މެސީ ހަވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ އެވޯޑް ހަވަނަ ފަހަރަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ. މިއަހަރުގެ ބެލޮންޑިއޯ އެވޯޑް މެސީ އާ ހަވާލުކޮށްފައިވަނީ މިރޭ އެކަމަށްޓަކައި ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.
މީގެ ކުރިން މެސީ ވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރުވެސް ބެލޮންޑިއޯ ހާސިލްކޮށްފައެވެ. ބެލޮންޑިއޯ އެވޯޑަށް މިފަހަރު އެންމެ ގާތުން ވާދަކޮށްފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ވާޖިލް ވެން ޑައިކް އެވެ. ވެން ޑައިކް ރޭހުގެ ދެވަނަ ހޯދިއިރު ތިން ވަނައިގައި އޮތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ހަތަރު ވަނަ ލިބުނީ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ އަށެވެ.
ރެކޯޑް އަދަދަކަށް މެސީ އަށް ބެލޮންޑިއޯ ލިބުމަށް މަގުފަހިކޮށްދިން މިދިޔަ ސީޒަންގައި މެސީ ހޯދި ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ ބާސެލޯނާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ އިތުރުން ސްޕެނިޝް ކޮޕަ ޑެލް ރޭ ވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބާސެލޯނާ ގެންގޮސްދިނުމުގައި ބޮޑު ހިއްސާ އެއް މިދިޔަ ސީޒަންގައި މެސީ އަދާކުރިއިރު މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ މިއަހަރުގެ ޖުލައި މަހު އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައިވެސް ކުޅެފައެވެ. އުމުރުން 32 އަހަރުގެ މެސީ ވަނީ މިދިޔަ ސީޒަންގައި ޖުމްލަ 56 ގޯލް ޖަހައިފައެވެ.
މިހާތަނަށް މުޅި ފުޓްބޯޅަ ކެރިއަރ ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ ވަނީ އެ ކްލަބަށް 701 މެޗް ކުޅެ 614 ގޯލް ޖަހައިދީފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި އޭނާ ޖެހި 428 ގޯލް ހިމެނޭއިރު އެއީ ސްޕެނިޝް ލީގުގެ ރެކޯޑެކެވެ. މެސީ ވަނީ 2012 ވަނަ އަހަރު 92 ލަނޑު ޖަހައިގެން ފުރިހަމަ ކަލަންޑަރު އަހަރެއްގެ ތެޜޭގައި އެންމެ ގިނަ ގޯލް ޖަހައިގެން ޖަރުމަނުގެ ގާޑް މުލާ 1972 ވަނަ އަހަރު ހެދި ރެކޯޑް ވެސް މުގުރާލައިފައެވެ. މެސީގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ 52 ހެޓްރިކް ހަދައިފައެވެ. އޭގެ ތެރެއިން 46 ހެޓްރިކް ބާސެލޯނާގެ ޖޯޒީގައި ހަދާފައިވާއިރު އަނެއް ހަ ހެޓްރިކް ހަދައިފައިވަނީ ގައުމީ ޓީމާއެކު އެވެ. މެސީ ވަނީ ގައުމީ ޓީމަށް މިހާތަނަށް 138 މެޗް ކުޅެ 70 ގޯލް ކާމިޔާބުކޮށްދީފައެވެ.
މެސީގެ ކާމިޔާބީތައް އާޖެންޓީނާގެ ގައުމީ ޓީމަށްވުރެ ބޮޑަށް ބާސެލޯނާ އާ ގުޅިފައިވާއިރު އޭނާ ވަނީ ބާސެލޯނާ އާއެކު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިހަ ފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރަށް އުފުލާލައިފައެވެ. އެކަމަކު އާޖެންޓީނާ އާއެކު މެސީ އަށް އަދި ބޮޑު މުބާރާތެއްގެ ތަށި އުފުލާލުމުގެ ނަސީބު ލިބިފައެއް ނުވެއެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް މިފަހަރު ހާސިލްކުރީ މިއަހަރު އޮތް އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެވެސް ރަން ބޯޅަ ހާސިލްކުރި އެމެރިކާގެ މޭގަން ރެޕިނޯ އެވެ. މިރޭ ބޭއްވި ބެލޮންޑިއޯ އެވޯޑް ހަފްލާގައި ދިން އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލިސަން އަށް ލިބުނު އިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުނއްތެރިޔާއަށް ދިން އެވޯޑް ލިބުނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު މަތިސް ޑިލިޓް އަށެވެ.
Advertisement


Leave a Reply