އާސެނަލަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ޝަރަފެއް: އެމެރީ
އިނގިރޭސި ކްލަބް އާސެނަލަށް ކޯޗުކަން ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ޝަރަފެއް ކަމަށާއި، ކްލަބާއެކު ނަތީޖާތައް ރަނގަޅުކުރަން ބޭނުންވި ކަމަށް އިއްޔެ އެ ކްލަބުގެ މަގާމުން ވަކިކުރި އުނާއި އެމެރީ ބުނެފި އެވެ. އާސެނަލްގެ ކޯޗުކަމުން އެމެރީ ވަކިކުރީ ފަހަކަށް އައިސް އެޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ ކްލަބުގެ މިސްރާބާ މެދު ސުވާލު އުފެދުމުންނެވެ.
މިދިޔަ އަހަރުގެ މެއި މަހު އާސެނަލްގެ ކޯޗުކަމާ އެމެރީ ހަވާލުވީ 22 އަހަރަށް ފަހު އާސެނަލްގެ ކޯޗުކަމުން ވަކިވި އާސެން ވެންގާގެ މަގާމް ފުރުމަށެވެ. ކޯޗުކަމުން އިއްޔެ އެމެރީ ވަކިކުރިއިރު މިއީ ވޭތުވެދިޔަ 27 އަހަރު އެ ކްލަބުން މެޗަކުން މޮޅުނުވެ އެންމެ ދަށްކޮށް ދިޔަ އަހަރެވެ. ޖެހިޖެހިގެން ހަތް މެޗުން މޮޅެއް ނުލިބުނުއިރު މީގެ ކުރިން މިހާ ދަށްކޮށް އެޓީމުން ނަތީޖާ ނެރުނީ 1992 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ޖިއޯޖް ގްރަހަމްގެ ކޯޗުކަމުގައި އެ ކްލަބުން އެ ފަހަރު އަށް މެޗުން މޮޅުނުވެ ދިޔަ އެވެ.
“އާސެނަލަށް ކޯޗުކަން ކުރުމުގެ ފުރުސަތަކީ އަހަރެންނަށް ލިބުނު ނަސީބެއް. އެންމެ ދުވަހެއް ވެސް ނުދޭ އަހަރެން އެކަމާމެދު ނުވިސްނާ” ކޯޗުކަމުން ވަކިކުރުމުން ނެރުނު ބަޔާނެއްގައި އެމެރީ ބުންޏެވެ.
ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ އެޓީމާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އޮތްއިރު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ދާން އެޓީމަށް ނަތީޖާތައް ރަނގަޅުކުރަން ވަނީ މަޖުބޫރުވެފަ އެވެ.
“އާސެނަލްގެ ހެޑް ކޯޗަކަށް ހުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް. ހުރިހާ ސަޕޯޓަރުންނަށް އަހަރެންގެ ހިތުގެ އަޑިން ޝުކުރު އަދާކުރަން އާސެނަލްގެ މުހިއްމުކަން އިހުސާސްކޮށްދިނީތީ” އުމުރުން 48 އަހަރުގެ ސްޕެއިނަށް އުފަން ކޯޗު ބުންޏެވެ.
އެމެރީ މަގާމުން ވަކިކުރުމަށް އާސެނަލުން ހާމަކުރި ސަބަބަކީ ނަތީޖާތައް މާބޮޑަށް ދަށްވެ ކްލަބުން ބޭނުންވާ އަމާޒަށް ދިއުމުގައި ހުރަސްތަކެއް ކުރިމަތިވުމެވެ. އާސެނަލަށް އިރުޝާދު ދިނުމުގެ ކުރިން އެމެރީ ވަނީ ފްރާންސްގެ ޕީއެސްޖީ ގައި ފްރެންޗް ލީޗު ކާމިޔާބުކުރުމުގެ އިތުރުން ޖެހިޖެހިގެން ތިން ސީޒަނުގައި ސްޕެއިންގެ ސެވިއްޔާއަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ.
“މެޗަށް ފަހު އަހަރެންނާ ސަލާންކުރަން ވިއްސާރައިގައި އަދި ގަދަ ފިނީގައި ދަނޑުގެ އެކި ހިސާބުތަކުގައި ތިބި ސަޕޯޓަރުންނަށް އަހަރެން ބުނެލަން އޮތީ އާސެނަލްގައި ހުރެ ނަތީޖާތައް ރަނގަޅުކުރަން އަހަރެން ވަރަށް ބޮޑަށް ބޭނުންވިކަން. އެނޫން އެއްވެސް ކަމެއް އަހަރެން ސަޕޯޓަރުންނަށްޓަކައި އާސެނަލަށް ކޮށްދޭން ބޭނުމެއް ނުވި” ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން އެމެރީ ބުންޏެވެ.
މީގެ 18 މަސް ކުރިން އާސެނަލަށް ބަދަލުވުމަށް ފަހު އެމެރީ ވަނީ ފުރަތަމަ ސީޒަނުގައި އެ ކްލަބާއެކު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށް ލީގުގެ ފަސް ވަނަ ހޯދައިފަ އެވެ. އެމެރީގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އެޓީމަށް ނުލިބުނު ނަމަވެސް ކްލަބުން އެމެރީ އިތުރު ސީޒަނެއް ދިނީ ނަތީޖާތައް އިތުރަށް ރަނގަޅުކޮށް ތައްޓަށް ވާދަކުރުމަށެވެ. މިދިޔަ ހަތް މެޗުން އާސެނަލަށް މޮޅެއް ނުލިބުނުއިރު ޔޫރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރަކް ފްރެންފާޓް އަތުން އެޓީމު ވަނީ 2-1 އިން ބަލިވެފަ އެވެ.
އާ ސީޒަނަށް އެ ކްލަބުން ތައްޔާރުވީ 130 މިލިއަން ޕައުންޑް ހަރަދުކޮށް ޓީމު އިތުރަށް ވަރުގަދަކޮށްގެންނެވެ. ސީޒަނަށް އެޓީމުން ވަނީ ފްރާންސްގެ ލިލްގައި މޮޅު ކުޅުމެއް ދެއްކި އައިވަރީ ކޯސްޓުގެ ފޯވާޑް ނިކޮލަސް ޕެޕޭ އާއި ޗެލްސީއަށް ކުޅުނު ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އިތުރުން ސެލްޓިކަށް ކުޅުނު ޒުވާން ލެފްޓް ބެކް ކިއެރަން ޓިއާނޭ ގެނެސްފަ އެވެ. އަދި، ބްރެޒިލްގެ 18 އަހަރުގެ ފޯވާޑް ގެބްރިއެލް މާޓިނެލީ ވެސް އެމެރީ ވަނީ މި ސީޒަނުގެ ޓީމަށް އިތުރުކޮށްފަ އެވެ. މި ކުޅުންތެރިންގެ އިތުރުން ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޑެނީ ސަބާޔޯސް ވަނީ ރެއާލް މެޑްރިޑުން ލޯނު އެއްބަސްވުމެއްގައި އާސެނަލަށް ބަދަލުވެފަ އެވެ. ސީޒަނުގެ ފުރަތަމަ 11 މެޗުގެ ތެރެއިން އެއް މެޗުން ބަލިވި ނަމަވެސް ފަހުން ފެނުނީ އެޓީމަށް މޮޅެއް ހޯދަން އުނދަގޫވިތަނެވެ. އެ ކްލަބަށް އެންމެ ފަހުން މޮޅެއް ލިބުނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި ބޯންމައުތާ ވާދަކުރި މެޗުންނެވެ.
“އެންމެނަށް ވެސް ބުނެލަން ބޭނުންވަނީ އަހަރެން އާސެނަލްގައި މަސައްކަތްކުރީ ވަރަށް ގަޔާވެ، ޝައުގުވެރިކަމާއި ހިތްވަވަރާ އެކު އޭ. މިދިޔަ ދޮޅު އަހަރަކީ އަހަރެންނަށް ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ދުވަސްތަކެއް” އެމެރީ ބުންޏެވެ.
ކޯޗުކަމުން އެމެރީ ވަކިކުރުމަށް ފަހު އާސެނަލުން ވަނީ އެ ކްލަބުގެ ކުރީގެ މިޑްފީލްޑަރު ފްރެޑީ ލިއުންބާގް ވަގުތީ ގޮތުން ކޯޗުގެ މަގާމަށް ހަމަޖައްސައިފަ އެވެ. ލިއުމްބާގް ވަގުތީގޮތުން ކޯޗަކަށް ހަމަޖައްސައި އެ ކްލަބުން އަންނަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އާސެނަލުން ޝައުގުވެރިވާ ކޯޗުންގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް އިން މީގެ ދުވަސްކޮޅެއް ކުރިން ވަކިކުރި މައުރީސިއޯ ޕޮޗެޓީނޯ އާއި މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓް ކޯޗު މިކެލް އާޓެޓާ އާއި މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލި މަސިމިލިއާނޯ އެލެގްރީ އަދި ބޯންމައުތުގެ ކޯޗު އެޑީ ހޯވް ހިމެނެ އެވެ.
އާސެނަލްގެ އެންމެ ކާމިޔާބު ދުވަސްވަރު އެ ކްލަބުގެ މެދުތެރެ ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ލިއުންބާގްގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު ރަށުން ބޭރުގައި ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.
Advertisement
Leave a Reply