ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް: މޮރީނިއޯ

Advertisement

ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް: މޮރީނިއޯ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓޮޓެންހަމް ހޮޓްސްޕާސް އަތުން މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ކަމަށް އޭނާ ބުނެފި އެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1 އިންނެވެ.

މެޗުގައި ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖަހައިދިނީ މޮޅު ކުޅުމެއް ދެއްކި މާކަސް ރަޝްފާޑް އެވެ. ރަޝްފާޑްގެ ގޯލުން މެޗުގެ ހަ ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމްގެ ޑެލީ އަލީ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިން ގޯލު ރަޝްފާޑް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

Advertisement

ރޭގެ މެޗަކީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޑިސެމްބަރު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުން އަހަރެއްހާ ދުވަހުގެ ބްރޭކެއް ނެގުމަށް ފަހު އެވެ.

“ފުރަތަމަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު ޔުނައިޓެޑަށް މޮޅެއް ހައްގު. އަހަރެމެނަށް މެޗު ފެށުނީ ރަނގަޅަކަށް ނޫން. ފުރަތަމަ 30 މިނެޓު އެމީހުންނަކީ މޮޅު ޓީމް. އަނެއްކާ ދެ ވަނަ ގޯލު ވަނުމަށް ފަހު މެޗު އުނދަގޫވި. އަހަރެންގެ ނަޒަރުގައި އެމީހުނަށް މޮޅެއް ހައްގު” މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑުން ރޭ މުހިއްމު މޮޅެއް ހޯދިއިރު ލިވަޕޫލާއި ޗެލްސީ އިން އަދި ލެސްޓަ ސިޓީ އިން ވެސް ވަނީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ވާދަވެރި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 5-2 އިން ކާމިޔާބުކުރިއިރު ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.

ލިވަޕޫލާ އެވަޓަން ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 4-2 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި އެޓީމުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޑިވޮކް އޮރީގީ ޖެހިއިރު އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ޒެރްޑަން ޝަގީރީ އާއި ސަޑިއޯ މާނޭ އެވެ. މެޗުގައި އެވަޓަންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މައިކަލް ކީން އާއި ރިޗާލިސަން އެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު ލިވަޕޫލްގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖިނީ ވައިނަލްޑަމް އެވެ.

ޗެލްސީން ރޭ އެސްޓަން ވިލާގެ މައްޗަށް ކުރި ހޯދީ އަނިޔާއަށް ފަހު ރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޓަމީ އަބްރަހަމް އާއި ޒުވާން ކުޅުންތެރިޔާ މޭސަން މައުންޓް ޖަހައިދިން ގޯލުތަކުންނެވެ. މެޗުގައި އެސްޓަން ވިލާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޓްރެޒެގޭ އެވެ. ރޭ ލެސްޓަ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ވެޓްފޯޑް ބަލިކޮށް އަލުން ދެ ވަނަ އަށް އަރައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެމީ ވާޑީ ޖެހިއިރު ދެ ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޖޭމްސް މަޑިސަން އެވެ.

ރޭ ކުޅުނު މެޗުތަކަށް ފަހު ލިވަޕޫލުން އެއް ވަނައިގައި އޮތީ 15 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެސްޓާއަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ތާވަލުގެ ހަތަރު ވަނައިގައި 29 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ފަސް ވަނައިގައި 23 ޕޮއިންޓާއެކު އޮތީ ވުލްވްސް އެވެ. ރޭ ޓޮޓެންހަމް އަތުން ހޯދި މޮޅަށް ފަހު 21 ޕޮއިންޓާއެކު ޔުނައިޓެޑަށް ހަ ވަނަ ލިބޭއިރު މެޗުން ބަލިވި ޓޮޓެންހަމް އޮތީ 20 ޕޮއިންޓާއެކު އަށް ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *