ސައުތު އޭޝިއަން ގޭމްސް: އަންހެން ޓީޓީ ޓީމް ސެމީ ފައިނަލަށް

Advertisement

ސައުތު އޭޝިއަން ގޭމްސް: އަންހެން ޓީޓީ ޓީމް ސެމީ ފައިނަލަށް

ޢަލީ
މިއަދުގެ މެޗުގައި ރަފާ އުފާފާޅުކުރަނީ. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ސެމީ ފައިނަލަށް ރާއްޖޭގެ ގައުމީ އަންހެން ޓީމު ދަތުރުކޮށް ލޯ މެޑަލް ކަށަވަރުކޮށްފި އެވެ. އަންހެން ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕާކިސްތާން އަތުން 3-1 އިން މޮޅުވެގެންނެވެ.

މިއަދުގެ މެޗުގައި ރާއްޖެއަށް ދެ ގޭމް ކާމިޔާބުކޮށްދިން ދީމާ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

މިއަދުގެ މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ޕާކިސްތާނުގެ ސަނަމްއާ ވާދަކޮށް 11-05، 11-09 އަދި 11-08 އިން ގޭމް ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ގޭމްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ޕާކިސްތާނުގެ ސަނާ 3-1 އިން ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު ދީމާ 12-10 އިން ކާމިޔާބުކުރީ ތިން ޕޮއިންޓުގެ ލީޑެއްގައި ޕާކިސްތާން ކުޅުންތެރިޔާ ކުރީގައި އޮއްވަ އެވެ. އެކަމަކު ދެ ވަނަ ސެޓު ސަނާ ވަނީ 05-11 އިން ކާމިޔާބުކޮށްފަ އެވެ. ދީމާ ގޭމް ގެންދިޔައީ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްގެންނެވެ. ތިން ވަނަ ސެޓު 11-07 އިން ކާމިޔާބުކުރިއިރު ފަހު ސެޓު ދީމާ ގެންދިޔައީ 11-03 އިންނެވެ. ދިމާއަށް ފަހު މެޗުގެ ތިން ވަނަ ގޭމްގައި ރާއްޖޭން ވާދަކުރީ ލައިސާ ފަތުހުﷲ އެވެ. ލައިސާއާ ވާދަކޮށް ޕާކިސްތާނުގެ ފަރުވާ ވަނީ މި ގޭމް 3-2 އިން ގެންގޮސްފަ އެވެ. މެޗުގެ ފުރަތަމަ ސެޓު 11-07 އިން ލައިސާ ކާމިޔާބު ކޮށްފައިވަނިކޮށް ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ފަރުވާ ވަނީ ކާމިޔާބުކޮށްފަ އެވެ. މި ސެޓުތައް އޭނާ ގެންދިޔައީ 10-12 އަދި 08-11 އިންނެވެ. އެކަމަކު ހަތަރު ވަނަ ސެޓު 11-05 އިން ލައިސާ ކާމިޔާބުކުރުމުން ނަތީޖާ ނެރެން އިތުރު ސެޓެއް ކުޅުނެވެ. މި ސެޓު ޕާކިސްތާނުގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 11-07 އިންނެވެ.

ރާއްޖޭގެ ޓީމުގެ ލައިސާ ފަތުހުﷲ މިއަދުގެ މެޗުގައި. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އަބްދުﷲ އަބީދު

ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވީ މެޗުގެ ހަތަރު ވަނަ ގޭމްގައި ޕާކިސްތާންގެ ސަނަމްއާ ވާދަކޮށް 3-1 އިން ދީމާ މޮޅުވުމުންނެވެ. މި މެޗު ދީމާ ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު ޕާކިސްތާނުގެ ކުޅުންތެރިޔާ 15-13 އިން ފުރަތަމަ ސެޓު ގެންގޮސްފައި ވަނިކޮށެވެ. އޭގެ ފަހުން ކުޅުނު ތިން ސެޓު ދީމާ ގެންދިޔައީ 07-11، 08-11 އަދި 04-11 އިންނެވެ.

މިއީ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ ސެމީ ފައިނަލަށް ރާއްޖޭގެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. ރާއްޖެ ހިމެނޭ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުކުރީ އިންޑިއާ އެވެ. ސެމީ ފައިނަލުގައި މިއަދު ރާއްޖޭގެ އަންހެން ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *