް އެކަނި ވެސް މިކަމަށް ފުދެ އެވެ. 2015 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް ޓީސީ ޕްރޮމޯޓްކޮށްދިނުމަށް ފަހު 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު އެ ކްލަބުން އުފުލާލުމާއި ހަމައަށް ޓީސީގައި ނިޒާމްބެ ކޮށްފައިވާ މަސައްކަތްތަކީ ގިނަ ބައެއްގެ ތައުރީފް ލިބުނު މަސައްކަތްތަކެކެވެ. ރާއްޖޭގެ ކްލަބަކުން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ތަށި ހޯދުމުގެ ޝަރަފް ޓީސީން ހޯދީ ނިޒާމްބެގެ ކޯޗްކަމުގެ ދަށުންނެވެ. މިވަގުތު ރާއްޖޭގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމްގެ އެޓޭކިން ޑިޕާޑްމަންޓްގައި މުހިއްމު ދައުރެއް  އަދާކުރަމުން އަންނަ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ގެ އިތުރުން ނާއިޒް ހަސަން (ދާދު) އަކީ ނިޒާމްގެ އިރުޝާދުގެ ދަށުން ޓީސީގައި ކުޅެމުންދަނިކޮށް ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނެވެ.

މި މަހުގެ 23 ވަނަ ދުވަހު ގަތަރުގައި ފަށާ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމްގެ ހެޑް ކޯޗްކަން ނިޒާމްބެއާ ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ޖޫނިއާ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ނިޒާމްބެ ކަހަލަ ކާމިޔާބު ކޯޗަކު ހަމަޖެހުމަކީ މުޅި އެފްއޭއެމްގެ ޓެކްނިކަލް ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

“ނިޒާމްބެއަކީ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެ ކަންނޭގެ ފުޓްބޯޅައިގަ އުޅޭ އެއްވެސް މީޑިއާއަކަށް، ނިޒާމްބެގެ އަމަލުން ދައްކުވައިދީފި ނިޒާމްބެއަކީ ކިހާވަރެއްގެ ކޯޗެއްކަން. ޓީސީ ޓީމަށް ގެނެވުނު ބަދަލު، އަދި އޭގެ ކުރިން އެކި ޓީމްތަކުގަ މަސައްކަތްކުރިއިރުގަ އެގެނެވުނު ބަދަލު. އެހެންވީމަ މިއީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފާވެރިކަމެއް މިއީ ނިޒާމްބެ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމްގަ ކޯޗެއްގެ ގޮތުގަ ހިމެނިގެން ދިއުން.” 2017 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ބައްސާމް ވިދާޅުވި އެވެ.  

16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އެފްއޭއެމުން ނިޒާމްބެ ހަމަޖެއްސި ނަމަވެސް ނިޒާމްބެއަށް އެފްއޭއެމުން ދީފައިވާ އެންމެ މުހިއްމު ޓާގެޓަކީ އެ މަސައްކަތުގެ ތެރެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ރަނގަޅު ފުޓްބޯޅަ ޓީމެއް ބިނާކުރުމެވެ.

“މައިގަނޑު ޓާގެޓަކަށް މިވަނީ 2023 ވަނަ އަހަރު ރާއްޖޭގަ މި ބޭއްވޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޒުވާން ވަރުގަދަ ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތް.” ބައްސާމް ވިދާޅުވެފައިވެ އެވެ.

ފުޓްބޯޅަ ކެރިއަރުގައި ކްލަބް ވެލެންސިއާ އާއި އައިއެފްސީ އަށް ކުޅުނު ނިޒާމްގެ ކޯޗިން ކެރިއަރުގައި އެންމެ ވިދާލީ ޓީސީ ސްޕޯޓްސް ކްލަބުގަ އެވެ. އެ ކްލަބާއެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕް ޓީސީ އަށް ކާމިޔާބުކޮށްދިން އިރު މިދިޔަ އަހަރު ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީން ވަނީ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްފަ އެވެ. ފަސް އަހަރު ޓީސީ އަށް އިރުޝާދު ދިންއިރު ނިޒާމްބެ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި  އެ ކްލަބް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގަދަ ބާރަކަށް ހަދައިފަ އެވެ. ޓީސީގެ އިތުރުން ނިޒާމްގެ ވަނީ ވިޔަންސާ އާއި ލ. ކަޅައިދޫއަށް ވެސް އިރުޝާދު ދީފަ އެވެ.

އެފްއޭއެމުން ނިޒާމްބެއާ ހަވާލުކުރި މުހިއްމު މަސައްކަތާއި ނިޒާމްބެ ހަވާލުވެހުރީ ފުރިހަމަ އިތުބާރާއި ޔަގީންކަމާއި އެކުގައެވެ.  އެއާއެކު ނިޒާމްބެގެ ވާހަކަތަކުން ވެސް ދިވެހިންނަށް ގެނެސްދެނީ އުއްމީދެވެ.

“މީގަ ނަތީޖާއަކާއި މެދު ހިނގާ އަދި އެއްޗެއް ނުކިޔަމާ. ހަމަގައިމުވެސް ޑިސަޕޮއިންޓިން ޕާފޯމެންސްއެއް ފެނިގެން ނުދާނެ ޓީމުގެ ފަރާތަކުންނެއް. އެކަށީގެންވާ ވާދަވެރިކަމެއް ޓީމްގެ ފަރާތުން ފެންނަ ވަރަށް އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން. އެއީ ޔަގީންކަމެއް.” 16 އަހަރުން ދަށުގެ ގައުމީ ޓީމްގެ ހެޑް ކޯޗަކަށް ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރުމަށް އެފްއޭއެމްގައި މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނިޒާމްބެ ބުންޏެވެ.

“އިރާދަކުރެއްވިއްޔާ 2023 ގަ އަޅުގަނޑުމެން ނުކުންނައިރު އަޅުގަނޑުމެންނަށް ތަފާތު ހުނަރެއް ފެންނަވަރުގެ ކުޅުންތެރިއަކު ނެރެވޭތޯ އެއީ އަޅުގަނޑުމެން ބަލާނެ ކަމެއް. ދެން ޓީމެއްގެ ގޮތުގަ މިހާތަނަށް ނެރެވުނު އެންމެ ރަނގަޅު ޓީމް ނެރެވޭތޯ އެއީ މަސައްކަތްކުރާނެ ކަމެއް ހަމަ ޔަގީނުން ވެސް.” ނިޒާމްބެ ކުރަން ރާވައިފައިވާ މަސައްކަތުގެ މިސްރާބު ތިލަކޮށްދެމުން އިތުރަށް ބުނެފައިވެ އެވެ.

ކޮންމެއަކަސް ނިޒާމްބެގެ ވާހަކަތަކަކީ ހުސް ވާހަކަތަކަކަށް ނުވާނެކަން މިހާތަނަށް އޭނާ ކޮށްފައިވާ މަސައްކަތްތަކުން ވަނީ ސާބިތުކޮށްދީފަ އެވެ. ޓީސީ ގެ ހަޔާތުން ވަރަށް ޅަފަތުގައި ދިވެހި ފުޓްބޯޅައިގެ ގަދަ ބާރަކަށް ނިޒާމްބެ އެކްލަބް ހަދައިދިނީ މާގިނަ މަޝްހޫރު ކުޅުންތެރިންތަކެއް ބޭނުންކޮށްގެންނެއް ނޫނެވެ. އެއީ ކެތްތެރިކަމާއި ރޭވުންތެރިކަމާ އެކު ޒުވާން ކުޅުންތެރިންތަކެއްގެ ހުނަރު ތަރައްގީކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލްވާން ނިޒާމްބެ ކުރި މަސައްކަތުގެ ނަތީޖާ އެވެ. ދެން އޮތީ ކްލަބް ފެންވަރުގައި ނިޒާމްބެ އެހޯދި ފަހްރުވެރި ކާމިޔާބީ ގައުމީ ފެންވަރުގައި ހަގީގަތަކަށް ހެދޭތޯ ބަލަން އިންތިޒާރު ކުރުމެވެ. ގަބޫލުކުރެވޭ ގޮތުގައި ގިނަ ދިވެހިން ތިބީ ފޮނި އުއްމީދެއްގަ އެވެ.  

ކޮމެންޓް