ފައިނަލް ސްކޮޑާއެކު ޒުވާން ޓީމް މާދަމާ ސައުދީ އަށް

އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލައި، މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރަން ހަމަޖެހިއްޖެއެވެ.

ފިލިޕީންސްގައި ކޭމްޕުކުރަން ޓީމުގައި ހިމަނާފައިވާ 27 ކުޅުންތެރިންގެ ތެރެއިން ޓީމުން ބާކީ ކޮށްފައި ވަނީ، ކޮލިފައިންގައި ކުޅެވޭ އުމުރުފުރާގެ ތިން ކުޅުންތެރިންނެވެ. ކޮލިފިކޭޝަންގައި އެއްވެސް ސީނިއާ ކުޅުނެތެރިޔަކަށް ނުކުޅެވޭނެ ނަމަވެސް، ޓްރެއިނިންގައި ކޯޗް ވަނީ ގްރީން ސްޓްރީޓްގެ 23 އަހަރުގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ހިމަނާފައެވެ. ގައުމީ ކޯޗް ލަބާން އަށް ފުރުސަތު ދިނީ، އޭނާ އަކީ ރާއްޖޭގެ ކުރިމަގު އޮތް ކީޕަރެއް ކަމަށް ބުނެ އޭނާއަށް ޓްރެއިނިންގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޒުވާން ޓީމުގެ ފައިނަލް ސޮކޮޑުން ޖާގަ ގެއްލުނު ތިން ކުޅުންތެރިންނަކީ، އިސްމާއީލް ހަމްދޫން އާއި ޒަޔާން ނަސީރުގެ އިތުރުން އިބްރާހިމް އިސްމާއީލް އެވެ. އިބްރާހިމް އިސްމާއީލް ސްކޮޑުން ބާކީ ކުރީ އޭނާގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. މި ހަތަރު ކުޅުންތެރިންވެސް ފިލިޕީންސުން މާލެ އަންނަން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެއާއެކު ގުރޫޕް ޑީ ގައި ހިމެނެނީ ކޮލިފައިންގައި މިގުރޫޕްގެ މެޗުތައް ކުޅެވިގެންދާ ގައުމު ސައުދީ އަރަބިއްޔާގެ އިތުރުން ޔުނައިޓަޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާއި ލުބުނާން އެވެ.

ކޮލިފިކޭޝަންގެ މެޗުތައް އަންނަ ހުކުރު ދުވަހު ފަށާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޒުވާން ޓީމު ވާދަ ކުރާނީ ސައުދީ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭގަޑިން 10:25 ގަ އެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 7:25 ގައި ޔޫއޭއީ އާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ މެޗުގައި މިމަހު 26 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން 7:25 ގައި ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.

23 އަހަރުން ދަށުގެ އޭއެފްސީ ކޮލިފިކޭޝަންގައި ވާދަކުރާ ރާއްޖޭގެ ފައިނަލު ސްކޮޑު

އަބްދުﷲ ޔާމީން، ނަޝާހް އަހްމަދު، އިބްރާހިމް އައިސަމް، އަލީ ހަމްދާން، އަލީ ޝަމާލް އަބްދުﷲ، އަލީ ސޮލާހް، އައްޒާމް އަބްދުﷲ، މުހައްމަދު ފަރުހާން، ހައިޝަމް ހަސަން، ހަސަން ނަޒީމް، ހުސައިން ޝަރީފް، އިބްރާހިމް އަތީގް ހަސަން، މުހައްމަދު ޖައިލަމް، މުހައްމަދު ޝަހާއު، ނިޝާމް މުހައްމަދު ރަޝީދު، ރިހާމް އަބްދުލް ގަނީ، ޝައިފުﷲ އިބްރާހިމް، މަޖުދާން ސޯލިހް، ހަސަން ރާއިފް އަހްމަދު، މުހައްމަދު ސާދު ނިޒާރު، މުހައްމަދު ނިޔާޒު، މުހައްމަދު ސިނާހް، އަލީ ނާޖިހް.

ކޮމެންޓް