ޕްރިމިއާ ލީގު މިރޭ ފަށާއިރު ގަވާއިދަށް ނުވަ ބަދަލެއް

އިނގިރޭސި ޕްރިމިއާ ލީގު ފެށުމުގެ ސުންގަޑި ކުޑަތަންވަމުންދާއިރު ބަލާލަން ޖެހޭ އެއްކަމަކީ މިކުޅިވަރަށް އަލަށް ތައާރަފް ކުރެވޭ ކަންތައްތަކާއި އޭގެ ގަވާއިދަށް ގެނެވޭ ބަދަލުތަކެވެ. ފުޓްބޯޅައިގެ ފޯރި ހިފެހެއްޓުމަށް ނުވަތަ އިތުރުކުރުމަށް އަބަދު ވެސް އޭގެ ގަވާއިދުތައް ރިވައިސް ކުރެވި ބަދަލުތައް ގެނެވެ އެވެ. އޭގެތެރެއިން ބައެއް ގަވާއިދު ތަކަކަކީ ކަމުދާ ކަންކަމަށް ވެގެންދާއިރު ބައެއް އެހެން ގަވާއިދުތައް ކަމުނުގޮސްގެން ދޫކޮށްލަން ވެސް ޖެހެ އެވެ. ވޭތުވެދިޔަ ތަނުގައި ފުޓްބޯޅައިގެ ގަވާއިދަށް ގެނެވުނު އެންމެ މުހިއްމު އެއް ބަދަލަކީ އަމިއްލަ ޓީމުގެ ކީޕަރަށް ފައިން ޖައްސާ ބޯޅައިގައި ކީޕަރަށް އަތް ނުލެވޭ ގޮތަށް ގެނުވުނު ބަދަލެވެ. މި ބަދަލުގެ ސަބަބުން ފުޓްބޯޅައަކީ ކުރިއަށްވުރެ ފޯރިގަދަ އަދި ބަލާހިތްވާ ކުޅިވަރަކަށް ވެގެންދިޔަ އެވެ. ކަމުނުގޮސްގެން ދޫކޮށްލި ބައެއް ގަވާއިދުތަކުގެ ތެރޭގައި ރަން ގޯލާއި ރިހި ގޯލު ހިމެނެ އެވެ.

ޕްރިމިއާ ލީގު މިރޭ ފެށިގެން ދާއިރު މިފަހަރު އެލީގުގެ ގަވާއިދުތަކަށް ބައެއް މުހިއްމު ބަދަލުތައް ވަނީ ގެނެވިފަ އެވެ. މިބަދަލުތަކަކީ ކިހާ މުހިއްމު އަދި ބޭނުންތެރި ގަވާއިދު ތަކެއްކަން އެނގޭނީ ލީގު ފެށުމުންނެވެ. އޭގެތެރެއިން މިފަހަރުގެ ލީގުގައި ފެންނާނެ ބަދަލުތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

1- ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)

މެޗުގައި އޮފިޝަލުންނަށް ހެދޭ ގޯސްތައް މަދުކޮށް މެޗުތައް ވީހާ ވެސް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައާރަފް ކުރެވުނު ވީއޭއާރު ފުރަތަމަ ރަސްމީކޮށް ބޭނުންކުރެވުނީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގެ އޭ ލީގުގައެވެ. އަދި އޭގެފަހުން އެމެރިކާގެ މޭޖަރ ލީގު ސޮކަރ އަށް ވީއޭއާރު ތައާރަފްވި އެވެ. މިހާރު މި ސިސްޓަމް ޖަރުމަނާއި ފްރާންސް ސްޕެއިން އަދި އިޓަލީ ލީގުގައި ބޭނުންކުރެ އެވެ. މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ވެސް ވީއޭއާރު ބޭނުންކުރިއިރު ނިމިގެން ދިޔަ ޔޫއެފާ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ބުރާއި ހަމައިން ވީއޭއާރު ތައާރަފް ކުރެވުނެވެ. އިނގިރޭސި ލީގުގައި މުޅިން އަލަށް ވީއޭއާރު މިފަހަރު ބޭނުންކުރާއިރު މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕްގައި މިސިސްޓަމް ބޭނުންކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.

2- ބޯޅައިގައި އަތްލުން

ބޯޅައިގައި އަތްލުމުގައި އަބަދުވެސް އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ ހޭންޑްބޯލް އެއްތޯ ނުވަތަ ބޯލް ހޭންޑެއްތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ކުރެވޭ ބަހުސެވެ. ކޮންމެއަކަސް ބޯޅައިގައި އަތްލުމުން އަމަލުކުރާ ގޮތުގެ ގަވާއިދަށް ގެނެވުނު އެންމެ މުހިއްމު ބަދަލަކީ ހަމަލާ ދޭ ޓީމުގެ ކުޅުންތެރިއެއްގެ ބޯލްހޭންޑަކަށް ފަހު ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ބޯޅައިގައި އަތްލެވުމަށްފަހު ގޯލަށް ވަންނަ ބޯޅައަކީ ގޯލެއް ކަމުގައި ނުބެލުމެވެ. ކުރީގެ އުސޫލުން ބަލާނަމަ އެފަދަ ކަމަކަށްފަހު ގޯލަށް ބޯޅަ ވަދެފިނަމަ ބަލަނީ ގޯލެއްކަމުގަ އެވެ.

3- ޕެނަލްޓީ ޖެހުން

ޕެނަލްޓީ ޖަހާއިރު ގޯލްކީޕަރަށް ގޯލު ރޮނގަށް ވުރެ ފަހަތުގައި ނުހުރެވޭނެ އެވެ. ކީޕަރުގެ ދެފައި ރޮނގުމަތީގައި ބަހައްޓަން ޖެހޭ ގަވާއިދު އިސްލާހު ކުރެވިފައި ވާއިރު މިހާރު ރޮނގުމަތީގައި ބަހައްޓަން މަޖުބޫރީ އެއްފަ އެވެ. އަދި ގޯލްކީޕަރަށް ގޯލު ދަނޑީގައި އަތްލާ ނެހެދޭނެއެވެ. ޕެނަލްޓީ ޖަހާ ކުޅުންތެރިއާ އަށް ޕެނަލްޓީ ޖެހުމުގެ ކުރިން އެއްވެސް ފަރުވާއެއް ހޯދުމުގެ ފުރުސަތެއް މިހާރަކު ނެތެވެ.

4- ގޯލް ކުރިމަތިން ޖެހުން

ގޯލް ކުރިމަތިން ޖަހާ ޖެހުންތަކުގައި ބޯޅަ ޕެނަލްޓީ އޭރިއާއިން ބޭރުނުވަނީސް އެޓީމުގެ އެހެން ކުޅުންތެރިއަކަށް މިހާރު އެބޯޅަ ކުޅެވިދާނެ އެވެ. ކުރިން އޮންނަ ގޮތަށް ކޮންމެހެން ބޯޅަ އޭރިއާއިން ބޭރަށް ދަންދެން މަޑުކުރާކަށް ނުޖެހޭނެ އެވެ. އަދި ގޯލް ކުރިމަތިން ޖަހާއިރު ކުރިއެކޭ ވެސް އެއްގޮތަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން އޭރިއާއިން ބޭރަށް ނިކުންނަން ޖެހޭނެ އެވެ. އެހެންނަމަވެސް އޭރިއާ ތެރެއިން އެހެން ކުޅުންތެރިއަކު އެބޯޅައަށް ކުޅެފިނަމަ އިދިކޮޅު ކުޅުންތެރިންނަށް އޭރިއާއަށް ވަދެވޭނެ އެވެ.

5- ހިލޭޖެހުން

ކާޑު ދައްކަން ޖެހޭފަދަ ފައުލެއް ކޮށްގެން ހިލޭ ޖެހުމެއް ލިބިއްޖެނަމަ ކާޑު ދައްކަންދެން މަޑުނުކޮށް ހަމަލާ ދޭ ޓީމަށް ހިލޭ ޖެހުމާއެކު މެޗު ފަށައިގެން ކުރިއަށް ގެންދެވޭނެ އެވެ. މިފަދަ ހާލަތުގައި ކާޑު ދެއްކުމަށްޓަކައި ކުޅުން މެދުކަނޑާލާ ވަގުތު އިތުރުވުމުން އެއީ ހަގީގަތުގައި ހަމަލާދޭ ޓީމު މެޗް އަވަސްކުރަން ބޭނުންވާ ހާލަތުގައި އެޓީމަށް ލިބޭ ގެއްލުމެކެވެ. މިބަދަލުގެ ސަބަބުން އެ ގެއްލުން ކުޑަކުރެވޭނެ އެވެ. މިހާލަތުގައި ދައްކަން ޖެހޭ ކާޑު އޭގެ ފަހުން މެޗް ހުއްޓިފައި އޮންނަ ވަގުތު ރެފްރީއަށް ދެއްކިދާނެ އެވެ.

6- ކުޅުން މެދުކަނޑާލަން ޖެހި އަލުން ފަށާއިރު ރެފްރީ ބޯޅަ އެއްލުން (ޑްރޮޕް ބޯލް)

ބައެއް ފަހަރު ކުޅުންތެރިއެއްގެ ކުށަކާނުލައި މެޗް މެދު ކަނޑާލަން ޖެހެ އެވެ. މިފަދަ ހާލަތުގައި އޮންނަ އުސޫލަކީ ކުޅުން މެދު ކެނޑުނުއިރު ބޯޅަ އޮތް ހިސާބުގައި ދެޓީމުގެ ދެކުޅުންތެރިންގެ ހާޒިރުގައި ރެފްރީ ބޯޅަ މައްޗަށް އެއްލަނީ އެވެ. މި އުސޫލު މީ ޒަމާނާއި ނުގުޅޭ ބޯދާ ކަމެއްގެ ގޮތުގައި ބެލެނީ ކަންނޭނގެ އެވެ. މި ސީޒަނުން ފެށިގެން އެފަދަ ހާލަތުގައި ބޯޅަ އެއްލުމުގެ ބަދަލުގައި ބޯޅަ ލިބޭނީ ކުޅުން ހުއްޓާލިއިރު ބޯޅަ ގެންގުޅުނު ޓީމަށެވެ. ކުޅުން ހުއްޓާލިއިރު ބޯޅަ އޮތީ ޕެނަލްޓީ އޭރިއާ ތެރޭގައި ކަމަށްވާނީ ބޯޅަ ލިބޭނީ ގޯލްކީޕަރަށެވެ. އެހެންނަމަވެސް ޑްރޮޕް ބޯލް އެއްކޮށް ގެއްލޭގޮތެއް އަދި ނުވެ އެވެ. ކުޅުމުގެ ތެރެއިން ރެފްރީގެ ގައިގައި ބޯޅަޖެހި އެޖެހުމުގެ ސަބަބުން ވަކިޓީމަކަށް ހަމަލާދިނުމުގައި ފައިދާއެއް ކޮށްފިނަމަ ކުޅުން ހުއްޓުވާ ބޯޅަ އެއްލަން ރެފްރީއަށް ޖެހޭނެ އެވެ.

7- ގުރު ނަގާ މެޗް ފެށްޓުން

މެޗް ފަށާއިރު ގުރު ދިމާވާ ބަޔަކު އެމީހުންބޭނުންވާ ކޮޅެއް ނަގަނީ އެވެ. އަނެއްބަޔަކަށް އޮންނަނީ މެޗް ފެށްޓުމެވެ. މިހާރުގެ ދަނޑުތަކުގެ ހާލަތަށް ބަލާއިރު ވަރަށް މަދު ފަހަރަކު މެނުވީ ދަނޑުގެ ވަކިކޮޅެއްގައި ތިބުމުން ވާނެ ވަކި ފައިދާއެއް ގެއްލުމެއް ނޯވެ އެވެ. އެހެންކަމަށްވުމާ އެކު މިހާރު ގުރު ދިމާވާ ބަޔަކަށް އެމީހުން ބޭނުންނަމަ މެޗު ފަށްޓަން ނުވަތަ ކޮޅު ނަގަން ފުރުސަތު ލިބުމަކީ މާ ރަނގަޅު ގޮތެއްކަމުގައި ބެލެވެ އެވެ. އެއީ މެޗްގައި ގޯލެއް ޖެހުމަށް ކުރިއަށް ދިއުމުގެ ފުރުސަތު ފުރަތަމަ ލިބެނީ ވެސް މެޗް ފަށްޓާ ބަޔަކަށް ވިއްޔާ އެވެ.

8- ދިފާއީ ފާރު ހަމައެކަނި ދިފާއަށް

އަމިއްލަ ހާފުގެ ތެރެއިން ހިލޭ ޖެހުމަކާ ކުރިމަތިލާނަމަ ކުޅުންތެރިން ގެ ދިފާއީ ފާރެއްގެ ގޮތުގައި އެތުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި ވަރަށް ގިނަފަހަރަށް މިފާރުތެރެއަށް ހަމަލާދޭ ޓީމުގެ ކުޅުންތެރިން ވަދެ ތިބުމަކީ އާއްމުކޮށް ފެންނަކަމެކެވެ. މިކަމުގެ ސަބަބަބުން ކޮށްޕުމާއި ތަޅާފޮޅުމުގައި ވަގުތަކެއް ހޭދަވާތަން ފެނެ އެވެ. އަދި ގިނަފަހަރު ފާރުތެރެއިން ފެންނަ ކަންތައްތައް ނުފެންނަ ކަމަށް ރެފްރީން ހަދަ އެވެ. މިސީޒަނުން ފެށިގެން ދިފާއީ ފާރުގެ ތެރެއަށް ހަމަލާދޭ ޓީމުގެ ކުޅުންތެރިންނަކަށް ނުވަދެވޭނެ އެވެ. އެމީހުން ތިބެން ޖެހޭނީ އެ ފާރާއި މަދުވެގެން 1 މީޓަރު ދުރުގަ އެވެ.

9- ބަދަލުކުރާ ކުޅުންތެރިން ދަނޑުން ފޭބުން

އާއްމު އުސޫލަކީ ފައިބާ ކުޅުންތެރިން އެކަމަށް ހާއްސަކުރެވިފައި އޮންނަ ސަރަހައްދު ކަމުގައިވާ ދަނޑުގެ މެދު ރޮނގު ކައިރިން އެއްފަރާތު އަރިމަތިން ދަނޑުން ފޭބުމެވެ. މިކަމުގެ ސަބަބުން މެޗު ލަސްކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބެ އެވެ. ބަދަލުކުރަން އުޅޭހެން ހީވާނަމަ ދަނޑުގެ އަނެއްފަރާތުން ވީހާވެސް ދުރަށް ދާންވީ އެވެ. ކޮންމެއަކަސް އާ ގަވާއިދުގެ ސަބަބުން އެގޮތަށް މެޗު ލަސްކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ފައިބާ ކުޅުންތެރިޔާ ދަނޑުން ފައިބަން ޖެހޭނީ އެ ކުޅުންތެރިޔާ އާއި އެންމެ ކައިރި ހިސާބަކުންނެވެ. ކޮންމެއަކަސް މިއީ ފަހަރެއްގައި ކުޅުންތެރިޔާއަށް އެހާ ރައްކާތެރިގޮތަކަށް ނުވުންވެސް އެކަށިގެންވާ ކަމެކެވެ. 1995 ގައި މެންޗެސްޓަރ ޔުނެއިޓެޑް ގެ މަޝްހޫރު އެރިކް ކެންޓޯނާގެ ފަރާތުން ފެނުނު ކުނގް ފޫ ކިކް ހަނދާންހުރި މީހަކަށް ވިއްޔާ މިބުނަނީ ކީކޭކަން އެނގޭނެ އެވެ. ޔުނައިޓެޑާއި ކްރިސްޓަލް ޕެލޭސްގެ މެޗުގައި ރަތްކާޑު ދެއްކުމުން ކެންޓޯނާއަށް ދަނޑުން ފައިބައިގެން ދާނެ ޖެހުނީ ޕެލަސްގެ ސަޕޯޓަރުންގެ ކައިރިން ލާފަ އެވެ. އެވަގުތު ޕެލަސްގެ ސަޕޯޓަރުންގެ ހޫނު ބަހުގެ ހަމަލާތައް އޭނާ އާއި އަމާޒުވުމުގެ ނަތީޖާއަކަށްވީ އޭގެން ސަޕޯޓަރަކަށް ކެންޓޯނާގެ ފައިތިލައިގެ ހޫނުކަން ދައްކާލުމެވެ. ކޮންމެއަކަސް މިބަދަލާއެކު ސަޕޯޓަރުންގެ ހޫނު ބަސްތަކާއި މަލާމާތާއި ފުރައްސާރަ އާއި ކުޅުންތެރިންނަށް ކުރިމަތިލާންޖެހޭ ވަރު އިތުރުވާނެކަމަށް ފެނެ އެވެ.

މީގެ އިތުރުން ކުޅުންތެރިންނަށް ކާޑު ދައްކާގޮތަށް ޓީމުގެ ކޯޗިން ސްޓާފުންނަށް ކާޑު ދެއްކޭ ގޮތަށް ހެދުމަކީވެސް މިސީޒަނަށް ގެނެވުނު ބަދަލެކެވެ. މިގޮތުން ޗެރިޓީ ޝީލްޑް މެޗްގައި ސިޓީ ކޯޗް ޕެޕް ގާޑިއޯލާއަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. އަލަށް މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ގޭމަށް އަންނަނީ ކޮން ބަދަލެއްކަމާއި އަދި އެކަންކަމުގެ ސަބަބުން ދެން ނިކުންނަ ނަތީޖާތައް އެނގޭނީ ލީގު ފެށިގެން ދިޔައީމައެވެ. ބަލަން ތިބެމާ ހިނގާށެވެ.

ކޮމެންޓް

    ޝިފާން

    8 ދިފާއީ ފާރު… މި ޕޮއިންޓްގެ ދަށުން ލިޔެފައިވާ ލިޔުން ފުޓްބޯޅަ ގަވާއިދުން އެންމެ ރަނގަޅެއްނޫން