ފުރަތަމަ ގައުމީ އަންހެން ކްރިކެޓް ޓީމް ތާރީހީ މެޗަކަށް މިއަދު ނުކުންނަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި އަންހެން ކްރިކެޓް ޓީމް ކުޅޭ ބައިނަލް އަގްވާމީ ވާދަވެރި ފުރަތަމަ މެޗަށް މިއަދު ނުކުންނަން ތައްޔާރުވެއްޖެއެވެ. އިއްޔެ ނޭޕާލްގައި ފެށި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ކްރިކެޓް ޓީމް މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ނުކުންނަން ހަމަޖެހިފައިވަނީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލްގެ ޕޮއްކާރާ ސިޓީގައި ކުޅެން ހަމަޖެހިފައިވާ މި މެޗް ފަށަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު ރާއްޖޭގެ ގަޑިން 10:15 ގައެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ކްރިކެޓް އިވެންޓްގައި ހަތަރު ގައުމަކުން ވާދަކުރާއިރު ޓީ20 ގޮތަށް ލީގު އުސޫލުން ކުޅޭ ބުރުގައި ރާއްޖެ ކުޅޭ ދެވަނަ މެޗްގައި މި މަހުގެ 4 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާ އާ ދެކޮޅަށެވެ. ފަހު މެޗްގައި ޖެހިގެން އަންނަ ދުވަހު ވާދަކުރަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝް އާއެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅޭ ބުރު ނިމޭއރިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ރާއްޖޭފެ އަންހެން ކްރިކެޓް ޓީމް ވާދަކުރާ ބައިނަލް އަގްވާމީ ފުރަތަމަ މުބާރާތަށް ސައުތު އޭޝިއަން ގޭމްސް ވީއިރު ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކަކީ ދުނިޔޭގެ ކްރިކެޓްގައިވެސް ނަން މަޝްހޫރު ގައުމުތަކެވެ. އެހެން ކަމަށްވުމާއއެކު ނަތީޖާ އަށްވުރެ ބޮޑަށް މި މުބާރާތް ވެގެންދާނީ ރާއްޖޭގެ އަންހެން ކްރިކެޓް ޓީމަށް ބައިނަލް އަގްވާމީ ތަޖްރިބާ ހޯދަން ލިބޭ ރަގަޅު ފުރުސަތަކަށެވެ.
ރާއްޖޭގެ އަންހެން ކްރިކެޓް ޓީމްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމުރުން 14 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނެވެ. ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ބައިނަލް އަގްވާމީ ފެންވަރުގެ މުބާރާތަކަށް ނެރުމަކީ އަންހެން ކްރިކެޓް ރާއްޖޭގައި ކުރިއެރުވުމަށް މިވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އަންހެން ކްރިކެޓް ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން އަތޮޅުތެރޭގައިވެސް ކްރިކެޓް ބޯޑުން އައީ ގިނަ ހަރަކާތްތަކެއް ހިންގަމުނަްނެވެ. އަދި، މީގެ އިތުރުން 2017 ވަނަ އަހަރުން ފެށިގެން އެ ބޯޑުން އަންނަނީ އަންހެން ކްރކެޓް ކުޅުންތެރިންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ ޓީ20 މުބާރާތެއްވެސް ބާއްވަމުންނެވެ.
ސައުތު އޭޝިއަން ގޭމްސް އަށް ދާން ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމް ނޭޕާލަށް ފުރުމުގެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ކުރިން ސްރީލަންކާގެ ކޯޗެއް ވަނީ ގެނެސްފައެވެ. އަންހެން ޓީމަށް އިރުޝާދުދިނުމަށްޓަކައި ގެނައި ޕަދްމާ ކަރްނާރަތުނެ އަކީ ކުރިން ސްރީލަންކާގެ އަންހެން ކްރިކެޓް ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި މީގެ އިތުރުން އޭނާ ވަނީ ކޮލަމްބޯ ކްރިކެޓް ކްލަބްގެ ހެޑް ކޯޗެއްގެ ގޮތުންވެސް މަސައްކަތްކޮށްފައެވެ. ސްރީ ލަންކާ އަކީ ދުނިޔޭގެ ތަށްޓަށް ކުޅޭ ކްރިކެޓް މުބާރާތް 1996 ވަނަ އަހަރު ކާމިޔާބުކުރި ގައުމެވެ.
Advertisement
Leave a Reply