ސައުތު އޭޝިއަން ގޭމްސް / ވޮލީބޯލް: ސެމީގައި އިންޑިއާ އަތުން އަންހެން ޓީމު ބަލިވެއްޖެ
ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯލް ސެމީ ފައިނަލުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު މިއަދު ހަވީރު ވަރުގަދަ އިންޑިއާ ވާދަކުރި މެޗުން ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފި އެވެ. ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 25-14، 25-06 އަދި 25-17 އިންނެވެ.
މިއަދުގެ މެޗުގެ ތިން ސެޓުގެ ތެރެއިން ފުރަތަމަ ސެޓުގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލީޑު ވެސް ނަގައިފަ އެވެ. ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ލީޑުގައި އޮއްވައި އިންޑިއާއިން ނަތީޖާ އަނބުރާލީ ފަސް ވަނަ ޕޮއިންޓާ ހަމައިންނެވެ. ރާއްޖޭން މި ސެޓުގައި ފުރަތަމަ އަށް ޕޮއިންޓް ހަމަކުރިއިރު އިންޑިއާއާ އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. އެހެންނަމަވެސް ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓަށް ފަހު އިންޑިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއް ނަގައި ފުރަތަމަ ސެޓު 25-14 އިން ކާމިޔާބުކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު އިންޑިއާއިން ވަނީ ފަސޭހަކަމާއެކު ރާއްޖޭގެ މައްޗަށް 25-06 އިން ކުރި ހޯދާފަ އެވެ. އެކަމަކު ތިން ވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ގިނަ ޕޮއިންޓްތަކެއް ހޯދައިފަ އެވެ. ދެ ސެޓު ކާމިޔާބުކުރުމާއެކު އިންޑިއާ ޓީމުން މި ސެޓުގައި ފަސޭހަކޮށްލިކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް ރާއްޖޭގެ ޓީމުން ދިޔައީ ފަރަގު ކުޑަކޮށް ރަނގަޅު ވާދައެއް ކުރަން މަސައްކަތް ކުރަމުންނެވެ. މި ސެޓުގެ ފަހު 10 ޕޮއިންޓާ ހަމައިން އިންޑިއާއިން ވަނީ ކުޅުން ރަނގަޅުކޮށް 25-17 އިން ސެޓު ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މިފަހަރުގެ ގޭމްސްގެ ސެމީ ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ދަތުރުކުރީ ގްރޫޕް ބީގައި ރާއްޖެ އާއި ސްރީ ލަންކާއާއެކު ހިމެނުނު ޕާކިސްތާން އަންހެން ޓީމު މުބާރާތުން ވަކިވުމުންނެވެ. ޕާކިސްތާނު ވަކިވުމުން ގްރޫޕުގެ އެއް ވަނަ ކަނޑައެޅުމަށް އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ އަންހެން ޓީމު ވަނީ 25-15، 25-18 އަދި 25-14 އިން ބަލިވެފަ އެވެ.
މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުންނާނީ މިރޭ ކުޅޭ ދެ ވަނަ ސެމީގައި ނޭޕާލުގެ އަންހެން ޓީމާއި ލަންކާގެ އަންހެން ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ބަލިވާ ޓީމެއް ޖެހޭނީ އަންނަ ހޯމަ ދުވަހު ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާށެވެ. ރާއްޖެ ކުޅޭ ތިން ވަނަ ހޮވާ މެޗު ފަށާނީ ހޯމަ ދުވަހުގެ 15:15 ގަ އެވެ.
މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށް ކުޅެ އިންޑިއާއިން ސެޓުތައް ގެންދިޔައީ 26-24، 25-12 އަދި 25-16 އިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ އަންހެން ޓީމު ވަނީ 25-8، 25-11، 25-9 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ރާއްޖޭގެ އަންހެން ޓީމު ކެޓުމުން ގޭމްސްގެ ވޮލީބޯޅަ އިވެންޓް ރާއްޖެއަށް ނިމުނީ އެވެ. ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ގްރޫޕް ބީގައި ހިމެނި ޕާކިސްތާނާއި ލަންކާ އަތުން ބަލިވެ އިއްޔެ ކަޓައިފި އެވެ. މިފަހަރުގެ ގޭމްސްއަށް އަންހެން ޓީމު ނުކުތީ މިމަހުގެ ކުރީކޮޅު ބަންގްލަދޭޝްގައި ނިމުނު އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައި އަންހެން ވޮލީގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު އެވެ. އެ މުބާރާތުގެ ފައިނަލުގައި އަންހެން ޓީމު ބަލިވީ ނޭޕާލްގެ އަތުންނެވެ.
ރާއްޖޭގެ ފިރިހެން ޓީމު މިފަހަރުގެ ގޭމްސްއަށް ތައްޔާރުވީ ސާބިއާއަށް އުފަން ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗްގެ އިރުޝާދުގެ ދަށުންނެވެ. މިލޮރަޑް ކޯޗުކަމާ ހަވާލުވުމަށް ފަހު ގޭމްސްއާ ދޭތެރޭ މާގިނަ ދުވަސްތަކެއް ނުލިބުމުން މި މުބާރާތުން ބޮޑު ކާމިޔާބީއެއް ހޯދުމުގެ ބަދަލުގައި ކޯޗުގެ ވިސްނުން ހުރީ އަންނަ އަހަރު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށެވެ. މުހައްމަދު ސާޖިދު (ކާއްޓެ) ގެ ކޯޗުކަމުގައި މިދިޔަ އޮގަސްޓް މަހު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމަށް ލިބުނީ ހަތަރު ވަނަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އުޒްބެކިސްތާން އަތުން ބަލިވިއިރު ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ފިރިހެން ޓީމު ވަނީ ތުރުކެމެނިސްތާން އަތުން ބަލިވެފަ އެވެ.
ވޮލީ އިވެންޓުގެ މެޗުތައް ރާއްޖެއަށް ނިމުނު ނަމަވެސް ގޭމްސްގައި އިތުރު 10 ކުޅިވަރެއްގައި ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމަނާފައިވާއިރު ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
Advertisement
Leave a Reply