އަނިލް އާއި ބީއެމްއެލް ގުޅުމުން އަނެއްކާވެސް ޔަގީންވީ ތަށި

ފައިނަލް މެޗަށްފަހު ބީއެމްއެލްގެ ކުޅުންތެރިން އަނިލް އުފުލާލައިގެން. އަނިލް ވަނީ ބީއެމްއެލް އާއެކު 2016 ވަނަ އަހަރުވެސް ތަށި ހޯދާފައި. . ފޮޓޯ: ފަހުމިނެޓް

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އަދި ޝަރަފްވެރި ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދެވަނަ ފަހަރަށް ރޭ ޔުނައިޓެޑް ބީއެމްއެލް އިން ކާމިޔާބުކުރިއިރު އެޓީމް ނިސްބަތްވާ ކުންފުނީގެ އެންމެ ހާއްސް ޝުކުރު ރައްދުވާނެ އެކަކީ ބީއެމްއެލް ޓީމް ގެ ކޯޗް އިސްމާއިލް އަނިލް ކަން ޔަގީނެވެ. ހުޅުމާލޭގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ބޮޑު ތަފާތަކުން ކްލަބް ވެމްކޯ ބަލިކޮށް ބީއެމްއެލް އިން ތަށި އުފުލާލިއިރު އަނިލްގެ އިރުޝާދުގެ ދަށުން ކުޅެމުން އައި އެޓީމުން ވަނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހްގައިވެސް އަނިލް ނޫން މީހަކަށް އަދި ބީއެމްއެލް އަށް ތަށި ހޯދައިދެވިފައެއް ނުވެއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް ބީއެމްއެލް އިން ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އަނިލްގެ އިރުޝާދުގެ ދަށުން އެއަހަރުގެ މުބާރާތް ބީއެމްއެލް އިން ކާމިޔާބުކުރިއިރު އެއީ ކްލަބް މޯލްޑިވްސް ކަޕްގައި ޓީމެއްގެ ކޯޗްކަމާއި އަނިލް ހަވާލުވި ފުރަތަމަ ފަހަރުވެސް މެއެވެ. އެކަމަކު އޭގެ ފަހުން ޖެހިގެން އައި ދެ އަހަރުވެސް އަނިލް ކްލަބް މޯލްޑިވްސް ކަޕުން ފެނުނެވެ. ތަފާތު ދެޓީމަކުންނެވެ. އެކަމަކު އަނިލްއަށްވެސް އެ ދެ ޓީމާއެކު ނުކުރެވުނު ކަމަކީ ބީއެމްއެލްއާއެކު ހޯދި ކާމިޔާބީ ތަކުރާރުކުރުމެވެ. 2017 ވަނަ އަހަރުގެ މުބާރާތުގައި އަނިލް ކޯޗްކޮށްދިން އެމްއޭސީއެލްގެ ޓީމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު އެފަހަރު މުބާރާތުން ކެޓީ ޗެމްޕިއަން އެމްއާރްޑީސީ އަތުން ސެމީގައި ބަލިވުމުންނެވެ. ޖެހިގެން އައި އަހަރު މަޝްހޫރު ކުޅުންތެރިން ނިސްބަތުން މަދުން ހިމެނުނު މޯލްޑިވިއަން ގޮވައިގެން އަނިލް ފައިނަލަށް ދަތުރުކުރިއެވެ. އެކަމަކު އެފަހަރުވެސް ތަށީގައި އަތް ނުލެވި މުބާރާތް ނިންމާލަންޖެހުނީ ފައިނަލްގައި ޓީސީއެލް އަތުން ބަލިވުމުންނެވެ.

ބީއެމްއެލް ތައްޓާއެކު. – ފޮޓޯ: ފަހުމިނެޓް

އަނެއްކޮޅުން ބީއެމްއެލްއަށް ވެސް  އަނިލްއާ ނުލައި ކުރަންޖެހުނު ތަޖްރިބާ އުފާވެރިއެއް ނުވިއެވެ. 2016 ވަނަ އަހަރުގެ ކާމިޔާބަށްފަހު ޖެހިގެން އައި އަހަރު އޮތް މުބާރާތުގެ ސެމީ ފައިނަލަށް ބީއެމްއެލް އިން ދަތުރުކުރިއެވެ. އެކަމަކު އެފަހަރު ސެމީ ފައިނަލްގައި އެމްޕީއެލް އަތުން 3-4 އިން ބަލިވެ މުބާރާތުން ކެޓިއެވެ. މިދިޔަ އަހަރު އޮތް މުބާރާތުގައި ބީއެމްއެލްއަށް ދެވޭ  ވަރުވީ ގަދަ ސޯޅައާއި ހަމައަށެވެ. އެފަހަރު ކުއާޓަރ ފައިނަލަށްވެސް ނުގޮސް މުބާރާތާއި އަލްވަދާއުކިއަންޖެހުނީ ގަދަ ސޯޅައިގައި ކްލަބް އެމްޓީސީސީ އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. އެހާ ހިސާބުން އަނެއްކާވެސް ބީއެމްއެލްގެ މެނޭޖްމަންޓުން ނިންމީ އަނިލްގެ އެހީތެރިކަން ހޯދާށެވެ. ޓީމްގެ އަމާޒަކަށްވީ ސީދާ ތަށްޓެވެ.   

“ހަމަ ތަށި ނޫން އެހެން އެއްޗެއް ބޭނުމެއް ނޫނޭ. ހަމަ އެހެން ބުނެފަ އިނީ. އަޅުގަނޑު މި ޓީމާ ހަވާލުވީ ބޭންކްގަ އުޅޭ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއްގެ އެދުމުގެ މަތިން. އޭނަ ބުނި ހަމަ ތަށްޓޭ ބޭނުންވަނީ. އަނިލްގެ އެބަހުއްޓޭ ތަށި ހޯދައިދެވޭ ވަރުގެ ކެޕޭސިޓީ. އެ އުއްމީދުގަ އަހަރެން ފެށީވެސް މިފަހަރު.” މުބާރާތުގެ ފައިނަލް މެޗަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި އަނިލް ބުނެފައިވެއެވެ.  

އަނިލް ބީއެމްއެލްގެ ސައްޓު އާއެކު. – ފޮޓޯ – ފަހުމިނެޓް

ބީއެމްއެލްގެ މެނޭޖްމަންޓުން އަނިލްއަށް ކުރި އިތުބާރާއެކު އޭނާ އައީ މުބާރާތް ފެށުނީއްސުރެ އެކަން ސާބިތުކޮށްދެމުންނެވެ. މިފަހަރުގެ މުބާރާތުގައި ބީއެމްއެލް ހިމެނުނީ ފެނަކައިގެ އިތުރުން އެޗްޑީސީ އާއެކު ގްރޫޕް ޖީ ގައެވެ. ގްރޫޕްގެ އެއްވަނަ ޓީމްގެ ގެ ގޮތުގައި ގަދަ ސޯޅައަށް ބީއެމްއެލް އިން ދަތުރުކުރިއިރު އެ ޓީމް ކުއާޓާ ފައިނަލަށް ދަތުރުކުރީ އެ ބުރުގައި ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޓީމް ބޮޑު ތަފާތަކުން ބަލިކުރުމަށްފަހުއެވެ. ބީއެމްއެލް ކުއާޓާ ފައިނަލްގައި ބައްދަލުކޮށްފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމް އެމްޕީއެލްއާއެވެ. އެމްޕީއެލްވެސް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ސެމީގައި ބީއެމްއެލް ވަނީ ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ހިމެނުނު އުރީދޫ ޓީމް ފަސޭހަކަމާއެކު ބަލިކޮށްފައެވެ. ތަފާތު ބޮޑު ނަތީޖާއަކާއެކު ވެމްކޯ ބަލިކުރި ރޭގެ ފައިނަލް މެޗްގައިވެސް ބީއެމްއެލްގެ ކުޅުންތެރިން ފެނުނީ އިތުބާރާއެކު ކުޅުނު ތަނެވެ.

އަނިލް ގަބޫލްކުރާ ގޮތުގައި ބީއެމްއެލްއާއެކު މިހޯދި ކާމިޔާބީގެ އެއް ސިއްރަކީ ޓީމްގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަމެވެ.

“އަހަރެމެންގެ އެންމެ ބޮޑު ސްޓްރެންތަކީ ޓީމް އެކަތިގަނޑެއްގެ ގޮތުގައި އޮތުން. އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވުން. ޓީމަށް ނާރާ ބެންޗްގަ އިންނަ ކުޅުންތެރިޔާއާ ޓީމަށް އަރާ ފުރަތަމަ ފަހެއްގަ ހިމެނޭ ކުޅުންތެރިޔަކާ ތަފާތެއް ނެތް. އެ ހުރިހާ އެންމެންގެ މެދުގަވެސް އޮތީ ވަރަށް ވަރުގަދަ އެއްބައިވަންތަކަމެއް.” ކުޅުންތެރިއެއްގެ ގޮތުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވިކްޓަރީ ސްޕޯޓްސް ކްލަބްގައި ގިނަ ދުވަސްތަކެއް ހޭދަކުރި އަނިލް ބުނެފައިވެއެވެ.

“ފަހުމިނެޓް” ފަރާތުން އަނިލް އާއި ބީއެމްއެލް ހޯދި ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ކޮމެންޓް