ސައުތު އޭޝިއަން ގޭމްސް / ފުޓްބޯޅަ: ބޫޓާން އަތުން ބަލިވެ ރާއްޖެ ފަހަތަށް

Advertisement

ސައުތު އޭޝިއަން ގޭމްސް / ފުޓްބޯޅަ: ބޫޓާން އަތުން ބަލިވެ ރާއްޖެ ފަހަތަށް

ޢަލީ ޝަހީމް
ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ފޭދޫ އިއްބެ ބޯޅަ ހިފައިގެން. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅައިގެ ފިރިހެން އިވެންޓުގައި މިއަދު މެންދުރު ފަހު ބޫޓާންގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަލިވެ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ. ކަތުމަންޑޫގެ ދަސާރާތު ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ތަނަވަސްކޮށްފަ އެވެ. ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނު ބޫޓާނަށް މި ހާފުގައި ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވައެއްނުލެވުނެވެ. އެކަމަކު މިހާފުގައި ބޫޓާންގެ ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅައެއް ރާއްޖޭގެ ގޯލުގެ ދަނޑީގައި ވަނީ ޖެހިފަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި މިއަދު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވަނީ ލިބިފަ އެވެ. އަރިމަތިން މުހައްމަދު ޖައިލަމް ދިން ބޯޅަ އޭރިޔާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ހަންނަ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ނާއިޒް ހަސަން (ދާދު) އަށް ލިބުނު ބޯޅަ ގޯލަށް ބަދަލުކޮށްނުލެވުނީ ކީޕަރު އެ ބޯޅަ މަތަކުރުމުންނެވެ.

މިއަދުގެ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

މެޗުގެ ދެ ވަނަ ހާފުގައި ފެނުނީ ރާއްޖެއާ އެއްވަރަށް ބޫޓާނުން ވެސް ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުން ދިޔަތަނެވެ. ހާއްސަކޮށް ބޫޓާންގެ ސީނިއާ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާ ޗެންޗޯ ގްޔެލްޓްޝެން އަށް ލިބޭ ބޯޅަތަކުގައި ރާއްޖޭގެ ޑިފެންސަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. ދެ ވަނަ ހާފު ފެށިގެން ބޫޓާނުން ގޯލެއް ޖެހުމާއި ހަމައަށް ރާއްޖެއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. މެޗުގައި ބޫޓާނުން ގޯލު ޖެހީ ލިބުނު ކޯނަރަކުންނެވެ. މި ގޯލު މެޗުގެ 58 ވަނަ މިނެޓުގައި ބޮލުން އެޓީމަށް ކާމިޔާބުކޮށްދިނީ ޗިމީ ޑޯޖީ އެވެ.

ގޯލަށް ފަހު ބޫޓާނުން ފެނުނީ ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ސަމާލުވެގެން ކުޅެމުން ދިޔަތަނެވެ. ބޫޓާނުން ލީޑު ނެގުމުން ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ވަނީ މުހައްމަދު ސާމިރު އާއި ހަސަން ނަޒީމް (ޗޯޓު) ކުޅެން އަރުވައިފަ އެވެ. ޗޯޓު ކުޅެން އެރުމަށް ފަހު އޭރިޔާ ތެރެއަށް އަރިމަތިން ގިނަ ހުރަސްތަކެއް ނަގައިދިން ނަމަވެސް އެޓޭކުގައި ތިބި ކުޅުންތެރިންނަށް ބޭނުމެއް ނުހިފުނެވެ. މެޗުގެ ފަހު ބައިގައި ބޫޓާނުން ކައުންޓަ އެޓޭކުގައި ރާއްޖޭގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ.

މިއަދުގެ މެޗުގައި ދާދު ބޯޅަ ހިފައިގެން. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

ބޫޓާނުން މެޗުގައި ދެ ވަނަ ގޯލު ޖެހީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ހުބް ތިންލޭ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ތިންލޭ ފޮނުވާލުމުން ތިރިތިރިން ގޮސް ވަނީ ގޯލުގެ ކަނަށެވެ. މި ގޯލަށް ފަހު ބޫޓާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމުގެ ޗެންޗޯ އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ޗެންޗޯ ހުސްކޮށް އޮވެ ގޯލަށް ފޮނުވާލި ބޯޅަ ޖެހުނީ ކީޕަރު ހުސައިން ޝަރީފް ގައިގަ އެވެ. ބޫޓާނުން ދެ ގޯލު ޖެހުމުން ރާއްޖޭގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި ހަމަލާތައް އުފައްދަން މަސައްކަތްކޮށްފަ އެވެ. ރާއްޖެއަށް މެޗުގެ ހަމައެކަނި ގޯލު ފަހު މިނެޓުގައި ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ނެގި ކޯނަރެއްގައި ހަމްޕުއަށް ލިބުނު ބޯޅަ އެއް ފަހަރުން ފޮނުވާލުމުން ގޯލަށް ވަނީ ބޫޓާން ކުޅުންތެރިންގެ ބޯމަތިން ގޮހެވެ. ހަމްޕުގެ ގޯލަށް ފަހު އިތުރު ވަގުތުގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ފަ އެވެ. އޭރިޔާ ތެރެއިން އަކްރަމަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލުމުން ދިޔައީ ގޯލު ހުރަސްވެގެންނެވެ.

މިއަދުގެ މެޗަށް ފަހު ފަސް ގައުމުން ވާދަކުރާ ލީގު ބުރުގައި ރާއްޖެއަށް ބާކީ އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރު މުބާރާތް ބާއްވާ ނޭޕާލާ ވާދަކުރާ މެޗެވެ. ލީގު ބުރުގެ އެއް ވަނައިގައި އޮތީ ތިން މެޗުން 6 ޕޮއިންޓް ހޯދާފައިވާ ބޫޓާން އެވެ. ބޫޓާނުން ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް ވެސް 1-0 އިން ބަލިކޮށްފަ އެވެ. އެޓީމު ހަމައެކަނި ބަލިވީ ނޭޕާލާ ވާދަކޮށް 4-0 އިންނެވެ. ބޫޓާނަށް ލީގު ބުރުގައި ބާކީ އޮތް ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ. ބޫޓާނުގެ ފަހަތުން ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ނޭޕާލެވެ. ތިން ވަނައިގައި ދެ ޕޮއިންޓާއެކު ލަންކާ އޮތްއިރު ހަތަރު ވަނައިގައި އޮތް ރާއްޖެއަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ރާއްޖެއަށް ހަތަރު ވަނަ ލިބެނީ ގެއްލުން ދެ ގޯލު އޮތުމުންނެވެ. ފުލުގައި އޮތީ ދެ މެޗުން ޕޮއިންޓެއް ލިބިފައިވާ ބަންގްލަދޭޝް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *