ސައުތު އޭޝިއަން ގޭމްސް / ފުޓްބޯޅަ: ފިރިހެން ޓީމުގެ ދެ ވަނަ މެޗު ވެސް އެއްވަރު

Advertisement

ސައުތު އޭޝިއަން ގޭމްސް / ފުޓްބޯޅަ: ފިރިހެން ޓީމުގެ ދެ ވަނަ މެޗު ވެސް އެއްވަރު

ޢަލީ ޝަހީމް
މެޗަށް ނުކުތް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ އެވެ. ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ލަންކާއާ ދެކޮޅަށް ދިވެހި ޓީމު ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މިއަދުގެ މެޗުން އެއްވަރުވުމުން ދެ މެޗުން ރާއްޖެއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މިއަދު މެންދުރު އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗުގައި ނޭޕާލުން ވަނީ 4-0 އިން ބޫޓާން ބަލިކޮށްފަ އެވެ. މިހާތަނަށް ހަތަރު މެޗު ކުޅުނުއިރު ނޭޕާލާއި ބޫޓާނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މިއަދުގެ ބޮޑު މޮޅާއެކު ފައިދާ ގޯލު ގިނަވުމުން އެއް ވަނަ ލިބެނީ ނޭޕާލަށެވެ. ދެ ވަނައިގައި އޮތް ބޫޓާނަށް ތިން ޕޮއިންޓް ލިބުނީ އެއް މެޗުންނެވެ. ރާއްޖެ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތް ބަންގްލަދޭޝާއި ފުލުގައި އޮތް ލަންކާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗަށް ނުކުތް ފުރަތަމަ އެގާރަ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ރާއްޖޭން މިއަދު މެޗަށް ނުކުތީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލު ގެނެސްގެންނެވެ. ލަންކާ މެޗުގައި ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަބްދުﷲ ޔާމީން (ޔާން) ގެ ބަދަލުގައި މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ޖައިލަމް މުހައްމަދު (އޮގީ) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް މިއަދު ވެސް ދިމާވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ މައްސަލަ އެވެ. ބަންގްލަދޭޝް ޓީމުން ބޮޑަށް ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅުނުއިރު އެޓީމުން ދިޔައީ ލިބޭ ފުރުސަތުތަކުގައި ރާއްޖެއަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އަށް ވަނީ ގޯލު ޖަހާނެ ފުރުސަތު ލިބި ބޭނުން ނުހިފިފަ އެވެ. މެޗުގައި ބަންގްލަދޭޝަށް ލީޑު ލިބުނީ ރާއްޖޭގެ އަކްރަމް އަބްދުލްގަނީ (އަކޫ) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ބަންގްލަދޭޝްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފް (ހުސެން) އަތުގައި ޖެހިފައި ގޯލަށް ވަނީ އަކްރަމްގެ ގައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފަށް ރާއްޖޭގެ ޓީމު ނުކުތީ އޮގީގެ ބަދަލުގައި ހަންނަ ހިމަނައިގެންނެވެ. މި ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތީ ކަނާ ދިމާއިން ބޭރަށެވެ. ދެ ވަނަ ހާފުގެ 14 ވަނަ މިނެޓުގައި ރާއްޖޭގެ ދާދު ފޮނުވާލި ބާރު ބޯޅަ ބަންގްލަދޭޝް ޓީމުގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ފޭދޫ އިއްބެ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނެޓު ފަހުން ހަންނަ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.

މެޗުގައި ދާދު ބަންގްލަދޭޝްގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ރާއްޖޭގެ ޓީމަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދުގެ އެހީތެރިކަމާއެކު ފޭދޫ އިއްބެ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ދާދު އޭރިޔާ ވަދެފައި ފޭދޫ އިއްބެއަށް ޖައްސާލި ބޯޅަ ފޮނުވާލުވުމުން ވަނީ ގޯލުގެ އަރިމަތީ ކަނަށެވެ. މި ގޯލަށް ފަހު ރާއްޖޭން ވަނީ ބޮބީގެ ބަދަލުގައި މުހައްމަދު ސާމިރު ކުޅެން އަރުވައިފަ އެވެ. ސާމިރު އެރުމަށް ފަހު އަރިމަތިން ނަގައިދިން ފުރަތަމަ ހުރަސް ހަންނަ ބޮލުން ޖެހުމުން ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދާދު ފޮނުވާލުމުން ދިޔައީ ކީޕަރު އަތަށެވެ. އޭގެ މިނެޓެއް ފަހުން ސާމިރު ނަގައިދިން ހުރަސް އަކްރަމް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މި ހާފުގައި ބަންގްލަދޭޝްގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 80 ވަނަ މިނެޓުގަ އެވެ. އެޓީމުން ނަގައިދިން ހުރަހެއް އޭރިޔާ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ހުސެން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. ހުސެން މަތަކުރި ބޯޅަ ބަންގްލަދޭޝް ކުޅުންތެރިއަކަށް ލިބުމުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސްވެގެންނެވެ.

މެޗަށް ފަހު ބަންގްލަދޭޝްގެ ކޯޗު ޖެމީ ޑޭ ބުނީ މިއަދުގެ މެޗުގައި އެޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތެއް ނުލިބި ކުޅެން ޖެހުމުން އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވާނެ ކަމަށެވެ. ކޯޗު އިތުރަށް ބުނީ ބަންގްލަދޭޝަކީ މުބާރާތުގެ ފޭވަރިޓުން ނޫންކަމަށާއި، އެ ޓީމުން މުބާރާތަށް އައީ މެޑަލަކަށް އަމާޒުކޮށްގެންކަމަށެވެ. އެ އަމާޒަށް ދިއުމަށް ގަދަ ދެޓީމު ނުވަތަ ތިން ވަނަ އަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ބުންޏެވެ.

ފޭދޫ އިއްބެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް މެޗަށް ފަހު ބުނީ ޖެހިޖެހިގެން ދެ ދުވަހު މެޗު ކުޅެން ޖެހުމުން ދެ ޓީމަށް ވެސް ވަރުބަލިކަން އޮންނާނެ ކަމަށާއި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ. އަދި، މެޗެއްގެ ނަތީޖާ ބަދަލުކޮށްލުމުގައި ނަސީބު ވެސް އެހީވާނެ ކަމަށާއި މިއަދު ރާއްޖެއަށް ނަސީބު އެހީވި ނަމަ މެޗުން މޮޅުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސެގާޓް ބުންޏެވެ. ސެގާޓް ވަނީ މިއަދުގެ މެޗުގެ ފަހުކޮޅު ބަންގްލަދޭޝް ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ހުސެން މަތަކުރުމުން ކީޕަރަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

މެޗުގެ ފަހު ފަސް މިނެޓު ފެނުނީ ރާއްޖެއަށް ވުރެ ބޮޑަށް ބަންގްލަދޭޝް ކުރިއަށް ޖެހިގެން ކުޅުނު ތަނެވެ. މުބާރާތުގައި ރާއްޖެ ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ބޫޓާނާ ދެކޮޅަށް ރާއްޖެ އެދުވަހު ކުޅޭ މެޗު ފަށާނީ މެންދުރު 12:15 ގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *