ޔުވެންޓަސް މޮޅުނުވުމުގެ ފައިދާ ނަގައި އިންޓަ އެއް ވަނަ އަށް

Advertisement

ޔުވެންޓަސް މޮޅުނުވުމުގެ ފައިދާ ނަގައި އިންޓަ އެއް ވަނަ އަށް

ޢަލީ ޝަހީމް
އިންޓަ މިލާނުގެ މާޓިނޭޒް ގޯލު ޖެހުމަށް ފަހު. މި ސީޒަނުގައި މާޓިނޭޒް ވަނީ 11 ގޯލު ޖަހާފައި

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް ފަހަތައް ޖައްސާލައި އެއް ވަނަ މަގާމަށް އިންޓަ މިލާން އަރައިފި އެވެ. ލީގުގެ އިއްޔެ ސަސޮލޫއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު އިންޓަ އިން ވަނީ އަމިއްލަ ދަނޑުގައި ސްޕަލް 2-1 އިން ބަލިކޮށްފަ އެވެ.

ލީގުގައި ކުޅުނު 14 މެޗުން އިންޓަ އަށް 37 ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް ދެ ވަނައިގައި އޮތީ 36 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި އޮތް ލާޒިއޯއަށް 30 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ކަލިއާރީ އަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ.

އިޓާލިއަން ލީގު ވޭތުވެދިޔަ އަހަރުތަކުގައި ޔުވެންޓަސް ފަސޭހަކަމާއެކު ކާމިޔާބުކުރަމުން ދިޔަ ނަމަވެސް މި ސީޒަނުގައި އިންޓައިން އަންނަނީ އެޓީމާ ރަނގަޅު ވާދައެއް ކުރަމުންނެވެ. މިދިޔަ ހަތަރު ސީޒަނުގައި ލީގުގައި ޔުވެންޓަސްއާ ކިރިޔާވެސް ވާދައެއް ކުރެވުނީ ނަޕޯލީއަށެވެ. އެހެންނަމަވެސް ޓީމު އިތުރަށް ވަރުގަދަކޮށް އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓަ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިއްޔެ ޔުވެންޓަސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސަސޮލޫގެ ޖެރެމީ ބޯގާގެ ގޯލުން މެޗުގެ ނަތީޖާ އެއްވަރުވި އެވެ. ސަސޮލޫން މެޗުގައި ފުރަތަމަ ހާފުގައި ލީޑު ނެގީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ހެދުނު ގޯހަކުން ފްރެންސެސްކޯ ކަޕޫޓޯ އެވެ. ސަސޮލޫން ލީޑުގައި އޮއްވައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގައި ޔުވެންޓަސްއަށް ޕޮއިންޓެއް ލިބުނީ ޕެނަލްޓީއަކުން 68 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލުންނެވެ.

އިންޓަ އިން ސްޕަލް ބަލިކުރި މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. ރޭގެ ގޯލުތަޖާއެކު މާޓިނޭޒް މިހާރު ވަނީ ލީގުގައި އަށް ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އިންޓަގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ސްޕަލްގެ ހަމައެކަނި ގޯލު މެޗުގައި ޖަހައިދިނީ މަޓިއާ ވަލޯޓީ އެވެ.

މެޗަށް ފަހު އިންޓަގެ ކޯޗު ކޮންޓޭ ބުނީ އެޓީމަށް އެއް ވަނަ ލިބުނީ މިހާތަނަށް ކުރި ބުރަ މަސައްކަތުން ކަމަށާއި މިއީ ފަހުރުވެރި ވަގުތެއް ކަމަށެވެ.

“ފުރަތަމަ ދުވަހުން ފެށިގެން އަހަރެމެން އައީ އެހެން ޓީމުތައް ޖެހިލުންވާ ވަރުގެ ކުޅުމެއް ދައްކަން މަސައްކަތް ކުރަމުން. 14 މެޗަށް ފަހު ތާވަލުގެ އެއް ވަނައަށް އެރުމުން ފަހުރުވެރިވޭ، އެއީ މި ޓީމަށް އެނގޭ މިހިސާބަށް އަންނަން ކުރި މަސައްކަތް” މެޗަށް ފަހު ސްކައި ސްޕޯޓް އިޓާލިއާއަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުންޏެވެ.

ލީގުގައި ކުޅުނު ފުރަތަމަ 14 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބު ކުރިއިރު ޔުވެންޓަސް އަތުން އިންޓަ ވަނީ ބަލިވެފަ އެވެ. އެކަމަކު 12 މޮޅާއެކު މިއީ އެޓީމުގެ ތާރީހުގައި މިހާތަނަށް އެންމެ ރަނގަޅު ފެށުމެވެ. އަނެއްކޮޅުން ލީގުގައި އެންމެ ފުރަތަމަ ކުޅުނު 14 މެޗުގައި ވެސް އެޓީމުން ވަނީ ގޯލު ޖަހައިފަ އެވެ. މީގެ ކުރިން ޖެހިޖެހިގެން ލީގުގެ 14 މެޗުގައި ގޯލު ޖެހީ ޔުވެންޓަސް އާއި އޭސީ މިލާންގެ އިތުރުން ފިއޮރެންޓީނާ އަދި ރޯމާ އެވެ.

ލީގުގައި އަންނަ ހުކުރު ދުވަހު އިންޓަ އަމިއްލަ ދަނޑުގައި ރޮމާއާ ދެކޮޅަށް ނުކުންނައިރު ހޮނިހިރު ދުވަހު ރަށުން ބޭރުގައި ޔުވެންޓަސް ނުކުންނާނީ ލީގުގެ ތިން ވަނައިގައި އޮތް ލާޒިއޯއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *