މަތީ ފެންވަރުގެ ދަނޑު ހުޅުވަން ބޮޑު ރަސްމިއްޔާތަކާއެކު ހާއްސަ މެޗެއް ބާއްވަނީ

އޭދަފުށީގެ ފުޓްބޯޅަ ދަނޑު. އެރަށުގެ ރައްޔިތަކު އަޅައިދޭ މި ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު މިމަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާނެ. - ފޮޓޯ: އޭދަފުށި ޓައިމްސް

ދިވެހި ފުޓްބޯޅައިގައި މުޅި ރާއްޖެއަށްވެސް މަޝްހޫރު ބ. އޭދަފުށީގައި ތަރައްގީކުރަމުން އަންނަ މަތީ ފެންވަރުގެ ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު މި މަހުގެ 16 ވަނަ ދުވަހު ހުޅުވަން ހަމަޖައްސައިފިއެވެ. އޭދަފުއްޓަށް އުފަން މަހުޖަނު އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ހަދަމުން އަންނަ މިދަނޑު ހުޅުވުމުގެ ގޮތުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރިއަށްގެންދަން ރާވައިފައިވަނީ އޭދަފުށިން ހޮވާލެވޭ ޓީމަކާއި، އެފްއޭއެމް އިން ހޮވާލާ ޓީމަކާ ދެމެދު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެވެ.

ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރަނީ. – ފޮޓޯ: އޭދަފުށި ޓައިމްސް

އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައި ދާދި ފަހުން އުފައްދާފައިވާ ކްލަބް އޭދަފުށި ގެ ރައީސް އަދި އޭދަފުށި ކައުންސިލްގެ ވެސް ރައީސް ތޮލާލް ޢަބްދުއްރަހްމާން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ވިދާޅުވި ގޮތުގައި ދަނޑު ހުޅުވުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ހާއްސަ ކަންތައްތަކެއް ހިމެނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްކޫލް ކުދިންގެ ފުޓްބޯޅައިގެ ހުނަރު ދައްކާލުމުގެ ހަރަކާތްތަކުގެ އިތުރުން ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓޭނެ ފަދަ ކަންތައްތަކެއް ހިމެނޭތޯ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރަމުން އަންނަކަމަށް ތޮލާލް ވިދާޅުވެފައިވެއެވެ. އެކަމަކު އޭގެ މާބޮޑު ތަފްސީލެއް ތޮލާލު ނުދެއްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބައެއް ވަޒީރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދަނޑުގެ މަސައްކަތް ކުރަމުން ދިޔައިރު މަތިން ނަގާފައިވާ ފޮޓޯ އެއް. މި ދަނޑު އިތުރަށް ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފައި. – ފޮޓޯ: އޭދަފުށި ޓައިމްސް

އޭދަފުށީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތުމުގެ ޝަކުވާއަކީ ފުޓްބޯޅައަށް މަރުދޭ އެރަށުގެ ޒުވާނުން މީގެ އެތައް އަހަރެއްކުރިން ފެށިގެން އުފުލަމުން އައި ޝަކުވާއެކެވެ. އޭދަފުށީގެ ފުޓްބޯޅަ ދަންނަ ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ފުޓްބޯޅައިގެ އެހެނިހެން ތަޖުރިބާކާރުން އެކި ޕްލެޓްފޯމްތަކުގައި އެކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އޭދަފުށީގެ ފުޓްބޯޅައިގެ ތާރީހާއި، އެރަށުން އުފައްދައިދިން ކޮލިޓީ ހުރި ގައުމީ ފެންވަރުގެ ކުޅުންތެރިންނަށް ބަލައި އެވަރު މާބޮޑަށްވެސް ހައްގުކަން ރާއްޖޭގެ ބޮޑެތި ގިނަ މީޑިޔާތަކުން ވަނީ އެކި ފަހަރު މަތިން ފާހަގަކޮށްފައެވެ. އެކަމަކު މިހުރިހާ ކަމަކާއެކުވެސް ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ރައްޔިތުންގެ ހިތްތަކަށް ރަސައްލީއެއް ލިބެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދަނޑުގެ އަމަލީ މަސައްކަތް ފެށި ހިސާބުންނެވެ. މިހާ ހިސާބަށްއައިއިރު ޕިޗްގެ ހުރިހާ މަސައްކަތެއް ހެން ގާތަގަނޑަކަށް ވަނީ ނިމިފައެވެ. މަސައްކަތް ކުރިއަށްގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ޕީއެސްއެމްއަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެއީ އިޓަލީ ގެ މަޝްހޫރު އެއް ކްލަބް އޭސީ މިލާންގެ ޓްރެއިނިންގް ތައްވެސް ބާއްވާ ދަނޑާއި އެއް ފެންވަރުގެ ދަނޑެއް ކަމަށެވެ. މަތީ ފެންވަރުގެ ދަނޑެކޭ ބުނެވެނީ އެ ސަބަބާ ހުރެއެވެ. މި ޓާފަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ އިން އުފައްދާފައިވާ އެސްޕީމެކްސް 45 ގެ ޓާފެކެވެ.

ދަނޑުގެ މަސައްކަތް ކުރަނީ. މިއީ ރާއްޖޭގައި އަޅާ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ ދަނޑު. – ފޮޓޯ: އޭދަފުށި ޓައިމްސް

އޭދަފުށީގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ހާއްސަ ފުޓްބޯޅަ މެޗެއް ރޭވެމުން އަންނަކަން އެފްއޭއެމުން ވެސް ވަނީ “ފަހުމިނެޓް” އަށް ކަށަވަރުކޮށްދީފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވި ގޮތުގައި މި މެޗްގައި އެފްއޭއެމުން ހޮވާ ޓީމުގައި ސީނިއަރ ގައުމީ ޓީމުގެ ގިނަ އަދަދަދެއްގެ ކުޅުންތެރިން ހިމެނޭނެއެވެ. އެނގިފައިވާ ގޮތުގައި ގައުމީ ޓީމުގައި ހިމެނޭ އޭދަފުއްޓަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) މި މެޗްގައި ކުޅޭނީ އޭދަފުށިން ހޮވާލާ ކުޅުންތެރިން ހިމެނޭ ޓީމުގައެވެ. މީގެ އިތުރުން އޭދަފުށިން ހޮވާލެވޭ ޓީމުގައި ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު އަދި މިއަހަރުގެ ސީޒަނަށް ޔުނައިޓެޑް ވިކްޓަރީއާ ގުޅުނު ޝާފިއު އަހުމަދު (ޝާފީ) އާއި މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގް ކާމިޔާބުކުރި ޓީސީ ގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު) ވެސް ހިމެނޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ދަނޑު އެޅުމަށް ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅައި ބިން ވަނީ ވަނީ އެއްވަރުކޮށްފައެވެ. އަދި، އޭގެފަހުން މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ވޯޓާ ޕްރޫފް މެމްބްރޭން އެއް އަޅައި އޭގެ މަތީގައި ޝޮކްޑްރެއިން ނިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ. މި ނިޒާމަކީ އާއްމުކޮށް ބިމުގެ ފަސް ހަރުކޮށްގެން އަޅާ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށްދޭ ނިޒާމެކެވެ. މި ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު އެންމެ ރަނގަޅު ފެންވަރުގެ ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.  

ޓާފް އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ދަނޑުގައި ކުޑަކުދިންތަކެއް ކުޅެނީ. މި ދަނޑާއެކު އެރަށުން އުފައްދާ ކުޅުންތެރިންގެ އަދަދު އިތުރުވެގެންދާނެ. – ފޮޓޯ: އޭދަފުށި ޓައިމްސް

އޭދަފުށި ވަނީ 1986 އިން 1992 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އޭގެ ކުރިންވެސް އެރަށުގެ ޓީމުތައް ގައުމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާއިރު ގައުމީ ފެންވަރުގެ އެންމެ ގިނަ ކުޅުންތެރިން އުފެއްދި އެއް ރަށަކީވެސް އޭދަފުއްޓެވެ. 2016 ވަނަ އަހަރުގެ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތް އެރަށުން ކާމިޔާބުކޮށްފައިވާއިރު، އެފްއޭއެމް އިން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ގެންދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 2013،2014 އަދި މި އަހަރުވެސް އެރަށް ވަނީ ކުޅެފައެވެ.

ފުޓްބޯޅައިގައި ރާއްޖޭން އެންމެ ފުރަތަމަ ރިހި މެޑަލް 1991 ވަނަ އަހަރު ހޯދި ޓީމުގައި ކުރިން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ޓީމަށް ކުޅުނު ޑިފެންޑަރު އަބްދުލް ވާހިދު ހުސައިން ހިމެނުނުއިރު 2008 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިން ޓީމުގައި އެރަށަށް ނިސްބަތްވާ މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އަދި، މިދިޔަ އަހަރު ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި އެރަށުގެ ސެންޓޭ އާއި ހަމްޕު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ކޮމެންޓް

    Eydhafushi soreh

    Eydhafushi dhandu hulhuvumuge gothun kulhey football match ga mohamed jameel ah kulhelumuge furusathu nudhinumakee eydhafushi meehun amilla ah eydhafushi ge football ah kuraa malaamaatheh. Adhi jameel aa hamayah football ga aadhevifa huri eydhafushi dhariyaku nuhunnaane. V ladhu