ލިވަޕޫލް ފޭން ކްލަބުން މެމްބަޝިޕް ޕެކޭޖް ތައާރަފްކޮށް ހަވާލުކުރަން ފަށައިފި

Advertisement

ލިވަޕޫލް ފޭން ކްލަބުން މެމްބަޝިޕް ޕެކޭޖް ތައާރަފްކޮށް ހަވާލުކުރަން ފަށައިފި

ޢަލީ ޝަހީމް
ފޭން ކްލަބުން ރައީސް މައުމޫނަށް މެމްބަޝިޕް ޕެކޭޖް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: ލިވަޕޫލް ސަޕޯޓާސް ކްލަބް

މީގެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރ ކޮށް ހިންގަން ފެށި އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ މޯލްޑިވްސް) އިން އަންނަ އަހަރަށް ސަޕޯޓަރުންގެ މެމްބަޝިޕް ޕެކޭޖް ތައާރަފްކޮށް ހަވާލުކުރަނ ފަށައިފި އެވެ.

އިނގިރޭސި ކްލަބް ލިވަޕޫލަށް ސަޕޯޓްކުރާ ރާއްޖޭގެ ގްރޫޕަކުން އިސްނަގައިގެން މި ކްލަބް ހިންގަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި އަދި އިނގިރޭސި ވިލާތުގައި ހުންނަ ކްލަބުގެ މައި އިދާރާގައި ވެސް ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެންނެވެ.

Advertisement

އެކުވެރިކަމާއެކު ގިނަ ހަރަކާތްތަކެއް އަބަދު ވެސް ރާވާ ހިންގަމުން އަންނަ ލިވަޕޫލް ސަޕޯޓާސް ކްލަބުން ބުނީ މިހާރު ވެސް 300 އަށް ވުރެ ގިނަ މެމްބަރުން ކްލަބުގައި ރަޖިސްޓްރީ ވެފައިވާކަމަށެވެ. އަދި، އޮފިޝަލް ލޯކަލް މެމްބަޝިޕް ތައާރާފްކުރި ފަހުން ގިނަ އަދަދެއްގެ މެމްބަރުން އެ ކާޑު މިހާރު ނަގާފާއިވާކަމަށް އޮފިޝަލް ސަޕޯޓާސް ކްލަބުން ވަނީ މައުލޫމާތުދީފަ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުގެ އިތުރުން ޔޫރަޕްގެ މަޝްހޫރު އެހެން ކްލަބްތަކުގެ ސަޕޯޓަރުންގެ ޖަމިއްޔާތައް ވެސް ރަސްމީ އަދި ނުރަސްމީކޮށް ވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެކަމަކު މިއީ އެފަދަ ސަޕޯޓަރުންގެ ކްލަބަކުން ރާއްޖޭގެ ފޭން ބޭސްއަށް މިގޮތަށް މެމްބަޝިޕް ޕެކޭޖް ހަވާލުކުރާ ފުރަތަމަ ފަހަރެވެ. ލިވަޕޫލް ސަޕޯޓާސް ކްލަބުން މެމްބަޝިޕް ޕެކޭޖް މި މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުން ފެށިގެން ހަވާލުކުރަން ފަށާފައިވާއިރު ކުރިއަށް އޮތް އަހަރުތަކުގައި އިތުރު މެމްބަރުންނަށް ވެސް މި ފުރުސަތު ލިބެގެންދާނެ ކަމަށް އޮފިޝަލް ސަޕޯޓާސް ކްލަބުން ވަނީ ބުނެފަ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ސެކްރެޓަރީ ހަސަން ޝާބިން ބުނީ މެމްބަޝިޕް ޕެކޭޖާއެކު ރާއްޖޭގެ ވިޔަފާރި ކުންފުނިތަކާއި ގުޅިގެން އިތުރު ފަސޭހަތައް މެމްބަރުންނަށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިކްލަބްގެ މެމްބަޝިޕް ކާޑު ގެންގުޅޭ ފަރާތްތަކަށް ރާއްޖޭގެ ވިޔަފާރިތަށް މެދުވެރިކޮށް ޑިސްކައުންޓާއި އަދިވެސް އެހެނިހެން ފަސޭހަތަށް ލިބޭނެ ގޮތްތައް ހަމަޖައްސަން. އަދި ވަރަށް ޕޮސިޓިވްކޮށް ޖަވާބު ލިބެނީ. ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި މިފަދަ އިންތިޒާމެއް ހަމަޖެހޭނެ އިރާދަކުރެއްވިއްޔާ” ޝާބިން ބުންޏެވެ.

ސަޕޯޓާސް ކްލަބުން އަލަށް ތައާރަފް ކުރި ޕެކޭޖްގައި ރެޑް މެމްބަރ އާއި ބޭސިކް މެމްބަރ އަށް ވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ވަނީ ލިބިފަ އެވެ. އެ ކްލަބުން ބުނީ ފުރަތަމަ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ކަމަށާއި، ހާއްސަކޮށް ރެޑް މެމްބަޝިޕަށް މެމްބަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާކަމަށެވެ. މި ދެ ކާޑުގެ ސަބްސްކްރިޕްޝަނަށް ވެސް އަހަރީ ފީގެ ގޮތުގައި ހެޔޮ އަގެއް ވަނީ ކަނޑައަޅައިފަ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުން ފެށި ޒަމާނީ މި ހިދުމަތާއެކު އެ ކްލަބުގެ ސަޕޯޓަރުންނަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފަ އެވެ.

“ކުރިއަށް އޮތް އަހަރަށް މިދަނީ މި ކްލަބްގެ އިވެންޓްތަކާއި މުބާރާތްތަކާއި ކްލަބްގެ ފަރާތުން މުޖުތަމައަށް ކޮށްދޭނެ ކަންތައްތައް ރާވަމުން. އަޅުގަނޑުމެންގެ އަމާޒަކީ ކާމިޔާބު ފޭން ކްލަބެއްގެ އިތުރުން ޕްރޮފެޝަނަލް އަދި މުޖުތަމައު ބަލައިގަންނަ ފައިދާހުރި ބަޔަކަށްވުން” ކްލަބްގެ ޗެއަޕާސަން ބައްސާމް ރަޝީދު ބުންޏެވެ.

ކްލަބުން މެމްބަޝިޕް ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ފުރަތަމަ ދެ ދުވަހު ގެންދިޔައީ ކަބްސާ ލޯންޖުގަޔާއި ޒީރޯ ޓޮލެރެންސް ރެސްޓޯރެންޓްގަ އެވެ. ކްލަބުގެ ބައެއް މެމްބަރުންނަށް މެމްބަޝިޕް ޕެކޭޖް ދޫކުރިއިރު އެ ކްލަބުގެ ރަޖިސްޓަރ ކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކާއި އެހެނިހެން މަގާމްތައް ފުރުއްވާފައި ބައެއް ބޭފުޅުންނަށް ވެސް ރަސްމީކޮށް މިހާރު ވަނީ ކްލަބުގެ މެމްބަޝިޕް ޕެކޭޖް ހަވާލުކޮށްފަ އެވެ. ކްލަބުން މެމްބަޝިޕް ޕެކޭޖް ހަވާލުކުރި އެންމެ ހާއްސަ ފަރާތަކީ ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އެވެ. ކްލަބުގެ މެމްބަޝިޕް ޕެކޭޖް ހަވާލުކުރުމަށް ސަޕޯޓާސް ކްލަބުން ވަކި ބައްދަލުވުމެއް މައުމޫނާއެކު ބޭއްވިއިރު، އެއަށް ފަހު މައުމޫން ވަނީ ރާއްޖޭގެ ލިވަޕޫލް ސަޕޯޓާސް ކްލަބުގެ އަގުވަޒަންކޮށް ހާއްސަ ޓްވީޓެއް ކުރައްވާފަ އެވެ.

ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގަން ފެށުމުގެ ކުރިން ވެސް ރާއްޖޭގެ ލިވަޕޫލް ސަޕޯޓާސް ކްލަބުން އައީ އިޖުތިމާއީ ގޮތުންނާއި ކުޅިވަރާއި ގުޅުންހުރި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ފަހު އެ ކްލަބުން ހިންގި އެންމެ ބޮޑު އެއް ހަކަރާތަކީ ޔޫރަޕްގެ ކްލަބްތަކަށް ސަޕޯޓްކުރާ ރާއްޖޭގެ ސަޕޯޓަރުންގެ މެދުގައި މި އަހަރު ކުރީކޮޅު ބޭއްވި ފުޓްސަލް މުބާރާތެކެވެ. އޭގެ ފަހުން އެ ކްލަބުގެ ފަރާތުން ވަނީ އެންޖީއޯ ތަކާއި ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައި ބައިވެރިވެފަ އެވެ. ސަޕޯޓަރުންގެ އެކުވެރިކަން ބަދަހިކޮށް ކްލަބް ކުރިއަށް ގެންދިއުމުގައި މެމްބަރުންގެ މެދުގައި އެންމެ ފޯރީގައި ކުރިއަށްދަނީ ކޮންމެ ހަފްތާއަކު ލިވަޕޫލް ކުޅޭ މެޗުތައް ބެލުމަށް ހާއްސަ ތަނަކަށް އެއްވުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިވަޕޫލް ސަޕޯޓަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މެމްބަރުންގެ މެދުގައި ސްކޯ ދިމާކުރުމުގެ މުބާރާތަކާއި މަގްބޫލު ފެންޓަސީ ޕްރިމިއާ ލީގުގެ މުބާރާތެއް ވެސް އެ ކްލަބުގެ ފަރާތުން ކުރިއަށްގެންދެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *