ފަޅި ސިކުންތެއްގެ ތަފާތުން ސާއިދު ބަދަލުކޮށްލީ 35 އަހަރުގެ ތާރީހް، ސާބަސް!
މިހާރު ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އިއްޔެގެ ހެނދުނާ ހަމައަށް ދިވެހިންނަށް އިވެމުން އައީ އެންމެ އަހަން އިންތިޒާރުކޮށްގެން ތިބި އަޑުތަކެއް ނޫނެވެ. މުޅިންވެސް އިވެމުން ފެންނަމުން އައީ ގޭމްސްގެ އެކި އިވެންޓްތަކުން ރާއްޖޭގެ ޓީމްތަކާއި ކުޅުންތެރިންނަށް ކުރިމަތިވަމުން އައި ނާކާމިޔާބީގެ ވާހަކައެވެ. އެކަމާއި ގުޅިގެން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއްގައި ތިބި ދިވެހިންނަށް ކުޑަ ނަމަވެސް އުއްމީދެއް ލިބުނީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދި ހިސާބުންނެވެ. އެ އުއްމީދުގައި ގިނަ ބަޔަކު ތިއްބައި ގޭމްސް ގެ އެންމެ ހާއްސަ އެއް އިވެންޓުން ސާއިދު ރަން މެޑަލް ހޯދި ހަބަރާ އެކު މުޅި ގައުމުގައި އުފާވެރިކަމުގެ ދިގު ސާލެއް ފެތުރުނެވެ.
100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދުން މުޅި ރާއްޖެ ފަހުރުވެރިކަމާއެކު ފާހަގަކުރަމުން އަންނަ އިރު އެ މެޑަލް އެތަށް ގޮތަކުން ހާއްސަ އެވެ. އެންމެ 0.1 ސިކުންތުގެ ތަފާތުން އަވަށްޓެރި ސްރީ ލަންކާގެ ދުވުންތެރިޔާ ފަހަތަށް ޖައްސާލުމަށްފަހު ސާއިދު ހޯދި ރަން މެޑަލް އަކީ މުޅި ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖޭން ހޯދި ފުރަތަމަ ރަން މެޑަލް އެވެ. އަދި، ގޭމްސްގެ އެންމެ ޝަރަފްވެރި އެއް އިވެންޓުން ރާއްޖެ ރަން މެޑަލް ހާސިލް ކުރުމުން ލިބޭ ފަހުރު އަދި ވަކިން ބޮޑެވބެ. ދެ މީގެ އިތުރުން ދެ ބިލިއަނާ ގާތްކުރާ ވަރުގެ އާބާދީއެއް އޮތް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔާ އަށް ކުޑަކުޑަ ދިވެހި ރާއްޖޭގެ އެތުލީޓަކު ވުމަކީ ކުޑަ އުފަލެއްވެސް ނޫނެވެ.
އިއްޔެ ހެނދުނު އޮތް 100 މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު ދަތުރު ކުރިއިރު އުއްމީދުގައި ތިބި ދިވެހިންނަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްވެސް އޭރު ކުރިމަތިވެފައި އޮތެވެ. ފައިނަލްގެ ކުރިން އޮތް ތިން ހީޓްގެ ތެރެއިން ސާއިދު ދުވި ހީޓުން އޭނާ އަށް ލިބުނީ ތިން ވަނަ އެވެ. އަދި ސާއިދު އެ ހީޓް ނިންމި ޓައިމިންގް ކަމަށްވާ 10.66 ސިކުންތަކީ މެޑައްޔެއް ކަށަވަރު ކުރެވޭ ވަރަށްވުރެ ދަށް ޓައިމިންގް އެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. އެކަމަކު އެ ހުރިހާ ކަމެއް އެހެން އޮއްވައި ކުރީގެ ޓައިމިންގް އަށް ވުރެ 0.17 ސިކުންތު އަވަހަށް ފައިނަލް ހީޓް ނިންމައި ސާއިދު ވަނީ ބޮޑު ފަހުރެއް ގައުމަށް ހޯދައިދީފައެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން އިއްޔެ ސާއިދު ރަން މެޑަލް ހޯދައިފައިވާއިރު އޭނާ ވަނީ 2015 ވަނަ އަހަރު އޮތް އިންޑިއަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖޭގެ ތާރީހުން ޖާގަ ހޯދައިފައެވެ. ސާއިދުގެ ކުޅިވަރު ކެރިއަރުގެ އެ ބޮޑު ކާމިޔާބާ އެކު އޭނާ ހިމެނުނީ ބައިނަލް އަގްވާމީ ކުޅިވަރު މުބާރާތެއްގެ އިންޑިވިޑުއަލް އިވެންޓަކުން ރަން މެޑަލް ހާސިލް ކުރި ފުރަތަމަ ދިވެހި އެތުޅީޓުގެ ގޮތުގައެވެ. އޭގެ ފަހުން ސާއިދު ވަނީ 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސް ގައި ބައިވެރިވެ ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު އިންޑިއާގައި އޮތް އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައި ގާތްގަޑަކަށް 4.5 ބިލިއަން މީހުން ދިރިއުޅޭ އޭޝިއާ ސަރަހައްދުގެ އެންމެ ބާރު އަށް ދުވުންތެރިންގެ ތެރޭގައި ސާއިދު ހިމެނުމަކީ ވެސް ރަން އަކުރުން ދިވެހި ކުޅިވަރުގެ ތާރީހުގައި ފަވާލަން ޖެހޭ ވަރުގެ ކާމިޔާބީ އެކެވެ.
ސައުތު އޭޝިއަން ގޭމްސްގެ ތާރީހަށް ބަލާލާއިރު އެތުލެޓިކްސްގައި ރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް އަކާ ހަމައަށް ދެވޭ ވަރުވީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައެވެ. އެފަހަރުގެ ގޭމްސްގެ 100 މީޓަރު ރިލޭ ގައި ރާއްޖޭގެ ދުވުންތެރިން ލޯ މެޑަލް ހޯދިއިރު މިއަދު އެންމެ ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ އެ ދުވުންތެރިންގެ ތެރޭގައި ސާއިދު ހިމެނުނު ކަމެވެ. އޭރު އެންމެ 18 އަހަރުގެ ސާއިދު އާ މެދު އެތްލެޓިކްސްގެ މާހިރުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް އޮތް އުއްމީދާއި އިތުބާރުގެ ނަތީޖާ އަކަށްވީ އެތުލެޓިކްސްގައި ކުރިއަރާފައި އޮތް އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ޖެމެއިކާ ގައި ދިގު މުއްދަތަކަށް ތަމްރީން ހެދުމުގެ ފުރުސަތު ސާއިދު އަށް ތަނަވަސްވުމެވެ. ރާއްޖެއާ އެތައް ހާސް މޭލެއް ދުރުގައި އޮތް ގައުމެއްގައި ދިގު މުއްދަތަކަށް ހުންނަނމް ޖެހުނު ނަމަވެސް ސާއިދު އެ ފުރުސަތު ގަބޫލު ކުރީ އުފަލާ އެކު އެވެ.
ޒުވާން އުމުރުގައި އާއިލާ އާއި ރަހްމަތްތެރިން ދޫކޮށް މަދު ދިވެއްސަކު ނޫނީ އަމުދުން ދިރިވެސް ނޫޅޭ ގައުމެއްގައި ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހު ހުރެ ސާއިދު ގައުމަށްޓަކައި ވީ ބޮޑު ގުރުބާނީގެ ފޮނި ނަތީޖާ އޭނާ އާ ބައްދަލުކުރިލެއް ލަހެއް ވެސް ނުވިއެވެ. ތަމްރީންތަކަށްފަހު އެނބުރި އައިސް ސާއިދު ބައިވެރިވި ބައިނަލް އަގްވާމީ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދުމުގެ އިތުރުން 100 މީޓަރު ދުވުމުން ރަން މެޑަލް ސާޢިދު ހޯދުމާއެކު ދިވެހިންގެ އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ހުއްޓުނެވެ. އޭގެ ފަހުން އެމީހުން އައީ ސާއިއދު ބައިވެރިވާ ބައިނަލް އަގްވާމީ ބޮޑު ކޮންމެ މުބާރާތެއްގައި ސާއއިދު ގެ ފަރާތުން ބޮޑު ކާމިޔާބަކަށް އިންތިޒާރުކުރަމުންނެވެ. އެ އިންތިޒާރުގައި ސާއިދު ރީތި ކުލަތަކެއް ޖައްސައިދެމުން އައިސް މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އުއްމީދު ކުރިވަރުގެ ކާމިޔާބެއް ނުލިބުމާއެކު ސާއިދުގެ ތަރި އޮއްސެން އުޅެނީ ކަމަށް ބައެއް މީހެނުންނަށް ގަބޫލުވެސް ކުރެވުނެވެ. އެކަމަކު އެއީ ހަގީގަތް ނޫންކަން އިއްޔެ ސާއިދު ހޯދި ރަން މެޑަލާއެކު މިވަނީ ކަށަވަރުވެފައެވެ.
ކޮންމެއަކަސް އިއްޔެ ސާއިދު ހޯދި ކާމިޔާބާއެކު އޭނާ އާ ދޭތެރެރޭ ދިވެހިން ކުރާ އުއްމީދުތައް މިވަނީ އިންތިހާ އަށް މަތިވެފައެވެ. މުޅި އޭޝިއާގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު ސާއިދު މި ހޯދި ކާމިޔާބީ އާއެކު އޭޝިއާ ސަރަހައްދުގެ ބޮޑު މުބާރާތުން މެޑަލް އެއް ސާއިދު ހޯދަފާނެ ކަމުގެ ހީތަށް މިވަނީ އިތުރުވެފައެވެ. އެ ހީތަށް ހަގީގަތަކަށް ނުވާންވީ ސަބަބެއް ނެތް ކަން މީގެ ދެ އަހަރު ކުރިން އިންޑިއާގައި އޮތް އޭޝިއާ ގެ އެންމެ ބޮޑު އެތްލެޓިކްސް މުބާރާތުގެ ހަތަރު ވަނަ ސާއިދު ހޯދުމުން ވަނީ ސާބިތުުވެފައެވެ.
Advertisement
Leave a Reply