މިއެޓް ފުޓްސަލް ފިއެސްޓާގެ ގުރު ނަގައިފި، ފެށުން ބުރާސްފަތި ދުވަހު
ކ. ތުލުސްދޫގެ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ތުލުސްދޫ ދާއިރާގެ ރަށްތަކާއި މާލޭގެ އުތުރުން އޮންނަ ކ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ “މިއެޓް ފުޓްސަލް ފިއެސްޓާ 2019” ގެ ގުރުން ނެގުން ބާއްވައި އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.
މިއަހަރުގެ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެރޭ ތުލުސްދޫގަ އެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ 10 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކަންމަތި އެފްސީ އާއި ހުރާ އެފްސީ، ބޮޅު ކޮމިއުނިޓީ އަދި ބޮޑު ހިތި އައިލެންޑް ރިސޯޓެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ރަނަރަޕް ހިންމަފުށި ފުޓްބޯޅަ ޓީމާއި ކަންމަތި އެންޖީ އަދި އެމްޕަޔާ އެވެ. ގްރޫޕް ސީގައި ހިމެނެނީ ބްލެކް އީގަލް، އެޕޮކަލިޕްސް އަދި އެފްސީ ސްޕެރަންޒާ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ތިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ޓީމުތަކަށެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާއާ އެކު ދެ ވަނަ ހޯދާ ޓީމަކަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޑިސެމްބަރު 11 ވާ ބުދަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ތުލުސްދޫގައި އޮންނާ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭގަނޑު އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން ކަންމަތި އެފްސީ އާއި ފުޓްބޯޅައިގައި މަޝްހޫރު ހުރައަށް ނިސްބަތްވާ ހުރާ އެފްސީ އެވެ.
މި މުބާރާތް ފުރަތަމަ ފަހަރު މިދިޔަ އަހަރު ބޭއްވިއިރު ހަތް ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހިންމަފުށި ފުޓްބޯޅަ ޓީމުގެ މައްޗަށް ކާމިޔާބު ހޯދީ ތުލުސްދޫ ކަންމަތި އެފްސީ އެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާއި ފުޓްބޯޅަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. މިގޮތުން ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ އިބްރާހީމް ސިނާހް (ސިނާ) އާއި އަލީ ހާފިޒް (ހާއްޕެ) އަދި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ނާއިޒް ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް އެ މުބާރާތުގައި ކުޅުނެވެ. މިއެޓް ޖަމިއްޔާއިން ބުނީ މި އަހަރުގެ މުބާރާތުގައި ވާދަކުރާ މަޝްހޫރު ކުޅުންތެރިންގެ އަދަދު އިތުރުވާނެ ކަމަށެވެ.
މުބާރާތުގައި ވާދަވެރިކަން މިދިޔަ އަހަރު ވަރަށް ބޮޑަށް ފެނިގެންދިޔައިރު ފައިނަލް މެޗު ބެލުމަށް ހިންމަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ތުލުސްދޫއަށް ގޮސްފަ އެވެ. މުބާރާތް އިންތިޒާމުކުރާ މިއެޓް ޖަމިއްޔާއިން ބުނީ ވޭތުވެދިޔަ އަހަރު މުބާރާތަށް ލިބުނު މަގްބޫލުކަމާއެކު މިއަހަރުގެ މުބާރާތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭންގެ އިތުރުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމުގައި ހުންނެވި ނާއިފް ޝައުކަތު އެވެ. މިއެޓް ޖަމިއްޔާއިން ބުނީ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދާއިރާގެ ރަށްތަކަކީ ފުޓްބޯޅައިގެ ހުނަރު އޮންނަ ރަށްތަކަށް ވެފައި ގިނަ ރިސޯޓުތަކެއް ވެސް އަތޮޅުގައި އޮތުމާއެކު ޗުއްޓީއާ ދިމާކޮށް ފޯރިގަދަ ފުޓްސަލް މުބާރާތެއް ބޭއްވުން ކަމަށެވެ.
އެކި ބޭނުންތަކަށް ކައިރި ރަށްތަކުންނާއި ރިސޯޓުތަކުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ތުލުސްދޫއަށް ޒިޔާރަތް ކުރެ އެވެ. އަދި ފެންވަރު ރަނގަޅު ގެސްޓް ހައުސްގެ ހިދުމަތް އެރަށުން ލިބޭތީ ފަތުރުވެރިންގެ މެދުގައިވެސް އެރަށަކީ މިހާރު މަގްބޫލު ރަށެކެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 10،000 ރުފިޔާ ދޭނެ އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ރަނަރަޕް ޓީމަށް ދިނީ 5000 ރުފިޔާ އެވެ.
ތުލުސްދޫ މިއެޓް ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދޭނެ އެވެ. އަދި މި މުބާރާތުގެ ފައިނަލް މެޗު މި ނޫހުގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Advertisement
Leave a Reply