ރޮނާލްޑޯ އަށް ލިބުނީ ސީރީއޭ އެވޯޑް
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށްދޭ ބެލޮން ޑިއޯ އެވޯޑް ލިއޮނަލް މެސީ އާއި ހަވާލު ކުރިތާ ކުޑަ ވަގުތު ކޮޅެއް ފަހުން އިޓާލިއަން ލީގުގެ މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދީފިއެވެ.
ރޭ ޕެރިހުގައި އޮތް ބެލޮން ޑިއޯ ހަވާލުކުރުމުގެ ކުލަގަދަ ރަސްމިއްޔާތަށް ޕޯޗްގަލްގެ ތަރި ރޮނާލްޑޯ ހާޒިރުވުމުގެ ބަދަލުގައި އިޓަލީގެ މިލާންގައި އޮތް ސީރީއޭ ގެ އަހަރީ އެވޯޑް ހަފްލާގައި ބައިވެރިވެ އެވޯޑާއި ހަވާލުވެފައެވެ.
“މި އެވޯޑް ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިންނަށް އަހަރެން ޝުކުރު އަދާކުރަން ބޭނުން. ނިމިގެން މިދިޔައީ އަހަރެން ސީރީއޭ ގައި ހޭދަކުރި ފުރަރަމަ އަހަރު.. މިއީ އުނދަގޫ ލީގެއް. އަހަރެން މިހިރީ ވަރަށް އުފަލުން. އަހަރެންނަށް ވޯޓް ދިން އެންމެންނަށް ޝުކުރިއްޔާ.” އެވޯޑާ ހަވާލުވުމަށް ފަހު ރޮނާލްޑޯ ބުނެފައިވެއެވެ.
މިދިޔަ ސީޒަންގައި އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީގުގައި 21 ގޯލް ކާމިޔާބުކޮށްގެން ޔުވެންޓަސް އަށް ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފައެވެ. އެކަމަކު މިފަހަކަށް އައިސް ރޮނާލްޑޯ އަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާއި ހުރެ އޭނާ އަށް ކުޅެން ލިބޭ ވަގުތު މިދިޔަ މަހެއްހާ ދުވަހު ވަނީ މަދުވެފައެވެ. އަދި، މިދިޔަ މަހު ޔުވެންޓަސް އިން ރަޝިތާގެ ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗްގެ ވަކި ހިސާބަކުން ރޮނާލްޑޯ ބަދަލުކުރުމާ ގުޅިގެން އޭނާ ވަނީ އެކަމާ ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ.
ކުރިން އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށާއި، ސްޕެއިންގެ ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ރޮނާލްޑޯ އަށް ރޭ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްދޭ އެވޯޑް ލިބުނުއިރު މިފަހަރުގެ ވބެލޮންޑިއޯ ރޭހުގައި ރޮނާލްޑޯ އަށް ލިބުނީ ތިން ވަނަ އެވެ. މީގެ ކުރިން ފަސް ފަހަރު ބެލޮންޑިއޯ ހާސިލްކޮށްފައިވާ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު ރޭހުގެ ދެވަނަ މަގާމް ހޯދައިފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.
Advertisement
Leave a Reply