ދީމާ އާއި ރަފާ ދެއްކި ހިތްވަރުން ޓީޓީ އަށް ލިބުނީ އުއްމީދު

Advertisement

ދީމާ އާއި ރަފާ ދެއްކި ހިތްވަރުން ޓީޓީ އަށް ލިބުނީ އުއްމީދު

ޢަބްދުﷲ އަޝްރަފް
ރަފާ އާއި ދީމާ މުބާރާތުގެ މެޗެއްގެ ތެރެއިން. މި ދެކުޅުންތެރިން ވަނީ މުބާރާތުގައި ރަނގަޅު ވާދައެއްކޮށްފައި. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސް ފެށުމުގެ ކުރިންވެސް ކުޅިވަރަށް ލޯބި ކުރާ ގިނަ ދިވެހިންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައި އޮތް ދެ އެތުލީޓުންގެ ތެރޭގައި ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް ހިމެނޭނެ ކަން ޔަގީނެވެ. މިދިޔަ ޖުލައި މަހު މޮރިޝަސް ގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް އިވެންޓްގައި އުމުރުން އެންމެ 12 އަހަރުގެ ދީމާ އާއި 17 އަހަރުގެ ރަފާ ހޯދި ބޮޑު ކާމިޔާބާ އެކު މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އެ ދެކުދިން ރަގަޅު ކާމިޔާބެއް ހޯދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެމީހުންނަށް އޮތެވެ. ގޭމްސްގެ ޓީޓީ އިވެންޓްގައި ރާއްޖޭގެ ކުޅުންތެރިން ކުޅެންޖެހޭ ހުރިހާ މެޗެއް ނިމުނު އިރު އެ އުއްމީދުގައި މި ދެކުދިން ޖައްސައިދިން ކުލަ އަމުދުން ފަނޑެއްވެސް ނޫނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ އަޅާ ބަލާއިރު ސައުތު އޭޝިއަން ގޭމްސްގެ ފެންވަރު މާ ބޮޑަށްވެސް ތަފާތެވެ. އައިއޯއައިޖީގައި ބައިވެރިވާ ގިނަ ގައުމުތަކާ އަޅާ ބަލާއިރު ދެކުނު އޭޝިއާގެ ގައުމުތަކަށް ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ލިބިފައިވާ ރިކޮގްނިޝަން ވެސް ބޮޑެވެ. ވަކިން ހާއްސަކޮށް ޓޭބަލް ޓެނިސް ގައި މި ސަރަހައްދުގެ ބައެއް ގައުމުތަކަކަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ގައުމުތަކެވެ. އެ ސަބަބާހުރެ އައިއޯއައިޖީ ރާއްޖޭގެ އަންހެން ޓީޓީ ކުޅުންތެރިން ހޯދިވަރުގެ ކާމިޔާބެއް ސައުތު އޭޝިއަން ގޭމްސްގައި ލިބިދާނެ ކަމަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ޓީޓީ އެސޯސިއޭޝަނުން ތިބީ އުއްމީދުކޮށްގެނެއް ނޫނެވެ.

 

ކަން އެހެން އޮތަސް މިފަހަރުގެ ގޭމްސްއިން ދީމާ އާއި ރަފާ ސާބިތުކޮށްދިން އެއް ހަގީގަތަކީ ރަނގަޅު ޕްލޭނަކާއެކު މެދުކެނޑުމެއް ނެތި މަސައްކަތްކޮށްފިނަމަ އަންހެން ޓީޓީގައި ބޮޑު ކާމިޔާބެއް ދެކުނު އޭޝިއާ ސަރަހައްދުންވެސް ރާއްޖޭގެ ކުޅުންތެރިންނަށް ހޯދިދާނެ ކަމެވެ. ސަބަބުތައް ބައިވަރެވެ. ގޭމްސްގެ 35 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ޓީޓީން މެޑައްޔެއް ގޭމްސްގައި ބައިވެރިވި އަންހެން ޓީމް މިވަނީ ހޯދައިފަ އެވެ. މީގެ އިތުރުން ބްރޯންޒް މެޑަލް ހޯދި އަންހެން ޓީމްގައި މުހިއްމު ދައުރެއް އަދާކުރި ދީމާ އާއި ރަފާ  އޯޕަން ކެޓަގަރީގެ ޑަބަލްސް އާއި ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ. ޓީޓީގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ސްރީ ލަންކާ ނޫން އެހެން ގައުމުތަކުގެ ކުޅުންތެރިންގެ މައްޗަށް މި ދެކުޅުންތެރިން މި މުބާރާތުގައި އައީ ފަސޭހަކަމާއެކު ކުރި ހޯދަމުންނެވެ. ގިނަ އިވެންޓް ތަކުގައި އެ ދެކުދިންގެ ހުރަހަކަށްވީ އިންޑިއާ އާއި ލަންކާގެ ކުޅުންތެރިންނެވެ. އެކަމަކު އަންހެން ޑަބަލްސްގައި ދީމާ އާއި ރަފާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ޓީމް އިވެންޓްގެ ސެމީ ފައިނަލްގައި ރާއްޖޭގެ މައްޗަށް ކުރި ހޯދި ލަންކާގެ ޓީމުގައި ހިމެނުނު މުހިއްމު ދެކުޅުންތެރިން ބަލިކުރުމަށްފަހު އެވެ. ކުއާޓާ ފައިނަލް ގައި ދީމާ އާއި ރަފާ ބަލިވީ އިންޑިއާ ގެ ދެ ކުޅުންތެރިންގެ އަތުންނެވެ.

ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ޓީޓީ ޓީމް. މިއީ ގޭމްސްގައި މިހާތަނަށް ޓީޓީ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ޓޭބްލް ޓެނިސް އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ އެންމެ އުއްމީދީ ދެކުޅުންތެރިން ކަމަށްވާ ދީމާ އާއި ރަފާ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ސެމީ ފައިނަލަށް ނުގޮސް އެ ދެކުޅުންތެރިން ކެޓީ މުޅި އިވެންޓްގައިވެސް ބައިވެރިވި އެންމެ މޮޅު ދެ ކުޅުންތެރިންގެ އަތުންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީ އިވެންޓުން އަންހެން ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ހޯދި ދީމާ ކުއާޓާ ފައިނަލްގައި ވާދަކުރި އިންޑިއާގެ އައިހީކާ މުކަރްޖީ ދީމާ އަށްވުރެ ދިހަ އަހަރު ދޮށްޓެވެ. އައިހީކާ ވަނީ މިއަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާ ގައި އޮތް 21 ވަނަ ކޮމަންވެލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދައި އެ މުބާރާތުގެ ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދި އިންޑިއާގެ ފުރަތަމަ އަންހެން ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. މީގެ އިތުރުން ދީމާ އެކޭ އެއްގޮތަށް އުމުރުން ގާތްގަނޑަކަށް ހަ އަހަރުގައި ޓީޓީ ކުޅެންފެށި އައިހީކާ މިހާރު މަޝްހޫރު ވެފައިވަނީ ދުނިޔޭގެ އަންހެން ޓޭބަލް ޓެނިސްގެ 23 ވަނައިގައި އޮތް އިންޑިއާގެ “ނިއު ގޯލްޑަން ގާލް” ގެ ގޮތުގަ އެވެ. އައިހީކާ އަތުން ސީދާ ހަތަރު ސެޓުން ދީމާ ބަލިވި ނަމަވެސް ދެ ސެޓެއްގައި ދީމާ ވަނީ ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށް އިންޑިއާގެ ކުޅެންތެރިއާ އަށް ރަގަޅު ފައިޓެއް ދީފަ އެވެ.

ސިންގަލްސް ކުއާޓާ ފައިނަލުގައި ލަންކާ ކުޅުންތެރިޔާއާ ދެކޮޅަށް ރަފާ ކުޅުނު މެޗުގެ ތެރެއިން. ރަފާ ބަލިވީ ހަނިގޮތަކަށް. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް އަދި ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދި ރަފާ މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުން ކެޓީ ލަންކާގެ އިޝާރާ މަދުރަންގީ އާ ވާދަކޮށް 3-4 އިންނެވެ. ދުނިޔޭގެ އަންހެން ޓޭބަލް ޓެނިސް ރޭންކިން ގައި ރާއްޖެއަށް ވުރެ 12 ދަރަޖަ ކުރީގައި އޮތް ލަންކާގެ އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާ އާ ދެކޮޅަށް ރަފާ ކުޅުނު މެޗްގެ ސެޓްތައް ނިމިފައިވަނީ 14-16، 12-10، 4-11، 14-12، 4-11، 11-8 އަދި 8-11 އިންނެވެ. ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔަ މެޗުގައި އުމުރުން 27 އަހަރުގެ އިޝާރާ އަތުން ރަފާ ހަނި ގޮތަކަށް ބަލިވިއިރު އިޝާރާ އަކީ 2016 ވަނަ އަހަރު އިންޑިއާ ގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދި ކުޅުންތެރިއެކެވެ.

ކޮންމެއަކަސް ދީމާ އާއި ރަފާ މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދެއްކި ކުޅުމުން އަނެއްކާވެސް ދިވެހިންނަށް ގެނެސްދިނީ އުއްމީދެވެ. ކުރިއަށް އޮތްތަނުގައި އަންހެން ޓޭބަލް ޓެނިސްގައި ސަރަހައްދުގެ ބޮޑު ކާމިޔާބަކަށް ދިވެހިން އިންތިޒާރު ނުކުރާންވީ ސަބަބެއް ނެތްކަން އެ ކުޑަ ދެކުދިން ކިތަންމެ ރަގަޅަކަށްވެސް މި ވަނީ ބުނެދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *