ސައުތު އޭޝިއަން ގޭމްސް: ސެމީގައި ލަންކާ އަތުން ބަލިވެ އަންހެން ޓީމަށް ލޯ މެޑަލް
13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ރާއްޖޭގެ އަންހެން ޓީޓީ ޓީމު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވެއްޖެ އެވެ. އަންހެން ޓީމު ސެމީގައި ބަލިވުމުން މުބާރާތް ނިންމާލާނީ ލޯ މެޑަލާއެކު އެވެ. އެއީ ސެމީ ފައިނަލުން ބަލިވާ ދެޓީމަށް ލޯ މެޑަލް ދޭގޮތަށް ހަމަޖެހިފައިވާތީ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ގޭމަށް ރާއްޖޭގެ ޓީމުން ނުކުތީ ފާތިމަތު ދީމާ އަލީ އެވެ. ލަންކާގެ އެރާންދީއާ ވާދަކޮށް މި ގޭމް ދީމާއަށް ގެއްލުނީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ލަންކާ ކުޅުންތެރިޔާ 11-04 އަދި 12-10 އިން ގެންގޮސްފައި ވަނިކޮށް ދީމާ ވަނީ ތިން ވަނަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު 12-14 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ސެޓު 13-12 އިން ކާމިޔާބުކޮށް ލަންކާ ކުޅުންތެރިޔާ ވަނީ މި ގޭމް ގެންގޮސްފަ އެވެ.
ދެ ވަނަ ގޭމްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވެސް ބަލިވީ 3-1 އިންނެވެ. ލަންކާގެ އިޝާރާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި 11-06 އިން ރަފާ ބަލިވި ނަމަވެސް ދެ ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް 10-12 އިން ރަފާ ވަނީ ކާމިޔާބުކޮށްފަ އެވެ. ލަންކާ ކުޅުންތެރިޔާ ގޭމް ގެންދިޔައީ ދެ ވަނަ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު 11-03 އަދި 11-06 އިން ކާމިޔާބުކޮށްގެންނެވެ.
ތިން ވަނަ ގޭމުގައި ރާއްޖޭ މައިސާ ފަތުހުﷲއާ ވާދަކޮށް ލަންކާގެ ޕުލިސިލާ ކާމިޔާބު ހޯދީ ވެސް 3-1 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 12-10 އިން ގެންދިޔައީ މައިސާ އެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓު ލަންކާ ކުޅުންތެރިޔާ ވަނީ 11-6، 11-08 އަދި 11-04 އިން ކާމިޔާބުކޮށްފަ އެވެ.
އަންހެން ޓީމު ސެމީ ފައިނަލުގައި ބަލިވިއިރު މިއަދު ރާއްޖޭގެ ފިރިހެން ޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލް އަތުން 3-1 އިން ބަލިވެފަ މުބާރާތުގެ ޓީމް އިވެންޓުން ކަޓައިފަ އެވެ. ފިރިހެން ޓީމު ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ގޭމުން ބަލިވީ 3-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން މުހައްމަދު ޝައްފާން އިސްލާއީލް ކުޅުނުއިރު ނޭޕާލް ޓީމުން ކުޅުނީ ސަންތޯޝް ޝްރެސްތާ އެވެ. މެޗުގެ ފުރަތަމަ ސެޓު 07-11 އިން ޝައްފާން ކާމިޔާބު ކުރިއިރު ފަހު ތިން ސެޓު ޝްރެސްތާ ގެންދިޔައީ 11-06، 12-10 އަދި 11-03 އިންނެވެ.
ރާއްޖޭގެ ފިރިހެން ޓީމުން މި މެޗުގައި ކާމިޔާބުކުރީ ދެ ވަނަ ގޭމެވެ. މޫސާ މުންސިފް އަހުމަދު މި ގޭމްގައި 3-1 އިން ކުރި ހޯދީ ނޭޕާލުގެ ގުރުންޖް އަތުންނެވެ. މެޗުގެ ފުރަތަމަ ސެޓު 11-08 އިން މުންސިފް ކާމިޔާބުކުރިއިރު ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު 12-10 އަދި 11-07 އިން ކާމިޔާބުކުރީ ނޭޕާލް ކުޅުންތެރިޔާ އެވެ. އެކަމަކު މުންސިފް ވަނީ ހަތަރު ވަނަ ސެޓާއި ފަސް ވަނަ ސެޓު 11-09 އިން ކާމިޔާބުކޮށް ގޭމުން މޮޅުވެފަ އެވެ.
ފިރިހެން އިވެންޓުގެ ތިން ވަނަ ގޭމްގައި މުހައްމަދު ޒީސްތު ނަސީމްއާ ވާދަކޮށް ނޭޕާލް ކުޅުންތެރިޔާ ވަނީ ތިން ސެޓުން މޮޅުވެފަ އެވެ. މި ގޭމްގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 11-04، 11-04 އަދި 12-10 އިންނެވެ. ފަހު ސެޓުން ޒީސްތު ބަލިވީ ލީޑުގައި އޮވެ އެވެ. މެޗުގެ ފަހު ގޭމްގައި މުންސިފް ބަލިވީ ނޭޕާލްގެ ސަންތޯޝް އަތުންނެވެ. މެޗުގެ ފުރަތަމަ ގޭމް 11-13 އިން މުންސިފް ކާމިޔާބުކޮށްފައި ވަނިކޮށް ދެ ވަނަ ސެޓު 11-04 އިން ސަންތޯޝް ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗުގެ ތިން ވަނަ ސެޓު އަނެއްކާ ވެސް 11-08 އިން ކާމިޔާބުކޮށް މުންސިފް ގޭމުގެ ތެރެއަށް އެނބުރި އައި ނަމަވެސް ޖެހިގެން އަދި ދެ ސެޓު 11-03 އަދި 11-07 އިން ކާމިޔާބުކޮށް ނޭޕާލުން ވަނީ މެޗުން މޮޅުވެފަ އެވެ.
ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓް މެޗުތައް ނިމުމުން ކުޅުންތެރިން ދެން ވާދަކުރާނީ ސިންގަލްސް އަދި ޑަބަލްސް މެޗުތަކުގަ އެވެ.
Advertisement
Leave a Reply