ސައުތު އޭޝިއަން ގޭމްސް/ވޮލީބޯލް: ލަންކާ އަތުން ވެސް ބަލިވެ ފިރިހެން ޓީމު ކަޓައިފި

Advertisement

ސައުތު އޭޝިއަން ގޭމްސް/ވޮލީބޯލް: ލަންކާ އަތުން ވެސް ބަލިވެ ފިރިހެން ޓީމު ކަޓައިފި

ޢަލީ
މިދިޔަ އޮގަސްޓް މަހު މާލޭގައި ލަންކާއާ ދެކޮޅަށް ފިރިހެން ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން. - ފޮޓޯ: ނިޝާން އަލީ / މިހާރު:

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މިއަދު ސްރީ ލަންކާއާ ވާދަކުރި މެޗުން ބަލިވެ ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމް މުބާރާތުން ކަޓައިފި އެވެ. މޮޅުވާން މަޖުބޫރު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ރާއްޖޭގެ ޓީމު ވަނީ 3-0 އިން ބަލިވެފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ބަލިވީ 3-0 އިންނެވެ.

ރާއްޖެ ގަޑިން 18:15 ގައި ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި ކުޅުނު މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-18، 25-23 އަދި 25-17 އިންނެވެ. ފުރަތަމަ މެޗުގައި އިއްޔެ ޕާކިސްތާން އަތުން ފިރިހެން ޓީމު ބަލިވީ 25-16، 25-23 އަދި 25-15 އިންނެވެ.

Advertisement

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ފަސޭހައިން ގެންދިޔަ ނަމަވެސް ދެ ވަނަ ސެޓުގައި ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައި ސެޓު ކާމިޔާބު ކުރުމާ ގާތަށް ޖެހިލާފަ އެވެ. ދެ ވަނަ ސެޓު 23-23 އިން އެއްވަރުވެފައިވަނިކޮށް ލަންކާއިން ސެޓު ކާމިޔާބުކުރީ ފަހު ދެ ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު ލަންކާއަށް މެޗު ކާމިޔާބުކުރެވުނު ސެޓު ގެންދިޔަ ޕޮއިންޓް ރެފްރީ ދިން ގޮތުން ރާއްޖޭގެ ޓީމުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ. ލަންކާގެ ކުޅުންތެރިއަކު ކުރި ސާވިސް ރާއްޖޭގެ ކުޅުންތެރިޔާ ޖެއްސިތަނާ މެޗުގެ ރެފްރީ ވަނީ ކެރީ ކުރި ބޯޅައެއް ކަމަށް ބަލައި ލަންކާއަށް ޕޮއިންޓް ދީފަ އެވެ. ރެފްރީގެ ނިންމުމާއެކު ރާއްޖެއަށް ސެޓު ގެއްލުމުން ކޯޗު މިލޮރަޑް ކިޔާޗް އާއި ރާއްޖޭގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ.

ފުރަތަމަ ދެ ސެޓު ކާމިޔާބު ނުކުރެވުނު ނަމަވެސް ތިން ވަނަ ސެޓު ފަށައި ރާއްޖޭން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ލީޑުގައި ހިފަހައްޓާނުލެވި އުޅެނިކޮށް ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓް ނިމުނުއިރު ލަންކާއިން ވަނީ 8-6 އިން ލީޑު ނަގައިފަ އެވެ. ސެޓުގައި ދެން ފެނުނީ ލަންކާއިން އިތުބާރާއެކު ކުޅެ ރާއްޖޭގެ މައްޗަށް ފަސޭހައިން ޕޮއިންޓް ކާމިޔާބުކުރަމުން ދިޔަތަނެވެ. މި ސެޓުގެ ދެ ވަނަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު ލަންކާ ކުރީގައި އޮތީ 16-10 އިންނެވެ. މެޗުގެ ބާކީ ބައިގައި ރާއްޖޭގެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު ލަންކާއިން ވަނީ 25-17 އިން ސެޓު ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕުން ލަންކާ އާއި ޕާކިސްތާން ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު އެއް ވަނަ ޓީމު ކަށަވަރުވާނީ މި ދެޓީމު މާދަމާ ވާދަކުރާ މެޗަށް ފަހު އެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ވޮލީގެ ފޯރި އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ލަންކާއާ ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފަ އެވެ. އޮގަސްޓް މަހުގެ ކުރީކޮޅު ވަރުގަދަ ޓީމަކާއެކު ރާއްޖެ ދިޔަ ލަންކާއިން ވަނީ އެފަހަރު ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ފިރިހެން ޓީމު މުބާރާތުން ކެޓި ނަމަވެސް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަންހެން ޓީމަށް ސެމީން ފުރުސަތު ލިބުނީ ގްރޫޕް ބީގައި ހިމެނޭ ޕާކިސްތާން އަންހެން ޓީމު މުބާރާތުން ވަކިވުމުން އޮޓަމެޓިކުންނެވެ. ގްރޫޕް ބީގެ އެއް ވަނަ ކަނޑައަޅަން މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ އަންހެން ޓީމު ވަނީ 3-0 އިން ބަލިވެފަ އެވެ. ސެމީ ފައިނަލުގައި އަންހެން ޓީމު ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. ގްރޫޕް އޭގެ އެއް ވަނަ އިންޑިއާ ހޯދީ ފަސޭހަކަމާއެކު މުބާރާތް ބާއްވާ ނޭޕާލް އަދި ބަންގްލަދޭޝް ބަލިކޮށްގެންނެވެ. މި ގްރޫޕުން ސެމީގެ ދެ ވަނަ ޖާގަ ކަށަވަރުކުރީ ނޭޕާލް ޓީމެވެ. ނޭޕާލް އަންހެން ޓީމު ސެމީގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ރާއްޖޭގެ އަންހެން ވޮލީ ޓީމް އިންޑިއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 4:15 ގަ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅައިގެ އިވެންޓް މިދިޔަ ބުދަ ދުވަހު ފެށިއިރު ރަސްމީކޮށް ގޭމްސް ފެށުން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. މި އަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް އޮންނައިރު ރާއްޖޭން ވާދަކުރަނީ 11 ކުޅިވަރެއްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *