އަންހެން ޓީޓީ ޓީމް ބަލިވެ ހުރިހާ އުއްމީދެއް ޕާކިސްތާން މެޗަށް

Advertisement

އަންހެން ޓީޓީ ޓީމް ބަލިވެ ހުރިހާ އުއްމީދެއް ޕާކިސްތާން މެޗަށް

ޢަލީ
ރާއްޖޭގެ ދީމާ މިއަދު އިންޑިާގެ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅެނީ. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި މިއަދު ރާއްޖޭގެ އަންހެން ޓީމު ވަރުގަދަ އިންޑިއާ އަތުން ބަލިވެއްޖެ އެވެ. މިއަދު ސީދާ ތިން ގޭމުން އަންހެން ޓީމު ބަލިވިއިރު ސެމީ ފައިނަލުން ޖާގައެއް ހޯދަން މާދަމާ ޕާކިސްތާނާ ވާދަކުރާ މެޗު ކާމިޔާބުކުރަން ޖެހޭނެ އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ އާއި އިންޑިއާ އަދި ޕާކިސްތާން އޮތީ ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި އޮތީ ނޭޕާލާއި ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި މިއަދު އެންމެ ފުރަތަމަ ކުޅުނީ އިންޑިއާ އާއި ޕާކިސްތާން އެވެ. މި މެޗު ސީދާ ތިން ގޭމުން އިންޑިއާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެއް ވަނަ ޓީމުގެ ގޮތުގައި އިންޑިއާގެ އަންހެން ޓީމު ސެމީ ފައިނަލަށް ދަތުރުކުރިއިރު ދެ ވަނަ ޓީމެއް ޔަގީންވާނީ މާދަމާ ރާއްޖެއާ ޕާކިސްތާން ވާދަކުރާ މެޗަށް ފަހު އެވެ.

އިންޑިއާގެ ސުތިރްތާ މުކަރުޖީއާ ދެކޮޅަށް މިއަދު ކުޅުނު ފުރަތަމް ގޭމްގައި ރާއްޖޭން ނުކުތީ އާއިޝަތު ރަފާ ނާޒިމް އެވެ. މި ގޭމް އިންޑިއާގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 11-04، 11-03 އަދި 11-08 އިންނެވެ. ފުރަތަމަ ދެ ސެޓުގައި ރަފާއަށް އިންޑިއާގެ ކުޅުންތެރިޔާގެ ހަމަލާތައް ހުއްޓުވަން އުނދަގޫވި ނަމަވެސް ފަހު ސެޓުގައި ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ރަފާއަށް ފަހު ދެ ވަނަ ގޭމްގައި ރާއްޖޭގެ ފާތިމަތު ދީމާ ވާދަކުރީ އިންޑިއާގެ ކްރިތުވިކާއާ އެވެ. މި ގޭމް ވެސް ފަސޭހަކަމާއެކު އިންޑިއާގެ ކުޅުންތެރިޔާ ވަނީ ގެންގޮސްފަ އެވެ. މެޗުގެ ސެޓުތައް އިންޑިއާގެ ކުޅުންތެރިޔާ ގެންދިޔައީ 11-06، 11-02 އަދި 11-02 އިންނެވެ. މެޗުގެ ތިން ވަނަ ގޭމްގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ތިން ސެޓުން ބަލިވީ މަދުރިކާ އަތުންނެވެ. މި ގޭމްގެ ސެޓުތައް މަދުރިކާ ގެންދިޔައީ 11-04، 11-05 އަދި 11-03 އިންނެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ ރަފާ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޓީމު ވެސް މިއަދު ކުޅުނު ޓީމް އިވެންޓުގެ މެޗުން ވަނީ ބަލިވެފަ އެވެ. ފިރިހެން ޓީމު ލަންކާއާ ނޭޕާލާއެކު އެއް ގްރޫޕެއްގައި ހިމެނޭއިރު އަނެއް ގްރޫޕުގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. މިއަދު ހެނދުނު ކުޅުނު މެޗުގައި ރާއްޖޭގެ ޓީމު ލަންކާ އަތުން ބަލިވީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ މޫސާ މުސައްނިފް އަހުމަދު ބަލިވީ 11-08، 11-09 އަދި 11-08 އިންނެވެ. ދެ ވަނަ ގޭމްގައި މުހައްމަދު ޝައްފާން އިސްމާއީލް ވަނީ ލަންކާ ކުޅުންތެރިޔާއާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފަ އެވެ. މި ގޭމްގެ ފުރަތަމަ ސެޓު 11-07 އިން ލަންކާ ކުޅުންތެރިޔާ ހޯދާފައިވަނިކޮށް ވާދަވެރި ކުޅުމަކަށް ފަހު ޝައްފާން ވަނީ ދެ ވަނަ ސެޓު 15-13 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ދެ ސެޓު ލަންކާ ކުޅުންތެރިޔާ ވަނީ 11-07 އަދި 11-08 އިން ކާމިޔާބުކޮށްފަ އެވެ. ފިރިހެން ޓީމު އިވެންޓުގެ ތިން ވަނަ ގޭމްގައި ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމް ބަލިވީ 11-4، 11-08 އަދި 11-08 އިންނެވެ.

ޓީމު އިވެންޓުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންހެން ޓީމު މާދަމާ ހެނދުނު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 9:30 ގަ އެވެ. ފިރިހެން ޓީމު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ ހެނދުނު 8:15 ގަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް އަންހެން ޓީމުގެ އިތުރުން ފިރިހެން ޓީމު ވެސް މާދަމާގެ މެޗުތައް ކާމިޔާބުކުރަން ޖެހޭނެ އެވެ.

މާދަމާ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ސެމީ ފައިނަލާއި ފައިނަލް ވެސް ކުޅޭނެ އެވެ. އަންހެން ސެމީ ފައިނަލް ދެ މެޗު ރާއްޖެ ގަޑިން މެންދުރު 11:15 ގައި ކުޅޭއިރު ފިރިހެން ސެމީ ފައިނަލް މެޗުތައް ކުޅޭނީ މެންދުރު 12:45 ގަ އެވެ. ފައިނަލް މެޗުތައް ކުޅުމަށް ހަމަޖައްސާފައިވަނީ 3:15 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *