11 ޕޮއިންޓުގެ ލީޑެއްގައި އޮތަސް ކްލޮޕް ހަމަބިމުގައި

Advertisement

11 ޕޮއިންޓުގެ ލީޑެއްގައި އޮތަސް ކްލޮޕް ހަމަބިމުގައި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކުޅުނު މެޗުތައް ކާމިޔާބުނުކުރެވުމުން ލިވަޕޫލަށް 11 ޕޮއިންޓުގެ ލީޑެއް ލިބުނަސް އެކަމާ ނުވިސްނާކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. ލީގުގައި އިއްޔެ ހަވީރު ސިޓީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލުން ބްރައިޓަންއާ ވާދަކޮށް 2-1 ގެ ހަނި މޮޅެއް ހޯދިއިރު ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ލިވަޕޫލަށް މިހާރު ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލިވަޕޫލަށް 14 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް ލެސްޓަ ސިޓީއަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އެކަމަކު ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްގެން ލެސްޓަ އަށް ތާވަލުގެ ދެ ވަނަ އަށް އަރައި ލިވަޕޫލާ ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތީ 14 މެޗުން 26 ޕޮއިންޓް ލިބިފައިވާ ޗެލްސީ އެވެ.

Advertisement

ރޭގެ މޮޅާއެކު ލިވަޕޫލުން ވަނީ ލީގުގައި ބަލިނުވެ 31 މެޗު ހަމަކޮށް ކުރިން އެ ކްލަބުން ހަދާފައިވާ ކްލަބް ރެކޯޑާ އެއްވަރުކޮށްފަ އެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗު ލިވަޕޫލުން ވަނީ ކާމިޔާބުކޮށްފަ އެވެ. 11 ޕޮއިންޓުގެ ލީޑެއް ލިވަޕޫލަށް ލިބުމުން އެ ޓީމުގެ ސަޕޯޓަރުންގެ އުއްމީދަކީ ލީގު ނުލިބި ކުރާ 30 އަހަރުގެ އިންތިޒާރު މި ސީޒަނުގައި ނިމުމަކަށް ގެނައުމެވެ.

“އަހަރެމެން ނުވިސްނަން ޕޮއިންޓުގެ ގެޕަކަށް އަދި ދެން ހުންނަ ކަންކަމަކަށް. މީހުން އަހަރެން ގާތު އެބަބުނޭ ލިވަޕޫލަށް 11 ޕޮއިންޓުގެ ލީޑެއް ލިބިއްޖެޔޭ އެކަމަކު ލެސްޓަ އެބަކުޅޭ އާދީއްތަ ދުވަހު (މިރޭ)، އެ މެޗަށް ފަހު އަށް ޕޮއިންޓަށް ވެސް ލީޑު ކުޑަވެދާނެ” ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ޖެހީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. މި ދެގޯލަކީ ވެސް އެޓީމުގެ ފުލްބެކް ޓްރެންޓް އަލެކްޒަންޑަ އާނޯލްޑް ނަގައިދިން ހުރަސްތަކުން ވެން ޑައިކް ބޮލުން ޖެހި ދެ ގޯލެވެ. ގާތްގާތުގައި ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް މެޗުގެ ބާކީ ބައިގައި ބްރައިޓަން އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ބްރައިޓަން އިން ގޯލު ޖެހީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުން ލިބުނު ހިލޭ ޖެހުމެއްގަ އެވެ. ގޯލަށް ވަންނާނެ ކަމަށް ބެލެވުނު ބޯޅައިގައި އެލިސަން އޭރިޔާ ބޭރުން އަތްލުމުން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކައިފަ އެވެ. އެ ހިލޭ ޖެހުން ބްރައިޓަންގެ ލެވިސް ޑަންކް ވައްދާލީ ބަދަލުގައި އެރި ކީޕަރު އެޑްރިއަން ރަނގަޅަށް ތައްޔާރުނުވެ އުޅެނިކޮށް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ ބާކީ ބައިގައި ލިވަޕޫލްގެ މުޅި ޓީމު ވަނީ ފަހަތަށް ޖެހި ލީޑުގައި އޮތް މެޗު ކާމިޔާބުކޮށްފަ އެވެ.

“އަހަރެމެން 13 މެޗުން ވެސް މޮޅުވީ ފަސޭހައަކުން ނޫން. އެންމެ ސިކުންތަކަށް ވެސް އެއިން އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި އިހުސާސެއް ނުވޭ. އަހަރެމެން އަބަދުވެސް ތިބެނީ ދެން އޮންނަ މެޗަށް ތައްޔާރުވެގެން” ލީގު ހޯދުމުގެ ބޮޑު ފުރުސަތެއް ފަހިކޮށްފައިވާ ކޯޗު ބުންޏެވެ.

ކްލޮޕް ބުނީ އެޓީމަށް ބިޒީ ޝެޑިއުލެއް އޮތްއިރު ހުރިހާ ވިސްނުމެއް ހުރީ ބުދަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން ކަމަށެވެ.

ލީގުގައި އިއްޔެ ހަވީރު ނިއުކާސަލްއާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރީ ރަހީމް ސްޓާލިން އެވެ. އެކަމަކު އެ ގޯލަށް މާގިނައިރު ނުވަނީސް ނިއުކާސަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެޓްރޯ ވިލެމްސް އެވެ. މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް އަލުން ލީޑު ނަގައިދިނީ ކެވިން ޑި ބްރޭނާ އެވެ. ލީޑުގައި އޮވެ މެޗު ނިންމާލަން ދަނިކޮށް 88 ވަނަ މިނެޓުގައި ނިއުކާސަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅުނު މިޑްފީލްޑަރު ޖޮންޖޯ ޝެލްވީ އެވެ.

އަނިޔާގެ ސަބަބުން އެއް ވަނަ ފޯވާޑް ޓަމީ އަބްރަހަމް ނުލައި ޗެލްސީން ކުޅުނު މެޗުން ބަލިވީ ދެ ވަނަ ހާފުގައި ވެސްޓް ހޭމްގެ ޑިފެންޑަރު އާރޮން ކްރެސްވެލް ޖެހި ގޯލުންނެވެ. މި ގޯލަށް ފަހު ވެސްޓް ހޭމްގެ މިކެލް އެންޓޯނިއޯ ވައްދާލި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ޗެލްސީން މެޗުގައި ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ވެސްޓް ހޭމްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ޑޭވިޑް މާޓިން ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ އުމުރުން 33 އަހަރުގެ ކީޕަރު ޕްރިމިއާ ލީގުގެ މެޗެއްގައި ގޯލު ބެލެހެއްޓި ފުރަތަމަ ފަހަރެވެ. ޗެލްސީން އުފެއްދި ހަމަލާތައް ހުއްޓުވައި ގޯލެއް ނުވަދެ މެޗު ނިންމާލެވުމުން ކީޕަރު މާޓިން ވަނީ އުފަލުން ރޮއެފަ އެވެ.

އިނގިރޭސި ލީގުގައި މިރޭ ރަށުން ބޭރުގައި އާސެނަލުން ނޯވިޗް ސިޓީއާ ވާދަކުރާއިރު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އާސެނަލް މެޗު ރާއްޖެ ގަޑިން ހަތެއް ޖަހާއިރު ފަށާއިރު ޔުނައިޓެޑް މެޗު ފަށާނީ 9:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *