ފައިނަލަށް މިރޭ ނުކުންނައިރު ދެ ކޯޗުންވެސް ބޮޑު އުއްމީދެއްގައި

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތުގެ ގޮތުގައި ބެލެވޭ ކްލަބް މޯލްދިވްސް ކަޕްގެ ފައިނަލްގައި މިރޭ ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބް ވެމްކޯ ވާދަކުރާއިރު މިރޭގެ މެޗަކީ ބަލާހިތްވާ ކަހަލަ މޮޅު އަދި ފޯރިގަދަ ކުޅުމެއް ފެންނާނެ މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވަކިން ހާއްސަގޮތެއްގައި ފުޓްސަލްގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) އެއްކުޅުންތެރިޔަކު އަނެއްކުޅުންތެރިޔަކާ ދެކޮޅަށް ކުޅޭ މެޗް ބަލާލަން ފުޓްސަލްއަށް ލޯބިކުރާ ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. މީގެ އިތުރުން މިރޭގެ މެޗަކީ މިފަހަކަށް އައިސް ކްލަބް މޯލްޑިވްސް ކަޕްގައި ރަގަޅު ނަތީޖާތަކެއް ހޯދައިފައިވާ ދެ ކޯޗުން ކަމަށްވާ އިސްމާއިލް އަނިލް (އަންނި) އާއި މުހައްމަދު ނިޝާމް (ފޮޓޯ) ގެ ކޯޗިން ކެރިއަރުގެ މުހިއްމު މެޗެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާ ވެމްކޯ ހިމެނުނީ މިދިތަ އަހަރުގެ ރަނަރަޕް ހޯދި މޯލްޑިވިއަންއާ އެކު ގްރޫޕް އޭ ގައެވެ. ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ހޮވި ގަދަ ސޯޅައިގައި ސްޓެލްކޯ ބަލިކުރުމަށްފަހު ސެމީ ފައިނަލުން އެޓީމް ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމް އެސްޓީއޯ ބަލިކުރުމަށްފަހު އެވެ. މުބާރާތުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ މި މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވި އެއް ޓިމް ކަމަށްވާ ކްލަބް އިމިގްރޭޝަން ވާދަވެރި ސެމީ ފައިނަލަކުން ބަލިކުރުމަށްފަހުއެވެ.

އަނެއްކޮޅުން މި މުބާރާތުގެ ތަށި 2016 ވަނަ އަހަރު ހޯދައިފައިވާ ބީއެމްއެލް ހިމެނުނީ ފެނަކައިގެ އިތުރުން އެޗްޑީސީ އާއެކު ގްރޫޕް ޖީ ގައެވެ. ގްރޫޕްގެ އެއް ވަނަ ޓީމްގެ ގެ ގޮތުގައި ގަދަ ސޯޅައަށް ބީއެމްއެލް އިން ދަތުރުކުރިއިރު އެ ޓީމް ކުއާޓާ ފައިނަލަށް ދަތުރުކުރީ އެ ބުރުގައި ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓީމް ބޮޑު ތަފާތަކުން ބަލިކުރުމަށްފަހުއެވެ. ބީއެމްއެލް ކުއާޓާ ފައިނަލްގައި ބައްދަލުކޮށްފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމް އެމްޕީއެލްއާއެވެ. އެމްޕީއެލްވެސް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ސެމީގައި ބީއެމްއެލް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އުރީދޫ ފަސޭހަކަމާއެކު ބަލިކޮށްފައެވެ.

ވެމްކޯ ޓީމް ނިސްބަތުން ވަރުގަދަޔަސް ބޭންކާއި މެދު ވިސްނާނެ

ވެމްކޯގެ ކޯޗް ނިޝާމް (ފޮޓޯ) ފާހަގަކުރި ގޮތުގައި ބީއެމްއެލް އާ ދެކޮޅަށް ނުކުންނައިރު އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބީއެމްއެލްގައި އޮތް ޓީމަށްވުރެ ވަރުގަދަ ޓީމެއް ވެމްކޯ ގައި އޮތުމެވެ.

“އަޅުގަނޑުމެންގެ ތެރޭގަ އެބަތިބި މީހުންގެ ތެރޭގަ އާންމުކޮށް (އެކުޅުންތެރިންގެ ވާހަކަ) ނުދެކެވޭ އެކަމަކު ވަރަށް ކޮލިޓީ ދެ ޕްލޭޔަރެއް. މިސާލަކަށް ޖޯޒީ ނަންބަރު 8 އަސްވަދު (ގަބޭ) އަދި ޖޯޒީ ނަމްބަރު 5 މުބީން (މުއްކި). މި ދެކުޅުންތެރިންނަކީ ވެސް އަލީ ހާފިޒް އަދި ޝާކާ މި ދެކުޅުންތެރިންނާ ހަމަ އެއް ލެވަލް އެއްގަ ހިމެނޭނެ ކުޅުންތެރިން. އެހެންވީމަ  ބީއެމްއެލްގަ އޮތް ސްޓްރެންތައްވުރެ އަހަރެމެންގެ ޓީމްގަ އޮތް ސްޓްރެންތް މާ ބޮޑު.” މިރޭގެ ފައިނަލަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް” އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފޮޓޯ ބުންޏެވެ.

އެއީ އަޅުގަނޑުމެންގެ އެޓޭކްގަ އެބަ ގިނަވޭ ސްކިލްފުލް ފިޒިކަލީ އަދި މެންޓަލީ ފިޓް ޕްލޭޔަރުން. އަދި އަޅުގަނޑުމެންގެ ބެންޗްގަ އެބަތިބި މިސާލަކަށް ރާއްޖޭގެ ފަސްޓް ޑިވިޝަންގަ އަދި ގައުމީ ޓީމުގަ ކުޅުނު ހަސަން އަދުހަމް އެބައިން، ފަޔާ އެބައިން، އީގަލްސްއަށް ކުޅޭ ސަމިއްޓެ އެބައިން. އެގޮތަށް އަޅުގަނޑުމެންގެ އަތުގަ އެބަތިބި ހަވަރަކަށް ޕްލޭޔަރުން ބެންޗްގެ އަނެއް ކުޅުންތެރިން ވަރުބަލިވާ ގަޑީގަވެސް ލާނެ.” 2014 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ޕޮލިސް ކްލަބް ގެންގޮސްދިން ކޯޗް ފޮޓޯ ބުންޏެވެ.

“ކަން އެހެން އޮތް ނަމަވެސް ފޮޓޯ ހުރީ ބީއެމްއެލްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލާ މެދުވެސް ސަމާލުވެގެންނެވެ.

“އަޅުގަނޑުމެން ވިސްނާނީއަކީ އެގޮތަކަށް ނޫން. ބީއެމްއެލް އަކީ ވެސް ވަރުގަދަ ޓިމެއް. އެޓީމަށް އަހަރެމެން ފުރިހަމައަށް އިހްތިރާމް ކުރަން. އަޅުގަނޑުމެންގެ ޓާގެޓަކަށްވާނީ ކޮޅު ދިފާއުކޮށްފަ އަޅުގަނޑުމެންނަށް ލިބޭ އެތި ޖަހާލައިގެން މިކަން ކޮށްލުން.” ކުރިން ފެނަކައަށް ދެފަހަރެއްގެ މަތިން ކޯޗްކޮށްދީ އެ ދެފަހަރުވެސް ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް އެޓީމް ގެންގޮސްދިން ކޯޗް ފޮޓޯ ބުންޏެވެ.

ވަރުގަދަ މެޗުތަކަކަށްފަހު ފައިނަލަށް ދަތުރުކުރި ވެމްކޯ ޓީމް. މިއީ މުބާރާތުގެ ފައިނަލުގައި ވެމްކޯ ކުޅޭ ފުރަތަމަ ފަހަރު

ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް ހޯދަން ވެމްކޯ އާއެކު ފޮޓޯ ނުކުންނައިރު އޭނާ އަށް ޓީމާ ދޭތެރޭ އޮތް އިތުބާރު ބޮޑުވާ އެހެން ސަބަބެއްވެސް އެބައޮތެވެ.

“މިދިޔަ އަހަރުގެ ނޮވެމްބަރ އިން ފެށިގެން 2019 ވަނަ އަހަރުގެ ސީއެމްސީ އަށް ވެމްކޯ އިން ވަރަށް ބޮޑަށް ތައްޔާރުވަމުން މިއައީ. އޭގެ ނަތީޖާއެއްގެ ގޮތުން ޓީމުގައި ހިމެނޭ 15 ޕްލޭޔަރުންނަކީ ވެސް އެމީހުންގެ ލެވަލްގަ ހަމަ ކޮލިޓީ ޕްލޭޔަރުން.”

“މުބާރާތުގެ ފައިނަލްގެ ކުރިން ޓަފް ތިން މެޗް ކުޅެފަ އައިމަ ކުޅުންތެރިން ތިބީ ވަރަށް ކިކްގަ. އަދި ހަމަ އެއާއި އެއްކޮށް ރަގަޅު ނަތީޖާތަކަކާއިއެކު ފައިނަލަށް އައީމަ ވަރަށް ފޯރީގަ އެންމެންވެސް މި ތިބީ. އެހެންވީމަ ޓީމްވެސް ވަރަށް މޯޓިވޭޓްވެފަ މޯރަލީވެސް ވަރަށް ރަގަޅުކޮށް މިފެންނަނީ.” ކްލަބް މޯލްޑިވްސް ކަޕާއި އެކުއެކީހެން ކުރިއަށްގެންދާ ވިމެންސް ފުޓްސަލް ފިއެސްޓާގެ ތަށި 2017 ވަނަ އަހަރު ފެނަކައަށް ހޯދައިދިން ކޯޗް ބުންޏެވެ.

ފޮޓޯ ގަބޫލުކުރާ ގޮތުގައި ވެމްކޯއަށް މި މުބާރާތުގެ ފައިނަލާއި ހަމައަށް އާދެވިފައި މިވަނީ މި މުބާރާތަށް އެޓީމުން ދުރާލާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުންނެވެ.

“ފުރަތަމަ ވެމްކޯ އިން ބައިވެރިވި އަހަރުގެ ޓާގެޓަކަށްވީ ގްރޫޕް ސްޓޭޖް (ފަހަނައަޅައި ދިޔުން). ދެވަނަ އަހަރު ރައުންޑް އޮފް 16. އެހެންވީމަ މިއަހަރު  އަޅުގަނޑުމެން އެންމެ ފުރަތަމަ ޓާގެޓަކަށް ވިސްނީވެސް ފައިނަލްގެ އެއް ސްލޮޓް ހޯދުން. އެހެންވީމަ އަހަރެމެންގެ ފުރަތަމަ ޓާގެޓް މިއޮތީ ހާސިލްވެފަ. މިހާރު ދެން މިއޮތީ ތަށި. އަޅުގަނޑުމެންގެ ހުރިހާ ކުދިންވެސް ވަރަށް ޖޯޝްގަ މިތިބީ އިރާދަކުރެއްވިއްޔާ މިތަށި ނަގަން ތައްޔާރުވެގެން.” މުބާރާތުގައި ވެމްކޯ ޓީމަށް އަލަށް އިރުޝާދުދެމުން އަންނަ ކޯޗް ބުންޏެވެ.

އަނިލްގެ ކަންބޮޑުވުމަކީ ފަސޭހައިން ފައިނަލަށް އާދެވުން

ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ފައިނަލަށް މިރޭ ބީއެމްއެލް އިން ނުކުންނައިރު އަނިލްއަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ އަނެއްކޮޅުން ވާދަކުރާ ވެމްކޯއާ އަޅާ ބަލާއިރު ފަސޭހަ މަގަކުން ފައިނަލާ ހަމައަށް އާދެވުމެވެ.

“އަހަރެމެން ފައިނަލަށް މިއައީ ވަރަށް ފަސޭހައިން . ޖެހޭ ކޮންމެ ބައެއްގެ ކޮޅަށް ތިނެތި ހަތަރެތި ޖަހަމުން އައިސް ފައިނަލަށް އައީމަ އެވެސް މައްސަލައެއް. އަނެއްކޮޅުން ވެމްކޯ އެއައީ އަނެއް ފަޅިން (މުބާރާތުގަ ހިމެނޭ) ހުރިހާ ގަދަ ޓީމްތައް ބަލިކޮށްފަ. އަހަރެންގެ ބޮލުގަ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ” މިރޭ އޮންނަ ފައިނަލް މެޗްގެ ކުރިން. “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބީއެމްއެލްގެ ކޯޗް އިސްމާއިލް އަނިލް ބުންޏެވެ.

ކަން އެހެން އޮތް ނަމަވެސް އަނިލްއަށް އޭނާގެ ޓީމްގެ ކުޅުންތެރިންނާ މެދު ފުރިހަމަ އަށް އިތުބާރު އެބައޮތެވެ.

“އަހަރެން ޕްލޭޔަރުންނަށް ވަރަށް ވިސްނާދީފަ އޮންނާނީ މެންޓަލީވެސް ތައްޔާރުވައްޗޭ. މިއީ ފަސޭހަ ކަމެއް ނޫނޭ. ފައިނަލާ ހަމައަށް އައިސްފަ ތަށި ދޫކޮށްލެވިގެން ނުވާނެއޭ.  މެންޓަލީ ފިޓް މީހަކަށް ވެގެންނޭ ފިޒިކަލީ މީހާ މަސައްކަތްކުރާނީ. މެންޓަލީ ފިޓް ނުވެއެއް މީހާއަށް މަސައްކަތެއް ނުކުރެވޭނެއޭ. އެހުރިހާ އެއްޗެއްވެސް ކުޅުންތެރިންނަށް ކިޔައިދީފަ ހުންނާނީ.” ކްލަބް މޯލްޑިވްސް ކަޕްގެ ތަށި 2016 ވަނަ އަހަރު ބީއެމްއެލްއަށް ހޯދައިދިން ކޯޗް އަނިލް ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ބީއެމްއެލް ޓީމު. އެޓީމުން ވަނީ 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްއާރުޑީސީ ބަލިކޮށްފައި

މިރޭގެ މެޗަށް ނުކުންނައިރު އަނިލްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމްގެ ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމެވެ.

“އަހަރެމެންގެ އެންމެ ބޮޑު ސްޓްރެންތަކީ ޓީމް އެކަތިގަނޑެއްގެ ގޮތުގައި އޮތުން. އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވުން. ޓީމަށް ނާރާ ބެންޗްގަ އިންނަ ކުޅުންތެރިޔާއާ ޓީމަށް އަރާ ފުރަތަމަ ފަހެއްގަ ހިމެނޭ ކުޅުންތެރިޔަކާ ތަފާތެއް ނެތް. އެ ހުރިހާ އެންމެންގެ މެދުގަވެސް އޮތީ ވަރަށް ވަރުގަދަ އެއްބައިވަންތަކަމެއް.” މިދިޔަ އަހަރު އޮތް މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން ގެންގޮސްދިން ކޯޗް ބުންޏެވެ.

އަނިލް ފާހަގަކުރި ގޮތުގައި ކުރިން އޭނާ ހަވާލުވި ޓީމާއި މިފަހަރުގެ ޓީމާއި އަޅާ ބަލާއިރު ފެންނަނީ ހަމަ އެންމެ ތަފާތެކެވެ.

“ބޭންކުގަ އަސްލު މިއޮތީ ހަމަ އެއް ޓީމެއް. ޓީމަށް ހަމައެކަނި އިތުރުވީ އައްޔަ. އައްޔަ އަކީ ތަފާތު ޕްލޭޔަރެއް. އެހެންވީމަ އޭނަގެ އެހުރި ކެޕޭސިޓީ އަހަރެމެން ބޭނުންކުރާނަން އެންމެ ފުރިހަމައަށް.” 2017 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެމްއޭސީއެލްއާއެކު ދަތުރުކުރި ކޯޗް ބުންޏެވެ.

ވެމްކޯއާ ދެކޮޅަށް މިރޭ ބީއެމްއެލްއިން ނުކުންނައިރު އަނިލްހުރީ އެޓީމާއި މެދު ފިސާރި ސަމާލުވެގެންނެވެ.

“ވެމްކޯ އަކީ ރާއްޖޭގަ ފުޓްސަލް އެންމެ ރަގަޅަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް. އެމީހުންނާ ދެކޮޅަށް ނުކުންނައިރު އަހަރެމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. އެގޮތުން އަހަރެމެން އެމީހުންގެ ޓެކްޓިކްސް ބަލާފަ އެމީހުންގެ އެޓޭކް ދިފާއުކޮށްފަ އަހަރެމެންގެ އެޓޭކްތައް ކުރާ ގޮތަށް ވިސްނާނީ.” ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބާއެކު ކުޅުންތެރިއެއްގެ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ އަނިލް ބުންޏެވެ.

ހުޅުމާލެ ފުޓްސަލް ދަނޑުގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ 8:30 ގައެވެ.

ކޮމެންޓް

    Gabbaru

    Mi mubaaraathaky dhivehi footbalhaige halaaku, Ganoonah islaaheh husha alhaigenves mikamah halleh gennan jehey, rasmee footbalha mubaaraahthakah nudhey Samaalukan mifadha dhoahalhi mubaaraahthakah dhevigen nuvaane, meekee sarafveri mubaaraahthakah hedhigen nuvaane, mifaharuves thi wamco ah kulhen vedhi meehunnaky Hama ekamah vedhi baeh. Magumathy ulhey parteyn noonkamahves neyge.