ސައުތު އޭޝިއަން ގޭމްސް: ދިދަ އުފުލުމުގެ ޝަރަފް ވޮލީ ކެޕްޓަން ހައްވަ އަށް

Advertisement

ސައުތު އޭޝިއަން ގޭމްސް: ދިދަ އުފުލުމުގެ ޝަރަފް ވޮލީ ކެޕްޓަން ހައްވަ އަށް

ޢަލީ
ހައްވަ ދިދައާ ހަވާލުވުމަށް ފަހު. - ފޮޓީޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ނޭޕާލުގައި މިއަދު ހަވީރު ރަސްމީކޮށް ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއަށް ލިބިއްޖެ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި އުފުލުމަށް ގައުމީ ދިދަ މިއަދު ހެނދުނު ހައްވައާ ހަވާލުކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ. މަރޭގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އާއި މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ޑެލިގޭޝަނުގެ ޗެފް ޑި މިޝަނަރު އިބްރާހީމް ނާހިދު ވަނީ ދިދަ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު، ހައްވައާ ދިދަ ހަވާލުކުރަނީ. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވަ އަކީ މި މަހުގެ ބަންގްލަދޭޝްގައި ނިމުނު އޭވީސީ ވިމެންސް ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ރިހި މެޑަލް ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެއީ އަންހެން ވޮލީގައި ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި، ހައްވަ އަކީ ލިޑަރޝިޕް ރަނގަޅު ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ހައްވަގެ ކެޕްޓަންކަމުގައި ގޭމްސްގެ ވޮލީ އިވެންޓުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ސްރީ ލަންކާއާ ދެކޮޅަށް ދިވެހި ޓީމް ނުކުންނާނެ އެވެ. ވޮލީގެ ފިރިހެން އަދި އަންހެން މުބާރާތް މިދިޔަ ބުދަ ދުވަހު ފެށިއިރު ރާއްޖޭގެ ދެ ޓީމު ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ. އެކަމަކު ތިން ވަނަ ހޮވާ މެޗުގައި މާދަމާ ލަންކާ ބަލިކޮށްގެން މެޑަލެއް ހޯދުމުގެ ފުރުސަތު އަންހެން ޓީމަށް އެބައޮތެވެ.

ދިދަ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ހައްވައާ ދިދަ ހަވާލުކުރީ މާދަމާގެ މެޗަށް ތައްޔާރުވުމުގެ ގޮތުން އަންހެން ވޮލީ ޓީމު މިއަދު ހެނދުނު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށް ފަހު އެވެ. ދިދަ ނެގުމުގެ ޝަރަފް ނޭނގި ހުއްޓާ ހައްވައަށް ލިބުމާއެކު ވޮލީ އަންހެން ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ލިބުނު ޝަރަފަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ހައްވަ ބުނީ އެއީ ވޮލީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށާއި، އެހިސާބަށް ދިއުމަށް ކޮންމެ އެތުލީޓަކު ވެސް ޑިސިޕްލިން ހިފަހައްޓައި ހިތްވަރުކުރަން ޖެހޭނެ ކަމަށެވެ. 2016 ވަނަ އަހަރު އިންޑިއާގައި އޮތް 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ ފިރިހެން ވޮލީ ކުޅުންތެރިޔާ އިޝާން މުހައްމަދު (ބަޓިސް) އެވެ.

ހައްވަ ދިދަ ހިފައިގެން ހުރިއިރު ޓީމުގެ ބައެއް ކުޅުންތެރިން ކައިރީގައި. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ގޭމްސްގައި ރާއްޖޭން 11 ކުޅިވަރެއްގައި 213 އެތުލީޓުން ވާދަކުރާނެ އެވެ. ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯލް، ކްރިކެޓް، ފުޓްބޯލް، ހޭންޑްބޯލް، ޝޫޓިން، ސްވިމިން، ޓޭބަލް ޓެނިސް، ޓެނިސް އަދި ވޮލީބޯލް އެވެ.

މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމެނޭއިރު ހުރިހާ ކުޅިވަރެއްގައި ވާދަކުރާ ހަމައެކަނި ގައުމަކީ ގޭމްސް ބާއްވާ ނޭޕާލް އެވެ. ބަންގްލަދޭޝް އާއި ލަންކާއިން 25 ކުޅިވަރުގައި ވާދަކުރާއިރު ޕާކިސްތާނުން 18 ކުޅިވަރުގައި ވާދަކުރާނެ އެވެ. ޕާކިސްތާނުގެ ފަހަތުން 17 ކުޅިވަރެއްގައި އިންޑިއާއިން ވާދަކުރާއިރު ބޫޓާނުން 14 ކުޅިވަރުގައި ވާދަކުރާނެ އެވެ.

ހައްވައަށް ލިބުނު ޝަރަފާއެކު ގައުމީ އަންހެން ވޮލީބޯޅަ ކުޅުންތެރިން ދިދަ ހިފައިގެން. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

މިއީ ސައުތު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ގޭމްސް ނޭޕާލުގައި ބާއްވާ ތިން ވަނަ ފަހަރެވެ. ގޭމްސް އެންމެ 1984 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވިއިރު އޭގެ ފަހުން 1999 ވަނަ އަހަރު ވެސް ނޭޕާލުން ވަނީ ގޭމްސް ހޯސްޓް ކޮށްފަ އެވެ. ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:15 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *