ބާކީ 15 މެޗު، ސިޓީ އަށް ހަތަރު ތަށި ހޯދޭނެ؟

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ. އޭނާ ވަނީ ބާސެލޯނާގައި 2009 ވަނަ އަހަރު ހަ ތަށި ކާމިޔާބުކޮށްފައި

މެދުކެނޑުމަކަށްފަހު ކްލަބް ފުޓްބޯޅައިގެ މެޗުތައް މިއަދު އަލުން ފަށާއިރު ސީޒަން ނިމެން މިވަނީ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. ސީޒަނުގައި ބާކީ އޮތް މަދު މެޗުތަކަކީ ޗެމްޕިއަންކަން ކަނޑައެޅުމަށް ކުޅޭ ފޯރިގަދަ މެޗުތަކެކެވެ. މި ސީޒަނުގައި ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ޓީމަކީ އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ އެވެ. ހުރިހާ ތައްޓެއް ކާމިޔާބުކުރަން ކުރާ ދަތުރުގައި އެޓީމަށް ބާކީ އޮތީ 15 މެޗެވެ. ކޮންމެއަކަސް އިނގިރޭސި އެއްވެސް ކްލަބަކަށް މިހާތަނަށް ހޯދިފައިނުވާ ޝަރަފް ހޯދަން އެޓީމަށް އޮތީ ފަސޭހަ މަގެއް ނޫނެވެ. އެކަމަކު އެޓީމު ދައްކަމުންދާ ކުޅުމުން އެއީ ނުވާނެ ކަމެކޭވެސް ބުނެވޭކަށް ނެތެވެ.

މިދިޔަ މަހު ޗެލްސީގެ މައްޗަށް ކުރި ހޯދައި ސިޓީން ވަނީ ލީގު ކަޕް، ތަށީގެ ލިސްޓަށް އިތުރުކޮށްފައެވެ. ސީޒަނުގައި ބާކީ އޮތީ ތިން މުބާރާތެވެ. އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އެޓީމު ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. އެ މުބާރާތުގެ ދެ ވަނަ ސެމީގައި ވުލްވްސް ނުކުންނާނީ ވެޓްފޯޑާއި ދެކޮޅަށެވެ. އެފްއޭކަޕްގެ ސެމީ ފައިނަލުގެ ހަތަރު ޓީމަށް ބަލާއިރު ގިނަ ބަޔަކު ބުރަވަނީ ސިޓީން އެ މުބާރާތް ކާމިޔާބު ކުރާނެކަމަށެވެ. އެއަށްފަހު ދެން އޮތީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގެވެ. ލީގު ހޯދުމުގެ ރޭހުން ގެއްލިދާނެކަމަށް ބެލެވުނު ނަމަވެސް ބާކީ އޮތް މެޗުތަކުގައި އެޑްވާންޓޭޖް އޮތީ ސިޓީއަށެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށްވުރެ އެއް މެޗު މަދުކޮށް ދެ ޕޮއިންޓް ފަހަތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެ ވަނައިގައެވެ. ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކުރާ ދަތުރުގައި މިއީ އެޓީމަށް އެންމެ ފުރުސަތު ބޮޑު ފަހަރޭވެސް ބުނެވިދާނެ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އެޓީމު ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފިނަމަ ސެމީ ފައިނަލުގައި ސިޓީން ނުކުންނާނީ އަޔަކްސް އާއި ޔުވެންޓަސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

1999 ވަނަ އަހަރު ޔުނައިޓެޑް ޓީމު ތިން ތައްޓާއެކު. އެފަހަރުވެސް އެޓީމަށް ހަތަރު ތަށި ހޯދޭ ވަރެއް ނުވި

ރެކޯޑާ ގާތަށް ދެވުނު، އެކަމަކު އެކަމެއް ނުވި!

އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި މީގެ ކުރިންވެސް ހަތަރު ތަށި ހޯދުމުގެ ފުރުސަތު ޓީމުތަަކަށް ވަނީ ފަހިވެފައެވެ. މީގެ ކުރިން މާޗް މަހުގެ 30 ވަނަ ދުވަހާއި (މިއަދު) ހަމައަށް މި ފުރުސަތު ވަނީ މެންޗެސްޓަރ ޔުނައިޓެޑަށާއި ޗެލްސީއަށް ތަނަވަސްވެފައެވެ. ޗެލްސީން 07-2006 ވަނަ ސީޒަނުގައި ހަތަރު ތަށި ހޯދުމާ ގާތަށް ޖެހިލިއިރު ޔުނައިޓެޑް ވަނީ 09-2008 ވަނަ ސީޒަނުގައި ވަރަށް ފަހަކާ ޖެހެންދެން އެ މަސައްކަތް ކޮށްފައެވެ.

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އޭރު ކުޅުނު ޗެލްސީ އަށް ހަތަރު ތަށި ހޯދުމުގެ ފުރުސަތު 2007 ވަނަ އަހަރު ގެއްލުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވުމުންނެވެ. މެއި 1 ވަނަ ދުވަހު ލިވަޕޫލް އަތުން ބަލިވެގެން ޗެލްސީ ކެޓިއިރު އެސީޒަނުގައި ޗެލްސީ އަށް ލިބުނީ އެފްއޭ ކަޕާއި ލީގު ކަޕެވެ. އޭގެ ދެ އަހަރުފަހުން މީޑީއާގައި ތިލަވީ ޔުނައިޓެޑުން ހަތަރު ތަށި ހޯދުމުގެ ފުރުސަތު ބޮޑުކުރި ވާހަކައެެެވެ. ކާމިޔާބި ކޯޗު ސަރ އެލެކްސް ފާގަސަންގެ އިރުޝާދުގެދަށުން ކުޅެމުންދިޔަ ޔުނައިޓެޑް ޓީމުގެ ފެންވަރަށް ބަލާއިރު ހަތަރު ތަށި ހޯދުމުގެ ކުޅަދާނަކަން އެޓީމުގައި ހުއްޓެވެ. އެކަމަކު އެ ސީޒަނުގައި އޭޕްރީލް 19 ވަނަ ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެވަޓަން އަތުން ބަލިވުމުން ޔުނައިޓެޑަށް އެ ފުރުސަތު ގެއްލުނެވެ. އެ ސީޒަނުގައި ޔުނައިޓެޑް ވަނީ އިނގިރޭސި ލީގާއި ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އަދި، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ބާސެލޯނާ އަތުން ވަނީ ބަލިވެފައެވެ. 

ޗެމްޕިއންސް ލީގުގައި ޗެލްސީ އާއި ލިވަޕޫލް ވާދަކުރި މެޗެއްގެ ތެރެއިން. 2007 ވަނަ އަހަރު ޗެލްސީގެ އުއްމީދުތައް ގެއްލުނީ ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވުމުން

އިނގިރޭސި ފުޓްބޯޅައިގެ ކްލަބަކުން އެއް ސީޒަނެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1999 ވަނަ އަހަރު ޔުނައިޓެޑުން ހޯދި ތިން ތައްޓެވެ. އެ ސީޒަނުގެ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގު އަދި ޕްރިމިއާ ލީގު ޔުނައިޓެޑުން ކާމިޔާބު ކުރިނަމަވެސް ހަތަރު ތަށި ހޯދުމުގެ ރޭސް އެ ސީޒަން ފެށުނުތަނާހެން ޔުނައިޓެޑަށް ނިމިއްޖެއެވެ. “ޓެރެބަލް” ނަމުން މަޝްހޫރުވި ކާމިޔާބު ސީޒަނުގައި ޔުނައިޓެޑް ވަނީ ޑިސެމްބަރު 2 ވަނަ ދުވަހު ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޓޮޓެންހަމާއި ވާދަކޮށް ބަލިވެފައެވެ.

ހަތަރު ތަށީގެ ހުފަވެން ދެހާހުގެ ކުރީކޮޅު ދުށް އަނެއް ޓީމަކީ އާސެނަލް އެވެ. އާސެނަލްގެ ގޯލްޑެން ޖެނެރޭޝަންގެ ދުވަސްވަރު 04-2003 ވަނަ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގު އެޓީމުން ކާމިޔާބު ކުރިއިރު އެ އަހަރު ހަތަރު ތައްޓަށް ކުރި އިންތިޒާރަށް ފެބްރުއަރީ މަހު ވަނީ ނިމުން އައިސްފައެވެ. “އިންވިންސިބަލްސް” ގެ ލަގަބް ދެވިފައިވާ އިނގިރޭސި ހަމައެކަނި ކްލަބް އެ ސީޒަނުގައި ހުރިހާ ތައްޓެއް ހޯދުމުގެ ފުރުސަތު ގެއްލުނީ ލީގު ކަޕްގެ ސެމީ ފައިނަލުގައި ފެބްރުއަރީ ތިން ވަނަ ދުވަހު މިޑްލްސްބަރާ އަތުން 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވުމުންނެވެ.

ޕެޕް ގާޑިއޯލާއާއެކު ވަރުގަދަ ބާރަކަށް ވެފައިވާ ސިޓީ ވަނީ މިދިޔަ ސީޒަނުގައިވެސް ފެބްރުއަރީ މަހާއި ހަމައަށް ހަތަރު ތައްޓަށް ވާދަކޮށްފައެވެ. އެކަމަކު އެޓީމުގެ އުއްމީދުތަކަށް ހުރަސްއެޅީ ފެބްރުއަރީ 19 ވަނަ ދުވަހު އެފްއޭ ކަޕް ގައި އެޓީމާ ދެކޮޅަށް ކުޅުނު ވިގަން އެތުލެޓިކް އެވެ. އޭގެ ދުވަސްކޮޅެއްފަހުން އެޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލް އަތުންވެސް ބަލިވެފައެވެ. 

މެޗަކުން ބަލިނުވެ ލީގު ހޯދި ހަމައެކަނި އިނގިރޭސި ޓީމު އާސެނަލް. މި ޓީމަށްވެސް އެ ސީޒަނުގައި ހަތަރު ތަށި ހޯދޭވަރެއް ނުވި

1992 ވަނަ އަހަރު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ރީބްރޭންޑްކޮށް ފެށުމުގެ ކުރިން ކުރީގެ މަޝްހޫރު ކްލަބް ނޮޓިންހަމް ފޮރެސްޓް ވަނީ 79-1978 ވަނަ ސީޒަނުގައި ހަތަރު ތައްޓާއި ގާތަށް ޖެހިލާފައެވެ. އެކަމަކު އެ ސީޒަނުގައި އެޓީމަށް އެ ފުރުސަތު ގެއްލުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި އާސެނަލް އަތުން ބަލިވުމުންނެވެ. 

އޭގެ ކުރިން 70 ގެ ފަހުކޮޅާއި 80 ގެ ކުރީކޮޅު އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓްކުރި ލިވަޕޫލަށްވެސް ވަނީ ހަތަރު ތަށި ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ވެފައެވެ. 1976 އިން 1985 ވަނަ އަހަރާއި ހަމައަށް ޔޫރަޕްގައި ލިވަޕޫލް ވަނީ ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައެވެ. ޔޫރަޕްގެ ތައްޓާއެކު އެޓީމަށް އެންމެ ކާމިޔާބު ސީޒަނަކަށް ވީ 84-1983 ވަނަ ސީޒަނެވެ. އެފަހަރު އެޓީމު ވަނީ އިނގިރޭސި ލީގާއި ޔޫރަޕިއަން ކަޕް އަދި ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އެފަހަރު ހަތަރު ތަށީގެ ފުރުސަތު އެޓީމަށް ގެއްލުނީ ޖެނުއަރީ މަހުގެ ފަހުކޮޅު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ކެޓުމުންނެވެ. 

ސީޒަނުގައި ހަތަރު ތައްޓާއި ލިވަޕޫލުން އެންމެ ކައިރިކުރީ 83-1982 ވަނަ އަހަރު އެވެ. އެކަމަކު އެ ސީޒަނުގައި ފެބްރުއަރީ 20 ވަނަ ދުވަހު އެޓީމު ވަނީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ބްރައިޓަން އަތުން ބަލިވެ ކަޓައިފައެވެ. އެ ސީޒަނުގައި ލީގާއި ލީގު ކަޕް އެޓީމުން ހޯދިއިރު ޔޫރަޕިއަން ކަޕުން ކެޓީ ކުއާޓާ ފައިނަލުގައެވެ. 

ލިވަޕޫލް ޔޫރަޕްގެ ޝަރަފްވެރި ތައްޓާއެކު. ޔޫރަޕްގައި ޑޮމިނޭޓް ކުރި ދުވަސްވަރުވެސް އެއް ސީޒަނެއްގައި ހަތަރު ތަށި އެޓީމަށް ހޯދިފައެއް ނުވޭ

ޔޫރަޕްގައި މި ރެކޯޑު އޮތީ ކިހިނެއް؟

2009 ވަނަ އަހަރު ބާސެލޯނާ އާއެކު އޭރު އެޓީމުގެ ކޯޗަކަށްހުރި ގާޑިއޯލާ ހޯދި ހަ ތައްޓަކީ ފުޓްބޯޅައިގައި ނަގާކިޔާ ކާމިޔާބެކެވެ. އެ އަހަރު ބާސެލޯނާ އާއެކު ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގާއި، ލަލީގާ، ސްޕެނިޝް ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް، ޔޫއެފާ ސުޕަރ ކަޕް އަދި ކޮޕަ ޑެލްރޭ ކާމިޔާބުކޮށްފައެވެ. އެ އަހަރު ހޯދި ބައެއް ތައްޓާއެކު “ހަތަރު ތަށި” ހޯދަން 10-2009 ވަނަ ސީޒަނުގައި ގާޑިއޯލާ ކުރި މަސައްކަތް ނާކާމިޔާބުވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ކެޓުމުންނެވެ. އެ ސީޒަނުގައި ގާޑިއޯލާ ވަނީ ސްޕެނިޝް ކަޕް އަދި ލަލީގާ ބާސެލޯނާއާއެކު ހޯދައިފައެވެ. އޭގެ އެއް އަހަރުފަހުން ރެއާލް މެޑްރިޑް ވަނީ ކޮޕަ ޑެލްރޭ އާއި ޗެމްޕިއަންސް ލީގާއެކު ހަތަރު ތަށި ކާމިޔާބުކޮށްފައެވެ. އަދި، 18-2017 ވަނަ ސީޒަނުގައި ރެއާލުން ހަތަރު ތަށި ކާމިޔާބުކުރިއިރު އެފަހަރު އެޓީމުން ލީގު ނިންމާލީ ބާސެލޯނާ އަށްވުރެ 17 ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ. އަދި، އެފަހަރު ކޮޕަ ޑެލްރޭ އިން ރެއާލް ކެޓީ ކުއާޓާ ފައިނަލުންނެވެ. 

ޔޫރަޕްގެ އެހެން ޓީމުތަކަށް ބަލާއިރު ހަތަރު ތަށި ހޯދުމުގެ ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި ޓީމަކީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އެވެ. އެޓީމުން ވަނީ  15-2014، 16-2015 އަދި 18-2017 ވަނަ ސީޒަނުގައި ފްރާންސްގައި ކުޅޭ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކޮށްފައެވެ. އެ ސީޒަންތަކުގައި އެޓީމުން ފްރެންޗް ލީގާއި، ލީގު ކަޕް އަދި ފްރެންޗް ކަޕް ކާމިޔާބު ކުރިނަމަވެސް ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީ އާއެކު އެޓީމަށް އެ ޝަރަފް ލިބިފައެއް ނުވެއެވެ. 

ފުޓްބޯޅައިގެ ދިގު ތާރީހުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އެއް ކްލަބް ކަމަށްވާ ސްކޮޓްލެންޑްުގެ ސެލްޓިކް ވަނީ 1967 ވަނަ އަހަރު އެހެން ކްލަބަކަށް ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ އަހަރު އެ ކްލަބުން ފުރަތަމަ ޑިވިޝަންގެ ތައްޓާއި ޔޫރަޕިއަން ކަޕްގެ އިތުރުން ސްކޮޓިޝް ކަޕް އަދި ސްކޮޓިޝް ލީގު ކާމިޔާބުކުރުން ވެގެންދިޔައީ އެއް ކްލަބަކުން ސީޒަނެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަށެވެ. 

ބާސެލޯނާ އެޓީމުން ހޯދި ތަށިތަކާއެކު، 2009 ވަނަ އަހަރު އެޓީމުން ވަނީ ހަ ތަށި ކާމިޔާބުކޮށްފައި

ސިޓީއަށް މިކަން ވެދާނެތަ؟

ސީޒަން ހުޅުވުމުގެ ގޮތުން ޗެލްސީއާ ދެކޮޅަށް ކުޅުނު ކޮމިއުނިޓީ ޝީލްޑްގެ މެޗު ނުލައި ސިޓީ ވަނީ މި ސީޒަނުގައި މިހާތަނަށް 48 މެޗު ކުޅެފައެވެ. ހަތަރު ތަށި ކާމިޔާބުކުރާ ނަމަ ސީޒަން ނިމޭއިރު އެޓީމު ނިންމާލާނީ 63 މެޗާއެކު އެވެ. މާނައަކީ މި ޝަރަފް ހޯދަން އެޓީމު އަދި 15 މެޗުން ކުޅެންޖެހޭނެއެވެ. 

އިނގިރޭސި ފުޓްބޯޅައިގައި މިހާތަނަށް އެއް ސީޒަނެއްގައި އެންމެ ގިނަ މެޗު ކުޅުނީ 1972 ވަނަ އަހަރު ސްޓޯކް ސިޓީ އެވެ. އެޓީމުން އެ ސީޒަނުގައި 71 މެޗު ކުޅުނުއިރު ޗެލްސީ ވަނީ 13-2012 ވަނަ ސީޒަނުގައި 69 މެޗު ކުޅެފައެވެ. 

ދިގު ސީޒަނެއްގައި ރަނގަޅު ފޯމެއްގައި ކުޅެމުންދާ ސިޓީން ވަނީ މި ސިޒަނުގައި ތަފާތު 30 ކުޅުންތެރިއަކަށް ސީނިއާ ޓީމުން ފުރުސަތު ދީފައެވެ. ޒުވާން ކުޅުންތެރިން ހިމަނައިގެން ލީގު އަދި ކަޕް މެޗުތަކުން ގާޑިއޯލާގެ ސިޓީ މޮޅުވަމުންދާއިރު އެޓީމު ވަނީ މި ސީޒަނުގައި މިހާތަނަށް 142 ގޯލު ޖަހައިފައެވެ. 

ސިޓީން ހަތަރު ތަށި ހޯދުމާ ގުޅޭގޮތުން ގާޑިއޯލާ މީގެ ކުރިން ބުނެފައިވަނީ އެއީ އެޓީމުން ވިސްނާ ކަމެއް ނޫންކަމަށާއި، އެކަމަކު ސިޒަނުގެ މި ހިސާބުގައި ހުރިހާ މުބާރާތެއްގައި ވާދަކުރަމުން ދިއުމަކީ ކާމިޔާބީއެއް ކަމަށެވެ. ސިޓީ އަށް ހަތަރު ތަށި ކާމިޔާބު ކުރެވިދާނެކަމަށް ގާޑިއޯލާ ގަބޫލު ނުކުރިނަމަވެސް، އެޓީމަށް ސިޒަނުގައި ބާކީ އޮތް މެޗުތަކާއި ކުޅުންތެރިންގެ ފޯމަށް ބަލާއިރު މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ސިޓީން ޝަރަފް ހޯދާނެ ސީޒަން ކަމަށް ދެކޭ ފަރާތްތައްވެސް މަދެއް ނޫނެވެ. ކޮންމެއަކަސް ބާކީ 15 މެޗުން ސިޓީން ނެރޭނެ ނަތީޖާ ބަލަން ނިކަން ތިބެމާ ހިނގާށެވެ. 

ކޮމެންޓް