ސައުތު އޭޝިއަން ގޭމްސް/ވޮލީބޯލް: ލަންކާ އަތުން ބަލިވުމުން އަންހެން ޓީމަށް ދެ ވަނަ

Advertisement

ސައުތު އޭޝިއަން ގޭމްސް/ވޮލީބޯލް: ލަންކާ އަތުން ބަލިވުމުން އަންހެން ޓީމަށް ދެ ވަނަ

ޢަލީ
ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯލް ޓީމް މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި - ފޮޓޯ: އެމްއޯސީ

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގައި މިއަދު މެންދުރުފަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމަށް ގްރޫޕް ބީގެ ދެ ވަނަ ލިބިއްޖެ އެވެ. މި ގްރޫޕުގައި ހިމެނޭ ޕާކިސްތާން އަންހެން ވޮލީ ޓީމުން މުބާރާތުން ވަކިވުމުން ލަންކާ އާއި ރާއްޖެއަށް ވަނީ ސެމީ ފައިނަލުގެ ސީދާ ޖާގައެއް ލިބިފަ އެވެ. މިއަދުގެ މެޗުން ލަންކާ މޮޅުވުމުން ސެމީ ފައިނަލަށް އެގައުމު ހޮވުނީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖެ ސެމީގައި ވާދަކުރާނީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

އަންހެން ވޮލީބޯޅައިގެ ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި، އިންޑިއާ އަދި ބަންގްލަދޭޝް އެވެ. މި ގްރޫޕުގެ ދެ މެޗުން މޮޅުވެ އިންޑިއާ އެއް ވަނަ ހޯދިއިރު ދެ ވަނަ ޓީމަކީ ނޭޕާލެވެ. ފުރަތަމަ ސެމީ ފައިނަލުގައި އިންޑިއާ އާއި ރާއްޖެ ވާދަކުރާއިރު ދެ ވަނަ ސެމީގައި ނޭޕާލް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.

ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި މިއަދު ލަންކާއާ ކުޅުނު މެޗުން ރާއްޖެ ބަލިވީ 25-15، 25-18 އަދި 25-14 އިންނެވެ. ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ވަނީ މިދިޔަ މަހު ބަންގްލަދޭޝްގައި އޮތް އޭވީސީ ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކޮށް ރިހި މެޑަލް ހޯދާފަ އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅުނު މެޗުގެ ތެރެއިން. – ފޮޓޯ: އެމްއޯސީ

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރިކޮށް ދިޔައިރު ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓުގައި 8-5 އިން ކުރީގައި އޮތީ ލަންކާ އެވެ. ޓެކްނިކަލް ޓައިމްއައުޓަށް ފަހު ރާއްޖޭގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 10-9 އިން ފުރަތަމަ ފަހަރަށް ސެޓުގައި ލީޑު ނަގައިފަ އެވެ. އެކަމަކު އޭގެފަހުން ފެނުނީ ލަންކާއިން ކުޅުން ވަރުގަދަކޮށް ގިނަ ޕޮއިންޓްތަކެއް ކާމިޔާބުކުރިތަނެވެ. މި ސެޓުގެ ދެ ވަނަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު ލަންކާ އޮތީ 16-12 އިން ކުރީގަ އެވެ. ސެޓުގެ ބާކީ ބައިގައި ފެނުނީ ލަންކާއިން ފުލުފުލުގައި ޕޮއިންޓް ހޯދައި 25-15 އިން ސެޓް ގެންދިޔަތަނެވެ.

ފުރަތަމަ ސެޓު އަތުން ދޫވި ނަމަވެސް ރާއްޖޭން ދެ ވަނަ ސެޓު ފެށީ ވަރުގަދަކޮށެވެ. މި ސެޓުގައި ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓާ ހަމައަށް މޮޅު ކުޅުމެއް ދައްކައި ރާއްޖޭން 8-6 އިން ލީޑު ނެގި އެވެ. އެކަމަކު އަނެއްކާވެސް ފެނުނީ މަޑުމަޑުން ލަންކާއިން ގޭމު ތެރެއަށް ވަދެ ލީޑު ނަގައި ހަމަޖެހިލި ތަނެވެ. މި ސެޓުގައި ލަންކާއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 10-9 އިންނެވެ. އޭގެ ފަހުން ރާއްޖެއަށް އިތުރަށް ޕްރެޝަރުކޮށް ދެ ވަނަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު ލަންކާއިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ސެޓެކޭ އެއްގޮތަށް މި ސެޓުގައި ވެސް ފަހުކޮޅު ލަންކާއިން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑަކާއެކު ސެޓު ގެންގޮސްފަ އެވެ. މި ސެޓުގެ ފަހު ބައިގައި ރާއްޖޭގެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު ލަންކާއިން ސެޓު ގެންދިޔައީ 25-18 އިންނެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ ޝައްފަ އުފާފާޅުކުރަނީ. – ފޮޓޯ: އެމްއޯސީ

ފަހު ސެޓަށް ލަންކާއިން އިތުބާރާއެކު ނުކުތްއިރު ރާއްޖޭގެ ޓީމުގެ ފަރާތުން ފުރަތަމަ ދެ ސެޓުގައި ފެނުނު ޖޯޝެއް ނުފެނުނެވެ. ސެޓު ފަށައިގެން ނިމުމާ ހަމައަށް ލަންކާއިން ވަނީ މޮޅަށް ކުޅޭ ރާއްޖޭގެ މައްޗައް ބޮޑު ލީޑެއް ނަގައިފަ އެވެ. މި ސެޓުގެ ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު ލަންކާ ކުރީގައި އޮތީ 8-4 އިންނެވެ. އޭގެފަހުން ދެ ވަނަ ޓެކްނިކަލް ޓައިމްއައުޓާ ހަމައަށް ދިޔައިރު ރާއްޖެއަށް ލިބުނީ ތިން ޕޮއިންޓެވެ. ލަންކާއިން އިތުބާރާއެކު ކުޅެ ވަނަ ޓެކްނިކަލް ޓައިމްއައުޓްގައި އޮތީ ނުވަ ޕޮއިންޓް ކުރީގަ އެވެ. ސެޓުގެ ފަހު ކޮޅު ރާއްޖޭން ކޮންމެވެސް ވަރަކަށް ޕޮއިންޓް ހޯދި ނަމަވެސް ލަންކާއިން ވަނީ 25-14 އިން މޮޅުވެފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މާދަމާ ހަވީރު އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:15 ގަ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި ނޭޕާލާ ލަންކާ ވާދަކުރާ މެޗު ފަށާނީ 6:15 ގަ އެވެ. މުބާރާތުގެ އަންހެން އިވެންޓުގެ ތިން ވަނަ ހޮވާ މެޗު ހޯމަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

ސައުތު އޭޝިއަން ގޭމްސްގައި މިއަދު އިރުއޮއްސި 6:15 ގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމް ލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ފިރިހެން ޓީމު ވަނީ ސީދާ ތިން ސެޓުން ޕާކިސްތާން އަތުން ބަލިވެފަ އެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން ރާއްޖޭގެ ޓީމަށް މިއަދު ލަންކާ ބަލިކުރަން މަޖުބޫރުވާނެ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅައިގެ އިވެންޓް މިދިޔަ ބުދަ ދުވަހު ފެށިއިރު ރަސްމީކޮށް ގޭމްސް ފެށުން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. މި އަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް އޮންނައިރު ރާއްޖޭން ވާދަކުރަނީ 11 ކުޅިވަރެއްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *