ފަބީނިއޯ އަށް އަނިޔާވެ ލިވަޕޫލަށް ބޮޑު ގެއްލުމެއް

Advertisement

ފަބީނިއޯ އަށް އަނިޔާވެ ލިވަޕޫލަށް ބޮޑު ގެއްލުމެއް

ޢަލީ ޝަހީމް

ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ފަބީނިއޯގެ ކުޑަހުޅަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާންޖެހި ލިވަޕޫލަށް ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅެ ލިވަޕޫލް އެއްވަރުވި މެޗުގައި އަނިޔާވުމުގެ ސަބަބުން 19 ވަނަ މިނެޓުގައި ފަބީނިއޯ ވަނީ ބަދަލުކޮށްފަ އެވެ.

އެ މެޗަށް ފަހު މީޑީއާއާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފަބީނިއޯ އަށް ވީ އަނިޔާގެ ތަފްސީލު ނޭނގޭ ކަމަށާއި އެކަމަކު އުއްމީދުކުރަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ނުޖެހޭނެ ކަމަށެވެ. ފަބީނިއޯގެ ޓެސްޓުތަކުން ދައްކާގޮތުގައި ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން ހަތަރެއް ނޫނީ ހަ ހަފްތާގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ އެވެ. އެހެންވެ އަންނަ ޑިސެމްބަރުގެ ނިޔަލަށް ފަބީނިއޯ އަށް މެޗެއް ކުޅެވޭނެ ކަމަކަށް ނުބެލެވެ އެވެ.

Advertisement

ފަބީނިއޯ އަށް އަނިޔާވިއިރު ލިވަޕޫލަށް ކުރިއަށް އޮތީ ބިޒީ ޝެޑިއުލެކެވެ. ކުރިއަށް އޮތް 34 ދުވަހު އެޓީމުން 11 މެޗުން ކުޅެން ޖެހޭއިރު އޭގެ ތެރޭގައި ލީގު މެޗުތަކާއި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގެ އިތުރުން ލީގު ކަޕްގެ ކުއާޓާ ފައިނަލް އަދި ކްލަބް ވޯލްޑް ކަޕްގެ ދެ މެޗު ހިމެނެ އެވެ. މުހިއްމު ދުވަސްވަރެއްގައި ފަބީނިއޯ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުމުން ކްލޮޕް ވަނީ އެކަމާ ހިތާމަކުރާކަމަށް ބުނެފަ އެވެ.

“ފަބީނިއޯ ފެންވަރުގެ ކުޅުންތެރިއަކު ނެތުމަކީ ވަރަށް ދެރަ ހަބަރެއް. ކްރިސްމަސްގައި ކުޅޭ މެޗުތަކުގައި ވެސް ފަބީނިއޯ އަށް ކުޅެވޭނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަމެއް ނެތް” ގޭމް ޕްލޭންގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުމުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އޭނާއަށް އޮތީ ފަބީނިއޯގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ބޭނުންކުރުން ކަމަށާއި އެންމެ މުހިއްމީ ރަނގަޅު ފަރުވާއެއް ހޯދައި ވީ އެންމެ އަވަހަކަށް ފަބީނިއޯ އަލުން ކުޅުމުގެ ތެރެއަށް އައުން ކަމަށެވެ.

“ފަބީނިއޯ އަންނަންދެން އަހަރެމެން ޖެހޭނެ ހައްލު ހޯދަން. އަހަރެމެން އެކަންޏެއް ނޫން ކުޅުންތެރިންނަށް އަނިޔާވެ އުނދަގުލާ ކުރިމަތިލާން ޖެހެނީ. މިކަމާ މި ޓީމުން ކުރިމަތިލާނެ” ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ފަސް މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުގައި ކްލޮޕް ވަނީ ފަބީނިއޯ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މި 18 މެޗުގެ ތެރެއިން ފަބީނިއޯ ފުރަތަމަ އެގާރައިގައި ނުހިމަނާ ހަމައެކަނި މެޗަކީ ލީގުގައި ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ފަބީނިއޯ ފުރަތަމަ އެގާރައިގައި ކްލޮޕް ނުހިމެނީ މެޗުގައި އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި ނަމަ މެންޗެސްޓަރ ސިޓީއާ ކުޅެން މެޗަށް ސަސްޕެންޑް ވެދާނެތީ އެވެ. އިނގިރޭސި ލީގުގެ ގަވާއިދު ބުނާގޮތުން ފަސް ރީނދޫ ކާޑަށް ފަހު ޖެހިގެން އަންނަ މެޗު ގެއްލޭނެ އެވެ. ސިޓީ މެޗުގައި ފަބީނިއޯ ކުޅުނު ނަމަވެސް މިދިޔަ ހަފްތާ ރަށުން ބޭރުގައި ކްރިސްޓަލް ޕެލޭސް އަތުން 2-1 އިން ލިވަޕޫލް މޮޅުވި މެޗުގައި ރީނދޫ ކާޑު ދެއްކުމުން މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗަށް ފަބީނިއޯ ހުރީ ސަސްޕެންޑް ވެފަ އެވެ.

ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ފަބީނިއޯ އަށް ކުރިއަށް ނުގެންދެވި ބަދަލުކުރަން ޖެހުމުން ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ވަނީ ދިގު މުއްދަތަކަށް ފަބީނިއޯ ނުލައި ކުޅެން ޖެހުމަކީ ލިވަޕޫލަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ބުނެފަ އެވެ. ބީބީސީގެ އެނަލިސްޓް އަދި ކުރީގެ ލިވަޕޫލް ޑިފެންޑަރު މާކް ލޯރެންސް ޗެމްޕިއަންސް ލީގުގެ މެޗަށް ފަހު ބުނީ ލިވަޕޫލްގެ މެދުތެރޭގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެހެން ކުޅުންތެރިއަކަށް ފަބީނިއޯގެ ރޯލު އަދާނުކުރެވޭނެ ކަމަށެވެ.

“އަހަރެންގެ ނަޒަރުގައި މެދުތެރެއިން ފަބީނިއޯގެ ރޯލު އަދާކުރެވޭނެ އެހެން ކުޅުންތެރިއެއް އެޓީމަކު ނެތް. މެޗެއްގައި އެ މަގާމުގައި ހުރެގެން ކުރަންޖެހޭ ހުރިހާ ކަމެއް ފަބީނިއޯ ކުރޭ. މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ފަބީނިއޯ. ޔަގީނުން ވެސް ލިވަޕޫލްގަ އެންމެ މޮޅީ އޭނަ. ފަބީނިއޯ ނެތްތައް ފޫބައްދަން ލިވަޕޫލަށް ގޮންޖެހުމަކަށް ވާނެ” ފުޓްބޯޅަ އެނަލިސްޓް ލޯރެންސް ބުންޏެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކު އެވެ. ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުގައި އެޓީމު ބަލިވެފައިނުވާއިރު ޕޮއިންޓް ގެއްލުނީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގަ އެވެ.

ލިވަޕޫލާ ބްރައިޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *