ސައުތު އޭޝިއަން ގޭމްސް: ބެޑްމިންޓަންގައި ރާއްޖެ ވާދަކުރަންޖެހޭ ގައުމު ކަށަވަރުވެއްޖެ

މާދަމާ ނޭޕާލްގައި ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ހިމެނޭ ބެޑްމިންޓަން އިވެންޓްގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީމް ފުރަތަމަ ބުރުގައި ވާދަކުރަންޖެހޭ ގައުމު ކަށަވަރުވެއްޖެއެވެ. މިއަދު މެންދުރުފަހު ނޭޕާލްގައި މުބާރާތުގެ ގުރު ނެގިއިރު ފުރަތަމަ ބުރުގައި ރާއްޖޭގެ އަންހެން ޓީމް ވާދަކުރާ ގޮތަށް ހަމަޖެހުނީ ޕާކިސްތާނާ އެވެ. މި މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ބެޑްމިންޓަންގެ އަންހެން ބައިން ޓީމް އިވެންޓްގެ ގުރު މިއަދު ނެގިއިރު އިންޑިއާ އާއި ލަންކާ އޮތީ ސީޑްކޮށްފައެވެ. އެހެންކަމުން އެ ދެ ގައުމަށް ފުރުތަމަ ބުރު ނުކުޅެ ސެމީ ފައިނަލުގެ އޮޓަމެޓިކް ޖާގައެއް ވަނީ ލިބިފައެވެ. ފުރަތަމަ ބުރުގައި ރާއްޖެ އާއި ޕާކީސްތާނު ވާދަކުރާ މެޗުން ރާއްޖެއަށް ކުރި ލިބިއްޖެނަމަ ސެމީ ފައިނަލްގައި ރާއްޖެ ވާދަކުރަންޖެހޭނީ އިންޑިއާ އާއެވެ. އިންޑިއާ އަކީ ބެޑްމިންޓަންގައި މި ސަރަހައްދުގެ އެއް ވަނަ ގައުމަށް ވުމުގެ އިތުރުން އަންހެން ބެޑްމިންޓަންގައި އިންޑިއާ އަކީ ދުނިޔޭގެ ރޭންކިންގް ގައިވެސް ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބެޑްމިންޓަން އިވެންޓްގައި ދެވަނަ އަށް ސީޑްކޮށްފައިވާ ސްރީ ލަންކާ އާއި ސެމީ ފައިނަލްގައި ވާދަކުރާނީ ފުރަތަމަ ބުރުގައި ބަންގްލަދޭޝް އާއި ނޭޕާލް ވާދަކުރާ މެޗުން މޮޅުވާ ގައުމެކެވެ.
މުބާރާތަށް ގައުމީ އަންހެން ބެޑްމިންޓަން ޓީމް މާލެއިން ފުރުމުގެ ކުރިން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި އިންޑިއާ ނުވަތަ ލަންކާ އާ ވާދަކުރަން ނުޖެހިއްޖެނަމަ މުބާރާތުގެ ޓީމް އިވެންޓުން މެޑަލް އެއް ހޯދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
“ބެޑްމިންޓަން ޓީމް އިވެންޓްގަ މި ވާގޮތަކީ ނޮކްއައުޓް އުސޫލުން މި ކުޅެނީ. ދެން ކޮންމެ ގޮތެއް ވިޔަސް ލަންކާ އިންޑިއާ އާ ވާދަކުރަން އަދި ތަންކޮޅެއް އުނދަގޫވާނެ. އެކަމަކު ދެން ހުރި ގައުމުތަކާ ވާދަކުރަން ޖެހިއްޖެއްޔާ ޗާންސަސް ތަކެއް ހުންނާނެ. މިސާލަކަށް ޕާކިސްތާނު، ބަންގްލަދޭޝް، ނޭޕާލް ތަންތަނާ ބަލާއިރު އަޅުގަނޑުމެންގެ ސްކޮޑް އެވްރެޖްގޮތެއްގަ މޮޅުވާނެ. އަޅުގަނޑުމެންގެ އެބަތިބި އެއްވަރެއްގެ ފަސް ހަ ކުޅުންތެރިން. މިގައުމުތަކުގެ ނުތިބެދާނެ އެވަރުގެ ފަސް ކުޅުންތެރިން. އެކަމަކު މިހެން ބުންޏަސް ބެޑްމިންޓަންގެ ޓީމް އިވެންޓްގަ ދެކުޅުންތެރިއަކު ތަފާތު ދެއްކިއަސް އެ ކޮޅަކަށް މެޗް ބުރަވާނެ ހަގީގަތުގަ. އެކަމަކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ ފަހުން މި ދެންނެވި ތިން ގައުމާ އެއްކޮށް ރަނގަޅު ފައިޓެއް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް. ޑްރޯގަ އިންޑިއާ އެވޮއިޑް ކުރެވިއްޖެއްޔާ އަޅުގަނޑު ދަންނަވާނީ މެޑަލްއެއް ހޯދުމުގެ ފުރުސަތު އެބައޮތޭ އަޅުގަނޑުމެންނަށް.” އިޝްފާން ވިދާޅުވި އެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރި ވާގައުމީ އަންހެން ބެޑްމިންޓަން ޓީމްގައި ހިމެނެނީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ޕެއާ ކަމަށްވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ގެ އިތުރުން ނީލާ ނަޖީބް އާއި މާޝާ ރަޝީދު އަދި އާމިނަތު ޝަހުރުނާޒް މޫސާ އާއި މައިސާ ފަތުހުﷲ އެވެ. މިފަހަރުގެ ގޭމްސްގެ ބެޑްމިންޓަންގައި ރާއްޖެއިން ވާދަކުރަނީ އަންހެން ޓީމް އެކަންޏެވެ.
Advertisement


Leave a Reply