ވީއޭއާރު ގެ ކުރިން ރެފްރީން ހެދި އެންމެ ފާހަގަކޮށްލެވޭ ބައެއް ގޯސްތައް

ފުޓްބޯޅައިގައި ނުވަތަ އެނޫން ކުޅިވަރެއްގައިވެސް ކޮންމެ ފަހަރަކު ޓީމެއް މޮޅުވަނީ މޮޅަށް ކުޅެގެންނެއް ނޫނެވެ. ބައެއް ފަހަރު ބައެއް އެހެން ކަހަލަ ސަބަބުތައް މެދުވެރިވެގެންވެސް ޓީމެއް މޮޅުވެދާނެއެވެ. ބައެއްފަހަރު މޮޅުވުމާއި ދެރަވުން ގުޅިފައި އޮންނަނީ ނަސީބާއެވެ. މިދެންނެވި ނަސީބަކީ މެޗަށް އިންސާފުކުރާ ފަރާތަކަށް ހެދޭ ބޮޑު ގޯހަކަށް ބައެއްފަހަރު ވެފައި އެބަހުއްޓެވެ. މެޗްގެ ރެފްރީއަށް ނުވަތަ ރޮނގު ބަލަހައްޓާ ބަލަހައްޓަން ހުންނަ އޮފިޝަލަށް ހެދޭ ގޯހެއްގެ ސަބަބަބުން މެޗްގެ ނަތީޖާ ޙަޤީޤަތުގައި އޮންނަންވާ ގޮތާ ދިމާ އިދިކޮޅަށް އެނބުރިފައި ހުރީވެސް މަދެއްކޮށް ނޫނެވެ. ފަޅި ސިކުންތެއްގެ ތެރޭގައި މެޗު އޮފިޝަލުންނަށް ގޮތެއް ނިންމަން ޖެހިފައި އޮންނާތީ އެމީހުންނަށް ގޯސް ހެދޭލެއްވެސް ގިނައެވެ. އަދި އެގޯހުގެ ސަބަބުން ޙައްޤުނޫން ފަރާތުގެ ކަރުގައި މެޑެލް އެޅުވޭ ފަހަރުވެސް އައިސްފައި އެބަހުއްޓެވެ.

ކޮންމެއަކަސް މިގޯސް ކުޑަކުރުމަށްޓަކައި ނުވަތަ އެއްކޮށް ނައްތާލުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭ އާރު) މިވަނީ ތަޢާރަފުކޮށްފައެވެ. ވީއޭއާރުގެ ސަބަބުން އިންސާފަށް ނިންމުންތައް ނިންމަން ފަސޭހަވެއެވެ. އަދި އެކަމުގެ ސަބަބުން މެޗް އޮފިޝަލުންނަށް އޮންނަ ޕްރެޝަރ ކުޑަވެއެވެ. ބައިނަލް އަގުވާމީ މުބާރާތްތަކާއި މަޝްހޫރު ލީގުތަކުގައި ވީއޭއާރު ބޭނުންކުރަން މިހާރު މިވަނީ ފަށައިފައެވެ. އެހެންކަމުން މިހާ ހިސާބުން މެޗްތަކުގައި އޮފިޝަލުންނަށް ނަތީޖާ ބަދަލުވެދާފަދަ ނިންމުންތައް ގޯސްކޮށް ނިންމުމުގެ ބާބު ނިމުނީ ކަމަށް ބަލަން ވީހެއްޔެވެ؟ އެކަމަކު އެސުވާލަށް ޖަވާބު ދިނުން އިހަށް ބާއްވާފައި ފުޓްބޯޅައިގެ ތާރީޚްގައި ރެފްރީންނަށް ހެދިފައިވާ ބައެއް ބޮޑެތި ގޯސްތަކަށް ބަލާލަމާ ހިނގާށެވެ

ފުޓްބޯޅަ މުބާރާތްތަކުގައި މެޗް އޮފިޝަލުންނަށް ހެދިފައިވާ ބައެއް ގޯސްތަކަކީ ފުޓްބޯޅައިގެ ތާރީޚުންވެސް ޖާގަ ހޯދާފައިވާ މަޝްހޫރު ޙާދިސާތަކެކެވެ. ތިރީގައި މިފާހަގަކޮށްލަނީ އޭގެތެރެއިންވެސް މަޝްހޫރު ބައެއް ހާދިސާ ތަކެވެ.  

ކްރޮއޭޝިއާގެ ސަމިއުނެކަށް އެއް މެޗްގައި ދެއްކި 4 ކާޑު  

2006 ގެ ވޯލްޑްކަޕް ގައި ލިބުނު ފުރަތަމަ ދެމެޗް ކާމިޔާބު ކަމާއެކު އިންސާފު ކުރުމަށްފަހު 3 ވަނަ މެޗަށް އިނގިރޭސި ރެފްރީ ގުރެހަމް ޕޯލް އެރީ ރެފުރީ ސްކޮޑްގެ އެންމެ އިތުބާރު ކުރެވޭ ރެފްރީގެ ގޮތުގައެވެ. އެކަމަކު އޮސްޓްރޭލިއާއާއި ކްރޮއޭޝިޔާ ވާދަކުރި މެޗުގައި 2 ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމަށްފަހު ކްރޮއޭޝިޔާގެ ޖޮސިޕް ސަމިއުނެކް އަށް ރަތް ކާޑު ދެއްކީ އޭނާއަށް ދެއްކި ތިންވަނަ ރީނދޫ ކާޑަށް ފަހުގައެވެ. ކޮންމެއަކަސް މި ބޮޑު ގޯހާ ހެދި މެޗަށްފަހު ޕޯލް ބައިނަލް އަޤުވާމީ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރުން ހުއްޓާލިއެވެ.

ވޯލްޑްކަޕް ތާރީހްގައިވެސް ފެނުނު އެންމެ މަޝްހޫރު ދެގޯލް ދެމެދު އެންމެ 4 މިނެޓް

1986 ގެ ވޯލްޑަކަޕްގެ ކްއާޓަރ ފައިނަލްގައި އާޖެންޓީނާ އާއި އިނގިރޭސި ވިލާތް ވާދަކުރި މެޗަކީ ވޯލްޑްކަޕްގެ ތާރީޚްގައި އެންމެ ފާހަގަކޮށްލެވޭ އެއް މެޗެވެ. އެއީ ދެ ސަބަބަކަށްޓަކައެވެ. މި ދެސަބަބުވެސް ގުޅިފައިވަނީ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާއާއެވެ. ފުރަތަމަ ސަބަބަކީ މަރަޑޯނާ ފުންމައިގެން އަރައި އިނގިރޭސި ގޯލްކީޕަރު ޕީޓަރ ޝީލްޓަންގެ ބޯމަތިން އަތުން ޕަންޗްކޮށް ގޯލަށް ވައްދާލި ބޯޅައިން ކާމިޔާބުކުރި ލަނޑެވެ. އެމެޗްގެ ރެފްރީ ޓިއުނީޝިއާގެ ޢަލީ ބިން  ނާޞިރަށް އެމަންޒަރު ނުފެނުމުން ނިންމީ އެއީ ހަމަ ރަގަޅު ގޯލެއް ކަމަށެވެ.

ދެވަނަ ސަބަބަކީ ވޯލްޑްކަޕްގެ ތާރީޚްގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއްގޯލެވެ. އަތުން ގޯލުޖެހިތާ 4 މިނެޓް ފަހުން އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން އިނގިރޭސި ވިލާތުގެ ހަތަރު ކުޅުންތެރިން ގާތުން ނައްޓައި ކީޕަރު ޝީލްޓަން ގާތުން ވެސް ދެމިގަތުމަށްފަހު މަރަޑޯނާ ޖެހި ގޯލަކީ މިހާރުވެސް ގިނަ ބަޔަކު ބަލާލަން އެންމެ ބޭނުންވާ އެއް ގޯލެވެ.

ގޯސްޓް ގޯލް

ގޯސްޓްގޯލް (ފެންޓަމްގޯލް) ނުވަތަ ޖިންނި ގޯލަކީ ބޯޅަ ގޯލަށް ނުވަންނަނީސް ގޯލެއްކަމަށް ރެފްރީ ނިންމުމުން ކަނޑައެޅޭ ގޯލެވެ. މީގެ އެއް ހާދިސާ ހިނގީ 2008 ގައި އިނގިރޭސި  ޗެމްޕިއަންޝިޕް ގައި ރެޑިން އާއި ވެޓްފޯޑް ބައްދަލުކުރި މެޗެއްގައެވެ. އެމެޗްގައި ރެޑިން އިން ނެގި ކޯނަރުގައި ގޯލާއި ދިމާލަށް ބޯޅަފޮނުވާލުމުން ހުރަސް ދަނޑީގައި ޖެހިފައި ނިކުތުމުން ލައިންސްމަން ނައިޖެލް ބެނިސްޓަރ އެއީ ގޯލެއްކަމަށް އިޝާރާތް ކުރުމުން ރެފްރީ ސްޓްއަރޓް އެޓްވެލް އެއީ ގޯލެއްކަމަށް ނިންމިއެވެ. މިމެޗްގައި ވެޓްފޯޑް ފަހުން ގޯލެއް ޖެހުމުން މެޗް ނިމުނީ އެއްވަރުވެގެންނެވެ. މިފަދަ ދެވަނަ ހާދިސާ ހިނގީ 2012 ވަނަ އަހަރު ބުންޑަސްލީގާ ގައި ޑުއިސްބާގާއި ފުރެންކްފަޓް ބައްދަލުކުރި މެޗެއްގައެވެ. ޑުއިސްބާގްގެ ކްރިސްޓިއަން ޓިފަރޓް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނިކުމެ ފެނު ޖެހުނީ ގޯލު ރޮނގަށްވުރެ ގާތްގަޑަކަށް 1.5 މީޓަރު ބޭރުގައެވެ. އެކަމަކުވެސް ރެފްރީ ނިންމީ އެއީ ގޯލެއްކަމަށެވެ. މި ގޯސްޓް ގޯލާއި މެދު ފުރެންކްފަޓަށް މާބޮޑު ޝަކުވާއެއް ކުރެވެންނެތީ އެމެޗުގައި އެމީހުން 5-0ން ބަލިވެފައިވާތީއެވެ.

ގޯސްޓްގޯލްގެ އިދިކޮޅު

ގޯސްޓް ގޯލާއި އަޅާބަލާއިރު އޭގެ އިދިކޮޅު ހާދިސާތައް މާގިނަކަމުގައި ދެންނެވިދާނެއެވެ. އެއީ ބޯޅަ ގޯލަށް ވަނުމުންވެސް ގޯލެއްކަމުގައި ނުބެލުމެވެ. މި ކަމުގައި ރެފްރީންނަށް އުނދަގޫވަނީ ކިރިޔާ ވަދެ ނުވަދެ އޮންނަ ހިސާބުގައި ބޯޅަ އޮވެފައި ކުޅުމުގެ ތެރެއަށް އެނބުރި އައުމުންނެވެ. ގޯލްލައިން ޓެކްނޮލޮޖީ ތަޢާރަފު ވީ މިސަބަބާހުރެއެވެ. އެކަމަކުވެސް ގޯލުގެ އެންމެ އެތެރޭގައި ޖެހުމުންވެސް ގޯލެއް ނޫންކަމަށް ނިންމާފައިވާ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އޭގެ އެއް ހާދިސާއަކީ 1993 ގައި ސްކޮޓްލެންޑުގެ ޑަންޑީ ޔުނެއިޓެޑާއި ޕެޓްރިކް ތިސެލް އާ ދެމެދު ކުޅެވުނު މެޗުގައި ޑަންޑީގެ ކޮނޮލީ ޖެހި 3 ވަނަ ގޯލު ރެފްރީ ޤަބޫލު ނުކުރުމެވެ. ކޮނޮލީ ޖެހި ބޯޅަ ގޯލުން ނިކުތީ ގޯލުގެ ފަހަތު ދާގަނޑު ހަރުކުރަން ހަދާފައިހުރި ފުރޭމުގައި ޖެހިފައެވެ. އެހެންކަމުން އެބޯޅައިން ގޯލުގެ ދާގަނޑަކަށް މާބޮޑު ތެޅުމެއް ނައެވެ. އަދި އެއަށްވުރެވެސް ބޮޑު އަޖައިބަކީ އެބޯޅަ ގޯލަށްވަދެފައި ނިކުތުމުން ޕެޓްރިކްގެ ޑިފެންޑަރަކު ބޯޅަ އަތުން ނަގައި ކީޕަރަށް ދިނުމުން ވެސް އިތުރު ނިންމުމެއް ރެފްރީ ނުނިންމުމެވެ. ގައިމު ގޯލަކަށް ނުބެލިއިރު ބޯޅަ ކުޅުމުން ބޭރުނުވެ އޮއްވައި ކުޅުންތެރިޔާ ބޯޅައިގައި އަތްލުމުން އެހާލަތުގައި ޑަންޑީއަށް ޕެނަލްޓީއެއް ދޭން އެންމެ ރަގަޅުތާއެވެ. އެކަމަކު އެކަމަށްވެސް އަޅާނުލައި ރެފްރީ ކުޅުންކުރިއަށް ގެންދިޔައީ އެވެ. ކޮންމެއަކަސް މިމެޗުން ޑަންޑީ މޮޅުވީ 4- 0 ން ނެވެ. އެހެންކަމުން ރެފުރީގެ އެކުށާއި މެދު ޑަންޑީއިން މާފޯރި އަރުވާނެކަމަކަށް ނުބެލެވެއެވެ.

2005 ޖެނުއަރީ ގައި ޓޮޓްންހަމް އާއި މެންޗެސްޓަރ ޔުނެއިޓެޑް ވާދަކުރި މެޗުގައިވެސް މެޗް އޮފިޝަލުން އެކަހަލަ ބޮޑު ގޯހެއް ހެދިއެވެ. ގާތްގަޑަކަށް މެދުރޮނގާއި ހަމައިން ޓޮޓްންހަމްގެ ޕެޑްރޯ މެންޑޭޒް މަތިމަތިން ފޮނުވާލި ބޯޅަ ޔުނެއިޓެޑްގެ ކީޕަރު ރޯއީ ކެރޯލްގެ އަތުތެރޭގައި އޮވެފައި އަތުން ދޫވެގެން ގޯލުތެރެއަށް ވެއްޓުމުން ކެރޯލް ވެއްޓިގެންފައި އަތުން ޖަހާ ބޯޅަ ނެރުނުއިރު ބޯޅަ އޮތީ ގޯލު ރޮނގަށްވުރެ ހަމަގައިމުވެސް 3 ފޫޓެއްހާ ތަން އެތެރޭގައެވެ. އެކަމަކު ލައިންސްމަނަކަށްވެސް ރެފުރީއަކަށްވެސް އެބޯޅަ ގޯލަށް ވަތްކަމެއް ނޭނގުނެވެ.

ފޭކް ޑައިވް

ޕެނަލްޓީއެއް ހޯދުމަށް ޑައިވުކުރުމަކީ ބައެއް ފަހަރަށް މެޗުތަކުގައި ފެންނަ މަންޒަރެކެވެ. ބައެއްފަހަރަށް އެކަން ކާމިޔާބު ވާއިރު އަނެއްބައި ފަހަރު ކުޅުންތެރިޔާއަށް ޖެހެނީ އަދަބެއްގެ ގޮތުން ކާޑެއް ލިބިގަންނާށެވެ. މިގޮތުން ބަލާއިރު ކާމިޔާބު ފޭކް ޑައިވުގެ އެންމެ ކުރީގައި އޮތީ ކޮލަމްބިއާގެ އެމެސަން އަކޫނާ ކަމުގައި ބުނެވިދާނެއެވެ. 2010 ގައި އޭނާ ކޮލަމްބިއާގެ އެތުލެޓިކޯ ޖޫނިއަރ އަށް ކުޅުނުއިރު އޭރިއާ ތެރެއަށް ވެއްޓިގަތީ ކައިރި ހިސާބެއްގައި އިދިކޮޅު ކުޅުންތެރިއަކު ނުވެސް ނެތީހެވެ. އެކަމަކުވެސް ރެފުރީ އެއީ ފައުލެއްކަމަށް ބަލައި އަކޫނާގެ ޓީމަށް ޕެނަލްޓީއެއް ދިނެވެ.

ބުރޫނާ އާއި ގާލް ގެ ވާހަކަ

 2011 ވަނަ އަހަރު އޮތް އަންހެނުންގެ ވޯލްޑްކަޕްގައި އޮސްޓްރޭލިއާ އާއި އިކުއެޓޯރިއަލް ގިނީ ވާދަކުރި މެޗަކީ އާދަޔާ ޚިލާފު ހައިރާންކަމެއް ކުޅުންތެރިއެއްގެ ފަރާތުންނާއި އަދި އެމެޗުގެ ރެފްރީގެ ފަރާތުން ފެނުނު މެޗެކެވެ. އޮސްޓްރޭލިއާއިން ފޮނުވާލި ބޯޅައެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އެނބުރި އައި ވަގުތު ގިނީގެ ޑިފެންޑަރ ބުރޫނާ ގޯލް އޭރިއާ ތެރެއިން އެބޯޅައިގައި އަތްލިއެވެ . ހަމައެކަނި އަތްލީއެއްވެސް ނޫނެވެ. ދެއަތުން ބޯޅަ ހިފުމަށްފަހު ކުޑައިރުކޮޅަކު ހިފަހައްޓައިގެންވެސް ހުއްޓެވެ. އެއަށްފަހު އޭނާ ބޯޅަ އަތުން ދޫކޮށްލިއެވެ. އޮސްޓްރޭލިއާ ކުޅުންތެރިންނަށް ލިބުނު ޙައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައީ ރެފްރީ އެއީ މައްސަލައެއް ކަމަށް ނުބަލައި ޕްލޭއޮން ދެއްކުމުންނެވެ. ނަސީބަކުން އެމެޗުން 3-2ން މޮޅުވީ އޮސްޓްރޭލިއާއެވެ. އެހެންނޫންނަމަ އެމެޗުގައި ރެފުރީކަންކުރި ހަންގޭރީގެ ގާލްއަށް އޭގެފަހުން ހަމަޖެހިލައިގެން ނިދާލުންވެސް ވީހީ އުނދަގޫކަމަކަށެވެ.

ކޮމެންޓް