ޔޫރޯ 2020: ޕޯޗުގަލް، ފްރާންސް އަދި ޖަރުމަނު އެއް ގްރޫޕަކަށް

Advertisement

ޔޫރޯ 2020: ޕޯޗުގަލް، ފްރާންސް އަދި ޖަރުމަނު އެއް ގްރޫޕަކަށް

ޢަލީ ޝަހީމް
ޔޫރޯ މުބާރާތުގައި އެއް ގްރޫޕެއްގައި ލައްވާލި ތިން ގައުމުގެ ކޯޗުން މިރޭގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި.

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލާއި މިދިޔަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސް އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރުނެގުން މިރޭ ރޫމޭނިއާގެ ބުކަރެސްޓުގައި ކުރިއަށް ގެންގޮސްފައިވާއިރު މަރުގެ ގްރޫޕުގެ ގޮތުގައި ބެލެވޭ މި ތިން ގައުމު ހިމެނުނީ ގްރޫޕް އެފްގަ އެވެ.

މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާނެ 24 ޓީމު ހަ ގްރޫޕަކަށް ވަނީ ބަހާލާފަ އެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ހިމެނޭއިރު ޔޫރޯގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ 20 ގައުމަކުންނެވެ. ބާކީ ހަތަރު ގައުމު ކޮލިފައިވާނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ޕްލޭ އޮފް މެޗުތަކަށް ފަހު އެވެ.

Advertisement

އަންނަ އަހަރުގެ މުބާރާތް ޔޫރަޕްގެ ތަފާތު 12 ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސުމާއެކު ގުރު ނެގުމުގެ ކުރިން ބައެއް ގައުމުތަކަށް ވަނީ އެ ގައުމެއް ލައްވާލާނެ ގްރޫޕާއި އެ ގްރޫޕުގައި ހިމެނޭނެ ބައެއް ޓީމުތައް ކުރިން އެނގިފަ އެވެ. މިރޭ ނެގި ގުރުގައި ގްރޫޕް އޭގައި ހިމެނުނީ ތުރުކީ، އިޓަލީ، ވޭލްސް އަދި ސްވިޒަލެންޑެވެ. މި ހަތަރު ގައުމުގެ ތެރެއިން އިޓަލީ އަކީ ސައްތައިން ސައްތަ ރެކޯޑަކާއެކު މިފަހަރުގެ ޔޫރޯއިން ޖާގަ ހޯދި ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އިޓަލީއާ އެކު މި ގްރޫޕުގައި ހިމެނޭ ވޭލްސް ވަނީ 2016 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޑެންމާކް، ފިންލެންޑް، ބެލްޖިއަމް އަދި ރަޝިއާ އެވެ. މި ހަތަރު ގައުމުގެ ތެރެއިން ބެލްޖިއަމަކީ ސައްތައިން ސައްތަ ރެކޯޑަކާއެކު ޔޫރޯގެ ޖާގަ ހޯދި ދެ ވަނަ ގައުމެވެ. މިއީ ފިންލެންޑް ބޮޑު މުބާރާތެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ރަޝިއާގެ އިތުރުން ޑެންމާކް ވެސް ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ގްރޫޕް ސީގައި ހިމެނުނީ ނެދަލެންޑްސް، ޔޫކްރޭން، އޮސްޓްރިއާ އަދި ޕްލޭ އޮފް ޑީގެ ޗެމްޕިއަން ޓީމެވެ. ނެދަލެންޑްސް އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވީ ބޮޑު މުބާރާތެއްގައި ވާދަނުކުރާތާ ފަސް އަހަރަށް ފަހު އެވެ. 2016 ވަނަ އަހަރުގެ ޔޫރޯ އާއި މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް އެގައުމު ކޮލިފައިނުވި ނަމަވެސް މިހާރު އެގައުމުން އަންނަނީ ކުރީގެ މޮޅު ކުޅުން ދައްކަމުންނެވެ. ނެދަލެންޑްސްއާ އެކު މި ގްރޫޕުގައި ހިމެނޭ ޔޫކްރޭން ޔޫރޯއަށް ކޮލިފައިވީ ޗެމްޕިއަން ޕޯޗުގަލް ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ޕްލޭ އޮފްގެ ގްރޫޕް ޑީގައި ހިމެނެނީ ޖޯޖިއާ، ބެލަރޫސް، ނޯތު މެސަޑޯނިއާ އަދި ކޮސޯވޯ އެވެ. މި ހަތަރު ގައުމުގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ގައުމެއް ވާދަކުރާނީ މި ގްރޫޕުގަ އެވެ. ޕްލޭ އޮފް ގްރޫޕް ޑީގެ ފުރަތަމަ ސެމީ ފައިނަލުގައި ޖިއޯޖިއާ އާއި ބެލަރޫސް ވާދަކުރާއިރު ދެ ވަނަ ސެމީގައި ނޯތު މެސަޑޯނިއާ އާއި ކޮސޯވޯ ވާދަކުރާނެ އެވެ. ޔޫރޯގެ ޖާގައެއް ލިބޭނީ ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލުން ކުރި ހޯދާ ގައުމަކަށެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު އިންގްލެންޑާއި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ ހިމެނުނީ ގްރޫޕް ޑީގަ އެވެ. މި ދެގައުމުގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ޗެކް ރިޕަބްލިކާއި ޕްލޭ އޮފް ގްރޫޕް ސީގެ ޗެމްޕިއަން ޓީމެވެ. ކްރޮއޭޝިއާ އާއި އިންގްލެންޑް ބޮޑު މުބާރާތެއްގެ އެއް ގްރޫޕެއްގައި އެންމެ ފަހުން ހިމެނުނީ 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާއިން ވަނީ އިންގްލެންޑް ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ހިމެނޭ ޗެކް ރިޕަބްލިކް ވަނީ ކޮލިފައިންގައި ވެސް އިންގްލެންޑާ އެއް ގްރޫޕެއްގައި ހިމެނިފަ އެވެ. ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެކް ރިޕަބްލިކުން އިންގްލެންޑް ބަލިކުރި ނަމަވެސް ރަށުން ބޭރުގައި ބޮޑު ތަފާތަކުން ވަނީ ބަލިވެފަ އެވެ. މި ގްރޫޕަށް ޕްލޭ އޮފުން ދާނީ ސްކޮޓްލެންޑް، އިސްރާއީލް، ނޯވޭ އަދި ސާބިއާ ވާދަކޮށް ޗެމްޕިއަންކަން ހޯދާ ގައުމެކެވެ. ޕްލޭ އޮފްގެ ފުރަތަމަ ސެމީގައި ސްކޮޓްލެންޑާއި އިސްރާއީލް ވާދަކުރާއިރު ދެ ވަނަ ސެމީގައި ނޯވޭ އާއި ސާބިއާ ވާދަކުރާނެ އެވެ.

2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ހިމެނުނީ ސްވިޑެން، ޕޮލެންޑް އަދި ޕްލޭ އޮފްގެ ގްރޫޕް ބީގެ ޗެމްޕިއަން ޓީމާއެކު ގްރޫޕް އީގަ އެވެ. ޕްލޭ އޮފްގެ ގްރޫޕް ބީގެ ފުރަތަމަ ސެމީގައި ބޮސްނިއާ އާއި ނޮދަން އަޔަލެންޑް ވާދަކުރާއިރު ދެ ވަނަ ސެމީގައި ސްލޮވޭކިއާ އާއި ރިޕަބްލިކް އޮފް އަޔަލެންޑް ވާދަކުރާނެ އެވެ. މި ގްރޫޕުން ވެސް ޔޫރޯ އަށް ކޮލިފައިވާނީ ޗެމްޕިއަންކަން ހޯދާ ގައުމެކެވެ.

މަރުގެ ގްރޫޕުގައި ޕޯޗުގަލާއި، ފްރާންސް އަދި ޖަރުމަނާއެކު ހިމެނޭނީ ޕްލޭ އޮފްގެ ގްރޫޕް އޭއިން ޗެމްޕިއަންކަން ހޯދާ ގައުމެކެވެ. މި ގްރޫޕުގެ ޕްލޭ އޮފްގެ ފުރަތަމަ ސެމީގައި އައިސްލެންޑް ނުކުންނާނީ ރުމޭނިއާއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ބަލްގޭރިއާ އާއި ހަންގޭރީ ވާދަކުރާނެ އެވެ. ސެމީ ފައިނަލް މެޗުތަކުން މޮޅުވެ ފައިނަލަށް ދަތުރުކޮށް ޗެމްޕިއަންކަން ހޯދާ ގައުމަކަށް ޔޫރޯގައި ވާދަކުރަން ޖެހޭނީ ތަރިން ހިމެނޭ ޓީމުތަކާ އެވެ. ފްރާންސާއި ޖަރުމަނު ވަނީ މިދިޔަ އަހަރު އޮތް ޔޫއެފާ ނޭޝަންސް ލީގުގެ އެއެއް ގްރޫޕެއްގައި ވާދަކޮށްފަ އެވެ. އެކަމަކު މި ދެ ގައުމު ފަހަތަށް ޖައްސާލައި ނޭޝަންސް ލީގުން ކުރި ހޯދީ ގްރޫޕުގައި ހިމެނުނު އަނެއް ގައުމު ނެދަލެންޑްސް އެވެ. ދެ ވަނަ ފްރާންސަށް ލިބުނުއިރު ފުލަށް ދިޔައީ ޖަރުމަނެވެ.

ޔޫރޯގެ ބާކީ ހަތަރު ޖާގަ ހޯދަން ކުޅޭ ޕްލޭ އޮފް ސެމީ ފައިނަލް މެޗުތައް އަންނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ކުޅޭއިރު ހަތަރު ފައިނަލް މެޗު ކުޅޭނީ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. އަންނަ އަހަރު ތަފާތު 12 ގައުމެއްގައި ޔޫރޯ މުބާރާތް ކުރިއަށްގެންދަން ޔޫއެފާއިން ނިންމީ ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ކުރުމުގެ ގޮތުންނެވެ.

މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅޭއިރު ސެމީ ފައިނަލް މެޗުތަކާއި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅުނީ 1996 ވަނަ އަހަރު އެވެ.

އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދާ 12 ގައުމަކީ، އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ. އަންނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު މުބާރާތް ފަށާއިރު ލަންޑަނުގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 12 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *