ސިޓީ އަމިއްލަ ބާރުގައި، ލިވަޕޫލް އުއްމީދުގައި!

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ނިމޭއިރު، މިއީ ފަހުގެ ތާރީހެއްގައި ލީގު އެންމެ ފޯރުގަދަވި ފަހަރެވެ. ރެލިގޭޝަންގެ ފޯރި އެހެން ސީޒަން ތަކަށްވުރެ ކުޑަވިޔަސް ގަދަ ހަތަރެއްގެ ފޯރި މިދިޔަ ހަފްތާއާ ހަމައަށް އޮތީ އެއް ވާނެއްގައެވެ. ލީގުގެ ފޯރި ގަދަވާ އެންމެ ބޮޑު ސަބަބަކީ ލީގު ޗެމްޕިއަންކަން ކަށަވަރުކުރުން ފަހުމެޗާ ހަމައަށް ދިއުމެވެ.

ލީގުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު އޮތީ މެންޗެސްޓަރ ސިޓީއަށެވެ. އެޓީމުގެ ފަހަތުން ދެ ވަނައިގައި އޮތް ލިވަޕޫލަށް އޮތީ 29 އަހަރު ވަންދެން ޕްރިމިއާ ލީގު ހޯދަން ކުރި އުއްމީދަށް އަދިވެސް އިންތިޒާރު ކުރުމެވެ. އެޓީމު ލީގު ހޯދަން ހުއްޓުމެއް ނެތި ކުރާ މަސައްކަތުގައި މިއީ އެންމެ ގާތަށް ޖެހިލެވުނު ފަހަރެވެ. އެކަމަކު ފަހު މެޗާ ހަމައަށް އައިއިރު އެޓީމަށް މިއޮތީ އަމިއްލަ ބާރު ގެއްލި ސިޓީން ނެރޭނެ ނަތީޖާއަކަށް ބަލަން ތިބުމެވެ. ލީގުގެ ފަހު މެޗުގައި މިރޭ ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. އަދި، ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. ލީގުގެ އެއް ވަނައިގައި ސިޓީ މިވަގުތު 95 ޕޮއިންޓާއެކު އޮތް އިރު ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 94 ޕޮއިންޓެވެ.

މިއީ ޕްރިމިއާ ލީގުގެ ޗެމްޕިއަން ކަނޑައެޅުން ފަހުމެޗާ ހަމައަށް ދިޔަ އަށް ވަނަ ސީޒަނެވެ. މި އަށް ސީޒަނުގައިވެސް އެއް ވަނައިގައި އޮތް ޓީމަށް ފަހު މެޗުން ލީގު ގެއްލިފައެއް ނުވެއެވެ. އެހެންކަމުން މިރޭ ލިވަޕޫލަށް ލީގު ލިބިއްޖެ ނަމަ މިއީ އެކަން ވާނެ ފުރަތަމަ ސީޒަނެވެ. އެކަމަކު ތާރީހަށް ބަލާއިރު ލިވަޕޫލަށް އޮތް މާޔޫސްކަން ކުޑައެއް ނޫނެވެ. ޕްރިމިއާ ލީގުގެ ކުރިން ކުޅުނު އިނގިރޭސި ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ލީގުގައި 1989 ވަނަ އަހަރު އެޓީމަށް ވަނީ ފަހު މެޗުން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ގެއްލިފައެވެ. އެފަހަރު އަމިއްލަ ދަނޑުގައި ކުޅެ އެޓީމު އާސެނަލް އަތުން ބަލިވީ 2-0 އިންނެވެ.

ސިޓީން 2012 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު. އެ ފަހަރު އެޓީމުން ޗެމްޕިއަންކަން ހޯދީ ފަހު މެޗުން މޮޅުވެގެން

ލީގު ޗެމްޕިއަންކަން ހޯދަން ސިޓީން ފަހުމެޗާ ހަމައަށް ނުކުންނައިރު އެޓީމު ވަނީ އެންމެފަހުން ކުޅުނު 13 މެޗުންވެސް މޮޅުވެފައެވެ. މިރޭގެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދައިފި ނަމަ ވެގެންދާނީ 2009 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޓީމަކުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރާ ފުރަތަމަ ފަހަރަށެވެ. ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން އެންމެފަހުން ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ސަރ އެލެކްސް ފާގަސަން އެވެ.

މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބްރައިޓަންގެ އަމެކްސް ސްޓޭޑިއަމްގައި އެޓީމާ ދެކޮޅަށް ނުކުންނަ ސިޓީގެ ޓީމަށް އޭނާގެ ފުރިހަމަ އިތުބާއު އެބައޮތް ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުގެ ކުރިން ޓީމާ ދައްކަން ޖެހޭ ވާހަކަވެސް މިރޭ ދެއްކުމުގެ ބޭނުމެއް ނެތީ ކުޅުންތެރިންނަށް ކުރަންޖެހޭ ކަންތައް ވަރަށް ރަނގަޅަށް އެނގޭނެތީ އެވެ.

“އެމީހުން މޯޓިވޭޓް ކުރާކަށް އަހަރެން ނުޖެހޭނެ އެއްވެސް އެއްޗެއް ކިޔާކަށް. އަހަންނަށް ހީވަނީ އަހަރެންގެ ބަސްތަކުން މިއަދު ވާނެ އެއްވެސް ކަމެއް ނެތޭ. ޓީމުން ބޭނުންވަނީ ޕްރިމިއާ ލީގު ކާމިޔާބުކުރަން. ޓީމުގެ ފަރިތަކުރުންތަކުން އަހަންނަށް ފެނިއްޖެ ތަށި ހޯދަން ބޭނުންވާވަރު” މިދިޔަ ސީޒަނުގައި 100 ޕޮއިންޓް ހޯދައި ސިޓީއަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު ބުންޏެވެ.

ލީގު ޗެމްޕިއަންކަމާ ގާތަށް ސިޓީން ޖެހިލީ ފަހަކަށް އައިސް އެޓީމުން ނެރުނު ނަތީޖާތަކުންނެވެ. މިރޭގެ މޮޅާއެކު އެޓީމަށް 98 ޕޮއިންޓް ލިބި ލީގު ކަށަވަރުވާއިރު މިއީ މިދިޔަ ސީޒަނަށްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ. ލީގުގައި މި ސީޒަނުގައި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ސިޓީ ވަނީ 37 މެޗުގައި 91 ގޯލު ޖަހައިފައެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ. މިރޭ މޮޅުވެއްޖެ ނަމަ ސިޓީއަށް ލިބޭނެ އަނެއް ހިތްހަމަ ޖެހުމަކީ ފުރަތަމަ ފަހަރަށް އިނގިރޭސި ޓީމަކުން ޑޮމެސްޓިކް ތިން ތަށި ކާމިޔާބު ކުރެވިދާނެކަމުގެ ހިތްހަމަ ޖެހުމެވެ. އެޓީމުން ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައި ވާއިރު އެފްއޭ ކަޕްގެ ފައިނަލުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ ވެޓްފޯޑްއާ ދެކޮޅަށެވެ.

ބާރު ނެތަސް ލިވަޕޫލް އުއްމީދުގައި

ލީގުގައި މި ސީޒަނުގައި ލިވަޕޫލުން ދެއްކި ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެޓީމުންވަނީ ފާގަސަންގެ ދިގު ތާރީހުގައި މެންޗެސްޓަރ ޔުނައިޓެޑަށް ސީޒަނެއްގައި ޕޮއިންޓް ހޯދިފައި ނުވާވަރަށް ޕޮއިންޓް ހޯދައިފައެވެ. އަދި، މެޗަކުން ބަލިނުވެ 2004 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި އާސެނަލަށްވެސް ލިވަޕޫލުން މި ސީޒަނުގައި ހޯދިވަރަށް ޕޮއިންޓް ހޯދިފައެއް ނުވެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ބާސެލޯނާ ކޮޅަށް ހަތަރު ގޯލު ޖަހައި އެޓީމު ކަޓުވާލުމަށްފަހު މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގައި އެޓީމަށް ކުރެވެން އޮތް ކަމަކީ މެޗުން މޮޅުވެ ސިޓީން ނެރޭނެ ނަތީޖާއަކަށް އިންތިޒާރު ކުރުމެވެ.

ލިވަޕޫލުން 1990 ވަނަ ހޯދި އިނގިރޭސި ލީގު ތަށްޓާއެކު އެޓީމުގެ ކުޅުންތެރިން. އޭގެފަހުން އެޓީމަށް ލީގު ޗެމްޕިއަންކަން ލިބިފައެއް ނުވޭ

މިރޭގެ މެޗުގެ ކުރިން ލިވަޕޫލް މި ސީޒަނުގައި ބަލިވީ އެންމެ މެޗަކުންނެވެ. މިހާތަނަށް އެޓީމުން ލީގުގައި ހޯދާފައިވާ 94 ޕޮއިންޓަކީ ލީގުގެ ތާރީހުގައި ތިން ވަނައަށް ޓީމަކުން ހޯދި އެންމެ ގިނަ އަދަދެވެ.  

“އަހަރެމެން މިވަގުތު ވިސްނަނީ ވުލްވްސްއާ މެދު. ޔަގީނުންވެސް މިއީ ފުޓްބޯޅަ ތާރީހުގަ އަންނާނެ އެންމެ ފޯރިގަދަ އެއް ވަގުތުކޮޅު. ހަމައެކަނި ލިވަޕޫލަކަށް ނޫން. އަހަރެމެނަށް އޮތީ މިރޭ އިތުބާރާއެކު ތިބުން” 2012 ވަނަ އަހަރުގެ ފަހުން ތައްޓެއް ހޯދިފައިނުވާ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި އެޓީމުން ލީގުގައި މޮޅު ކުޅުމެއް ދެއްކިއިރު ޖެހިޖެހިގެން ދެ ވަނަ ސިޒަނުގައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ދެ ތަށްޓައް ކުރާ އިންތިޒާރުގައި އެޓީމުގެ ސަޕޯޓަރުން މިރޭ ބޭނުންވަނީ ލީގު ޗެމްޕިއަންކަމުގެ ޝަރަފާއެކު ޖޫން އެއް ވަނަ ދުވަހު އޮން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުތުމެވެ. އެކަމަކު ލީގު ޗެމްޕިއަންކަން ނުލިބުނަސް ކްލޮޕް ބުނީ އެ ޓީމުން ދެއްކި ކުޅުމާމެދު އޭނާ ފަހުރުވެރި ވާކަމަށެވެ.

“އާދީއްތަ (މިއަދު) އޮތީ ޕްރިމިއާ ލީގުގެ ފަހު މެޗު. މިއަދުގެ މެޗުން މޮޅުވިޔަސް ތަށި ލިބުމުގެ އަމިއްލަ ބާރެއް ނެތް. އެކަމަކު އޭގެ މާނައެއް ނޫން މިއީ ލިވަޕޫލަށް ދަށް ސީޒަނެކޭ” ލިވަޕޫލާ އެކު މީގެ ކުރިން ތިން ފައިނަލުގައި ބަލިވެފައިވާ ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގެ ކުޅުން މިއަދު ނިމޭއިރު ލީގުން ރެލިގޭޓް ވެފައިވަނީ ހަޑަސްފީލް ޓައުންއާ، ފުލަމްގެ އިތުރުން ކާޑިފް ސިޓީ އެވެ. ލީގުގެ ގަދަ ހަތަރެއްވެސް ގާތްގަނޑަކަށް މިހާރު ވަނީ ކަށަވަރު ވެފައެވެ. ސިޓީއާ ލިވަޕޫލްގެ އިތުރުން ޗެލްސީން ގަދަ ހަތަރެއް ޔަގީންކޮށްފައިވާއިރު ޓޮޓެންހަމް ހޮޓްސްޕާސް މިރޭ ކުޅޭ މެޗު އެއްވަރުކޮށްލައިގެންވެސް ގަދަ ހަތަރަކަށް އެރޭނެއެވެ. އަދި، މިރޭގެ މެޗުން އެޓީމު ބަލިވެ ފަހަތުގައި އޮތް އާސެނަލް މޮޅުވިޔަސް ގޯލުގެ ތަފާތުން ގަދަ ހަތަރެއްގެ ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑީ ޓޮޓެންހަމަށެވެ. ތާވަލުގެ ހަ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ފަހު މެޗުން މޮޅެއް ލިބިއްޖެ ނަމަ ފަސް ވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެޓީމަށް ފަސް ވަނަ ލިބޭނީ މިރޭ އާސެނަލަށް ރަށުން ބޭރުގައި ބާންލީ ބަލި ނުކުރެވިއްޖެ ނަމައެވެ.

ލީގުގެ ފަހު މެޗުތައް މިރޭ ފަށާނީ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.

ކޮމެންޓް