ސައުތު އޭޝިއަން ގޭމްސް / ވޮލީބޯލް: ބްރޯންޒް މެޑަލް މެޗުން އަންހެން ޓީމު ބަލިވެއްޖެ

Advertisement

ސައުތު އޭޝިއަން ގޭމްސް / ވޮލީބޯލް: ބްރޯންޒް މެޑަލް މެޗުން އަންހެން ޓީމު ބަލިވެއްޖެ

ޢަލީ
ލަންކާއާ ރާއްޖެ ބައްދަލުކުރި މެޗުގައި ރާއްޖެ ޓީމުގެ ނުހާ ވަހީދު އުފާފާޅުކުރަނީ. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން އިވެންޓުގައި ލޯ މެޑަލް ހޯދަން ކުޅުނު މެޗުން އަންހެން ވޮލީ ޓީމް ބަލިވެއްޖެ އެވެ. މިއަދު ހަވީރު ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ތިން ސެޓުންނެވެ.

މި މެޗާއެކު ރާއްޖޭގެ ވޮލީ ޓީމުތަކަށް މިފަހަރުގެ ގޭމްސް ނިމުނީ އެވެ. މިއަދުގެ މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-13، 25-18 އަދި 25-08 އިންނެވެ. ފުރަތަމަ ސެޓާއި ދެ ވަނަ ސެޓުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް ލަންކާ ޓީމަށް ޕްރެޝަރު ކުރިނަމަވެސް ފަހު ސެޓުގައި ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގައި ލަންކާއާ ވާދަކުރި މެޗުން ވެސް ބަލިވެފަ އެވެ. އެ މެޗުން ބަލިވީ 25-14، 25-06 އަދި 25-17 އިންނެވެ.

Advertisement

މިފަހަރުގެ ގޭމްސްގެ ސެމީ ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ދަތުރުކުރީ ގްރޫޕް ބީގައި ރާއްޖެ އާއި ލަންކާއާއެކު ހިމެނުނު ޕާކިސްތާން އަންހެން ޓީމު މުބާރާތުން ވަކިވުމުންނެވެ. އެއް ވަނަ ކަނޑައަޅަން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ސެމީގައި ރާއްޖެ ވާދަކުރީ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ އައިމިނަތު އަރީޝާ. ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

މި މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ދަތުރުކުރީ އިންޑިއާ އާއި ނޭޕާލް އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި އިންޑިއާއިން ވަނީ 26-24، 25-12 އަދި 25-16 އިން ނޭޕާލް ބަލިކޮށްފަ އެވެ.

މިފަހަރުގެ ގޭމްސްއަށް އަންހެން ޓީމު ނުކުތީ މިމަހުގެ ކުރީކޮޅު ބަންގްލަދޭޝްގައި ނިމުނު އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައި އަންހެން ވޮލީގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު އެވެ. އެ މުބާރާތުގެ ފައިނަލުގައި އަންހެން ޓީމު ބަލިވީ ނޭޕާލްގެ އަތުންނެވެ.

މި އަހަރުގެ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ގްރޫޕް ބީގައި ހިމެނި ޕާކިސްތާނާއި ލަންކާ އަތުން ބަލިވެ ކަޓައިފި އެވެ. ރާއްޖޭގެ ފިރިހެން ޓީމު މިފަހަރުގެ ގޭމްސްއަށް ތައްޔާރުވީ ސާބިއާއަށް އުފަން ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗްގެ އިރުޝާދުގެ ދަށުންނެވެ. މިލޮރަޑް ކޯޗުކަމާ ހަވާލުވުމަށް ފަހު ގޭމްސްއާ ދޭތެރޭ މާގިނަ ދުވަސްތަކެއް ނުލިބުމުން މި މުބާރާތުން ބޮޑު ކާމިޔާބީއެއް ހޯދުމުގެ ބަދަލުގައި ކޯޗުގެ ވިސްނުން ހުރީ އަންނަ އަހަރު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށެވެ. މުހައްމަދު ސާޖިދު (ކާއްޓެ) ގެ ކޯޗުކަމުގައި މިދިޔަ އޮގަސްޓް މަހު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމަށް ލިބުނީ ހަތަރު ވަނަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އުޒްބެކިސްތާން އަތުން ބަލިވިއިރު ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ފިރިހެން ޓީމު ވަނީ ތުރުކެމެނިސްތާން އަތުން ބަލިވެފަ އެވެ.

ވޮލީ އިވެންޓުގެ މެޗުތައް ރާއްޖެއަށް ނިމުނު ނަމަވެސް ގޭމްސްގައި އިތުރު 10 ކުޅިވަރެއްގައި ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމަނާފައިވާއިރު ރޭ ވަނީ ގޭމްސް ރަސްމީކޮށް ފަށައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *