ލުކާކޫ އިންޓަ މިލާނަށް، ބަދަލުގައި ޔުނައިޓެޑަށް ކުޅުންތެރިއަކު ނުހޯދުނު

އިނގިރޭސި ކްލަބްތަކަށް ރޭ ޓްރާންސްފާ ބާޒާރު ނިމުނުއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް ބަދަލުވެއްޖެ އެވެ. ލުކާކޫ އިންޓަ މިލާނަށް ބަދަލުވީ 89 މިލިއަން ޑޮލަރަށެވެ. މިއީ އިޓަލީގެ ތާރީހުގައި ކުޅުންތެރިއަކު ގެނައުމަށް ކްލަބަކުން ތިން ވަނަ އަށް ކުރި އެންމެ ބޮޑު ހޭދައެވެ.

26 އަހަރުގެ ބެލްޖިއަމްގެ ފޯވާޑަށް ވުރެ އަގުބޮޑުކޮށް މީގެ ކުރިން އިޓަލީ އަށް ބަދަލުވި ދެ ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޮންޒާލޭ ހިގުއައިން އެވެ. ރޮނާލްޑޯ 120 މިލިއަން ޑޮލަރަށް ރެއާލް މެޑްރިޑުން ޔުވެންޓަސް އަށް ބަދަލުވިއިރު އިޓަލީގެ ނަޕޯލީން ހިގުއައިން ޔުވެންޓަސް އަށް ބަދަލުވީ 91.5 މިލިއަން ޑޮލަރަށެވެ.

އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އެންމެ ބޮޑު ޓާގެޓަށް ލުކާކޫ ވެގެން ދިޔައިރު އެ ކްލަބުން ފުރަތަމަ ކުރި ބިޑަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެފަ އެވެ. އޭގެފަހުން ލުކާކޫ އާއި ޔުވެންޓަސްގެ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ބަދަލުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށް ދިޔަ އެވެ. އެކަމަކު ޑިބާލާގެ މުސާރަ ބޮޑުކަމުން ޔުނައިޓެޑުން އެ ޑީލް ނިންމާލި އެވެ.

މީގެ ދެ ސީޒަން ކުރިން އެވަޓަން އިން ޔުނައިޓެޑަށް ބަދަލުވި ލުކާކޫ ވަނީ ފުރަތަމަ ސީޒަނުގައި އެޓީމުގައި މޮޅު ކުޅުމެއް ދައްކައި 27 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި 45 މެޗުން ލުކާކޫ ޔުނައިޓެޑަށް 15 ގޯލު ޖަހައިދިންއިރު އޮލެ ގުނަ ސޯލްޝެއާ ޓީމާ ހަވާލުވިފަހުން އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވި އެވެ. ލުކާކޫގެ ބަދަލުގައި ސޯލްޝެއާ ފުރަތަމަ އެގާރައިން ފުރުސަތު ދިނީ މާކަސް ރަޝްފާޑަށެވެ.

ބެލްޖިއަމްގެ އެންޑަލެކްޓް އިން ކެރިއަރު ފެށި ލުކާކޫ އޭގެ ފަހުން ބަދަލުވީ ޗެލްސީއަށެވެ. ޗެލްސީގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ ލުކާކޫ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމް އަދި އެވަޓަންގައި އެއް ސީޒަން ހޭދަކޮށްފަ އެވެ. އެވަޓަންގައި ލޯނު އެއްބަސްވުމުން އެއް ސީޒަން ހޭދަކުރުމަށް ފަހު އެ ކްލަބުން ވަނީ ލުކާކޫގެ އެއްބަސްވުން ދާއިމީކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ސީޒަނުގައި ބޮޑު އަގުގައި ލުކާކޫ ބަދަލުވީ ޔުނައިޓެޑަށެވެ. ޕްރިމިއާ ލީގު ދޫކޮށް އިޓަލީ އަށް ލުކާކޫ ބަދަލުވިއިރު އޭނާ ވަނީ 113 ލީގު ގޯލު ޖަހައިފަ އެވެ.

ލުކާކޫ ޔުނައިޓެޑް ދޫކޮށްލިއިރު އެޓީމަށް ބަދަލުގައި ފޯވާޑެއް ގެނެވިފައެއްނުވެ އެވެ. ޔުނައިޓެޑަށް އިތުރު ކުޅުންތެރިއަކު ނުގެނެވުމާއެކު އެޓީމުގައި މިހާރު ތިބީ ތިން ފޯވާޑުންނެވެ. އެއީ ރަޝްފާޑް، އެންތަނީ މާޝިއަލް އަދި އަލެކްސިސް ސަންޗޭޒް އެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ޕްރީ ސީޒަނުގައި ޒުވާން ތިން ކުޅުންތެރިން ކަމަށްވާ އެންހެލް ގޯމޭސް އާއި މޭސަން ގްރީންވުޑް އަދި ޓަހިތު ޗޯންގް އަށް ވަނީ ފުރުސަތު ދީފަ އެވެ. ލުކާކޫގެ ބަދަލުގައި ޔުނައިޓެޑަށް ކުޅުންތެރިއަކު ނުހޯދުމުން ކްލަބުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އާ ސީޒަނަށް ކުޅުންތެރިން ހޯދުމަށް ޔުނައިޓެޑުން ވަނީ 140 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އެޓީމަށް ގެނައި ތިން ކުޅުންތެރިންނަކީ ސްވާންސީ ސިޓީއަށް ކުޅުނު މިޑްފީލްޑަރު ޑެނިއެލް ޖޭމްސް އާއި ކްރިސްޓަލް ޕެލޭސްގެ ޑިފެންޑަރު އާރޮން ވެން-ބިސާކާ އަދި ލެސްޓަ ސިޓީގެ ޑިފެންޑަރު ހެރީ މެގުއާ އެވެ.

ޓްރާންސްފާ ބާޒާރު ރޭ ނިމުނުއިރު އާސެނަލުން ވަނީ އެޓީމުގެ ޑިފެންސް ވަރުގަދަކުރަން ދެ ކުޅުންތެރިން ހޯދައިފަ އެވެ. އެޓީމުން ސޮއި ހޯދި ދެ ޑިފެންޑަރުންނަކީ ޗެލްސީ އަށް ކުޅުނު އުމުރުން 32 އަހަރުގެ ޑޭވިޑް ލުއިޒް އާއި ސެލްޓިކްގެ އަރަމުން އަންނަ ލެފްޓް ބެކް ކިއެރަން ޓިއާނީ އެވެ. ލުއިޒް އަށް މިލިއަން ޕައުންޑަށް ގަތް އިރު 22 އަހަރުގެ ޓިއާނީ އާސެނަލުން ހޯދީ 25 މިލިއަން ޕައުންޑަށެވެ. ސްކޮޑް ވަރުގަދަކުރަން ގިނަ ކުޅުންތެރިންތަކެއް ހޯދި އާސެނަލުން ވަނީ ޓްރާންސްފާ ބާޒާރުގައި 130 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ޓްރާންސްފާގެ ވަގުތުޖެހެން ކުޑަތަން ވެފައިވަނިކޮށް އާސެނަލުން ވަނީ އެޓީމުގެ އަލެކްސް އިވޯބީ 40 މިލިއަން ޑޮލަރަށް އެވަޓަން އަށް ވިއްކާލައިފަ އެވެ.

އެހެން ކުޅުންތެރިންނަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ފުލަމް އަށް ކުޅުނު ޒުވާން ޑިފެންޑަރު ރަޔާން ސެސެންޔޯން އާއި ރެއާލް ބެޓިސްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯގެ ސޮއި ފަހު ވަގުތު ހޯދައިފަ އެވެ. ޔުނައިޓެޑާއި ވާދަވެރި ސިޓީން ވަނީ ވަނީ ޔުވެންޓަސްގެ ފުލްބެކް ޔާއޯ ކަންސޭލޯ ގެނެސް ޑިފެންޑަރު ޑެނީލޯ ބަދަލުގައި ދޫކޮށްލައިފަ އެވެ. ކަންސޭލޯގެ އިތުރުން ރޭ ސިޓީން ވަނީ ތަޖުރިބާކާރު ގޯލުކީޕަރު ސްކޮޓް ކާސަން ލޯނެއްގެ ދަށުން އެޓީމަށް ގެނެސްފަ އެވެ.

ފަހުވަގުތު ހިނގި އެހެން ޓްރާންސްފާ ތަކަށް ބަލާއިރު ވެޓްފޯޑުން ވަނީ ފްރާންސްގެ ރެންސްއަށް ކުޅުނު ވިންގް އިސްމާއިލާ ސާ 25 މިލިއަން ޕައުންޑަށް އެޓީމަށް ގެނެސްފަ އެވެ. މިއީ ވެޓްފޯޑްގެ ރެކޯޑް އަގެކެވެ. ފަހު ވަގުތު ލެސްޓާ އިން ހޯދީ ސަމްޕްޑޯރިއާގެ އެޓޭކިން މިޑްފީލްޑަރު ޑެނިސް ޕަރެޓް އެވެ. ޕަރެޓް ލެސްޓާ އަށް ބަދަލުވީ 18 މިލިއަން ޕައުންޑަށެވެ.

ޗެލްސީގެ ޑެނީ ޑްރިންކްވޯޓާ ރޭ ބާންލީ އަށް ބަދަލުވިއިރު ވެސްޓް ހޭމް ޔުނައިޓެޑްގެ އެންޑީ ކެރޯލް ވަނީ ކުރީގެ ކްލަބް ނިއުކާސަލް ޔުނައިޓެޑަށް ބަލުވެފަ އެވެ. މިދިޔަ ސީޒަނުގައި ސައުތެމްޓަނަށް ކުޅުނު ޗާލީ އޮސްޓިން ރޭ ވަނީ ހަތަރު މިލިއަން ޕައުންޑަށް ޗެމްޕިއަންޝިޕްގައި ކުޅޭ ވެސްޓް ބްރޮމް އަށް ބަދަލުވެފަ އެވެ.

އިނގިރޭސި ކްލަބްތަކަށް ޓްރާންސްފާ ބަންދުވިއިރު މި ސިޒަނުގައި ވަނީ ޖުމްލަ 1.41 ބިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. މިދިޔަ ސީޒަނުގެ ޓްރާންސްފާ ވަގުތު ހަމަވިއިރު ކްލަބްތަކުން ހަރަދުކުރީ 1.43 ބިލިއަން ޕައުންޑެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިރޭ ފަށާނީ ލިވަޕޫލް އާއި ނޯވިޗް ބައްދަލުކުރާ މެޗުންނެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 12:00 ގަ އެވެ.

ކޮމެންޓް