ފީފާއިން ޗެލްސީ އަށް ދިން އަދަބު ލުއިކޮށްފި

Advertisement

ފީފާއިން ޗެލްސީ އަށް ދިން އަދަބު ލުއިކޮށްފި

ޢަބްދުﷲ އަޝްރަފް

ޒުވާން ކުޅުންތެރިން ގަތުމުގައި އަމަލުކުރަން އޮންނަ އުސޫލާ ހިލާފުވުމުގެ ސަބަބުން މިއަހަރުގެ ހޫނު މޫސުމުން ފެށިގެން އަންނަ ދެ ޓްރާންސްފަރ ވިންޑޯ ގައި ޗެލްސީ އަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް ނިންމައި ފީފާ އިން އެ ކްލަބަށް ދިން އަދަބު ދެބައިކުޅަ އެއްބަޔަށް ލުއިކޮށްފިއެވެ. ފީފާ އިން މިދިޔަ ފެބްރުއަރީ މަހު ޗެލްސީ އަށް ދިން އަދަބު ލުއިކޮށްފައި މިވަނީ އެކުލަބުން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޮރ ސްޕޯޓްސް ގައި އިސްތިއުނާފްކުރުމާއި ގުޅިގެންނެވެ.

ފީފާގެ ނިންމުން އާބިޓްރޭޝަން ކޯޓުން ބަދަލުކުރުމާއެކު ޗެލްސީ އަށް ވަނީ އަންނަ ޖެނުއަރީ މަހު ހުޅުވޭ ޓްރާންސަފަރ މާކެޓްގައި ކުޅުންތެރިމް ގަތުމުގެ ފުރުސަތު ލިބިފައެވެ. ދެ ޓްރާންސަފަރ މާކެޓްގައި ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާ އިން ކަނޑައެޅި އަދަބު ދެބައިކުޅަ އެއްބަޔަށް ކޯޓުން ލުއިކުރިއިރު ޖޫރިމަނާގެ ގޮތުގައި ޗެލްސީ އަށް ދައްކަން ފީފާ އިން އެންގި ފައިސާގެ އަދަދުވެސް ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައެވެ. އެއާއެކު ކުރިން ޖޫރިމަނާގެ ގޮތުގައި ދައްކަން އޮތް ހަ ލައްކަ ސްވިސް ފްރޭންކް ގެ ބަދަލުގައި މިހާރު މިހާރު ދައްކަން ޖެހެނީ ތިން ލައްކަ ސްވިސް ފްރޭންކެވެ.

ކުޅިވަރާ ގުޅުންހުރި އެކި މައްސަލަތައް އިސްތިއުނާފް ކުރުމަށް ހުށަހަޅާ އާބިޓްރޭޝަން ކޯޓުން ޗެލްސީން ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު ނިންމައިފައިވަނީ ޗެލްސީން ހިލާފްވެފައިވަނީ ފީފާ އިން ބަޔާންކޮށްފައިވާ މިންވަރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއް ބައިގެ މިންވަރަކަށް ކަމަށާއި އަދި ގަވައިދާ ހިލާފަށް 69 ކުޅުންތެރއަކު ޗެލްސީން ސޮއިކުރުވައިފައިވާ ކަމަށް ފީފާއިން ބަޔާންކޮށްފައި އޮތް ނަމަވެސް އެ އަދަދާ ގާތްކުރާ ވަރަށްވެސް ޗެލްސީން ގަވައިދާ ހިލާފަށް ކުޅުންތެރިން ލައްވައި ސޮއި ކުރުވައިފައި ނުވާ ކަމަށެވެ.  މައްސަލަ ކޯޓުގައި އިސްތިއުނާފުކުރިއިރު ޗެލްސީން ބުނެފައިވަނީ ޗެލްސީގެ އެކަޑަމީގައި ތިބި ގިނަ ކުޅުންތެރިންނަކީ ޓްރަޔަލް އުސޫލުން ގެނެސްފައިވާ ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން ރަސްމީ މެޗްތަކުގައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *