ސައުތު އޭޝިއަން ގޭމްސް: އަންހެން ކްރިކެޓް ޓީމަށް ފުރަތަމަ މެޗްގައި އުނދަގޫ ތަޖްރިބާ އެއް

ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ކްރިކެޓް ޓީމް ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެއްޖެއެވެ. މިއަދު ހެނދުނު ކުޅުނު މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވީ 10 ވިކެޓުންނެވެ.
ނޭޕާލް ޕޮކަރާ ސިޓީގައި ކުޅުނު މި މެޗްގައި ފުރަތަމަ ކުޅެން އެރީ ރާއްޖޭގެ ޓީމުންނެވެ. ރާއްޖޭގެ ޓީމުން ކުޅެން އަރައި މެޗްގެ 10 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 16 ލަނޑެވެ. ޖަވާބުގައި ނޭޕާލް ޓީމުން ކުޅެން އަރައި ފުރަތަމަ އޯވަރު ނުނިމެނީސް 17 ލަނޑު ހަމަކުރިއެވެ.
ހަތަރު ގައުމަކުން ވާދަކުރާ އަންހެން ކްރިކެޓް އިވެންޓްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި މިއަދު ރާއްޖޭގެ ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ ހަމްޒާ ނިޔާޒް އެވެ. ހަމްޒާ 11 ބޯޅައިން 9 ލަނޑު ހަދައިފައިވާއިރު 2 ފަހަރު ހަތަރަކަށް ޖަހައިފައެވެ.
ސައުތު އޭޝިއަން ގޭމްސްގެ އަންހެން ކްރިކެޓް އިވެންޓްގައި ރާއްޖޭގެ ޓީމް ކުޅޭ ދެވަނަ މެޗް އޮންނާނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އެ މެޗްގައި ރާާއްޖެ ނުކުންނާނީ ސަރަހައްދުގެ އިތުރުން ދުނިޔޭގެ ނިސްބަތުންވެސް ކްރިކެޓްގައި ފާހަގަކޮށްލެވޭ ސްރީލަންކާ އާ ދެކޮޅަށެވެ. ފަހު މެޗްގައި މި މަހުގެ 5 ވަނަ ދުވަހު އަންހެން ކްރިކެޓް ޓީމް ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.
ނޭޕާލާ ދެކޮޅަށް ރާއްޖޭގެ އަންހެން ކްރިކެޓް ޓީމް މިއަދު ކުޅުނު މެޗަކީ ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމަކުން ކުޅުނު ބައިނަލްއަގްވާމީ ވާދަވެރި ފުރަޔަމަ މެޗެވެ. މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވާދަކުރާ ގައުމީ އަންހެން ކްރިކެޓް ޓީމްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމުރުން 14 އަހަރާއި 19 ވަނަ އަހަރާއި ދެމެދުގެ ކުދިންނެވެ.
ނޭޕާލްގައި އިއްޔެ ފެށި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ކްރިކެޓް ޓީމްވެސް ވަނީ ބައިވެރިވެފައެވެ. ފިރިހެން ކްރިކެޓް ޓީމް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.
Advertisement


Leave a Reply