ލެވަންޑޯސްކީ ތަފާތު ފޯމެއްގައި، މެސީގެ ރެކޯޑް މުގުރާލެވޭނެތަ؟
ޔޫރަޕްގެ އާ ސީޒަން ފެށިގެން ގާތްގަނޑަކަށް ތިން މަސް ދުވަސް ފާއިތުވެގެންދިޔަ އިރު ވަކިވަކި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ އެކަކީ ޖަރުމަނުގެ ބަތާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަޔާން މިޔުނިކުން ސާބިއާގެ ރެޑް ސްޓާ ބަލްގްރޭޑް އާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗްގައި 14 މިނެޓާއި 31 ސިކުންތު ތެރޭ ހަތަރު ގޯލް ޖަހައިގެން ޗެމްޕިއަންސް ލީގު މެޗެއްގައި އެންމެ އަވަހަށް ހަތަރު ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ލެވަންޑޯސްކީ ވަނީ ހޯދައިފައެވެ. މި ސީޒަންގައި މިހާތަނަށް ލެވަންޑޯސްކީ 20 މެޗް ކުޅެފައިވާއިރު އޭނާ ވަނީ 27 ގޯލް ޖަހައިފައެވެ.
ލެވަންޑޯސްކީގެ ގޯލްޖެހުމުގެ އިތުރު ރެކޯޑްތަކަށް ބަލާއިރު މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން އޮކްޓޯބަރު މަހާއި ހަމައަށް ބަޔާން މިއުނިކުން ކުޅުނު 13 މެޗްގައިވެސް އޭނާ ވަނީ ގޯލް ޖަހައިފައެވެ. މިދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު ކުޅުނު ޖާމަން ސުޕަރ ކަޕްގައި ލެވަންޑޯސްކީގެ ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަޔާން މިޔުނިކް ބަލިވި މެޗަށްފަހު ބަޔާނުން މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން ލެވަންޑޯސްކީ އަށް ގޯލެއް ކާމިޔާބުނުކުރެވި ދިޔައީ އެންމެ މެޗެއްގައެވެ.
ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގަށް ބަލާއިރު މިހާތަނަށް މި ސީޒަންގައި އެންމެ ގިނަ ގޯލް ޖަހައިފައިވަނީ ވެސް ލެވަންޑޯސްކީ އެވެ. އޭނާ ޖެހި ގޯލްގެ އަދަދާ އެންމެ ގާތްކުރާ ކުޅުންތެރިޔާ ކަމަށްވާ އިޓަލީގެ ލާޒިއޯ އަށް ކުޅެމުން އަންނަ ސިރޯ އިމޯބައިލް އަށްވެސް އަދި އުޅެނީ ދިހަ ގޯލް ފަހަތުގައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ރެޑް ސްޓާ ބަލްގްރޭޑް ކޮޅަށް ހަތަރު ލަނޑު ޖެހި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ލެވަންޑސްކީ ބުނެފައިވަނީ ލަނޑުޖެހުމަކީ އޭނާ ދެވިހިފާފައި ހުރި ކަމެއް ކަމަކަށެވެ.
އާ ސީޒަން ފެށިގެން އަދި ޑިސެމްބަރު މަހާ ހަމައަށްވެސް ނުގޮސް އުޅެނިކޮށް އުމުރުން 31 އަހަރުގެ ލެވަންޑޯސްކީ މިވަނީ އޭނާ އެންމެ ގިނައިން ގޯލްޖެހި ސީޒަން ކަމަށްވާ 2016 ވަނަ އަހަރުގެ ސީޒަންގައި ޖެހި 43 ގޯލްގެ އަދަދާއި ހަމަކުރުމާށއި ގާތަށް އައިސްފައެވެ. އެކަމަކު މި ސީޒަންގައި އޭނާ ދައްކަމުން އަންނަ ކުޅުމާއި، މިހާރު އޭނާ ހުރި ފޯމަށް ބަލާއިރު 2011 ވަނަ އަހަރުގެ ސީޒަންގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ 73 ގޯލް ޖަހައިގެން ހަދައިފައިވާ ރެކޯޑް މުގުރާލުމަށް އަމާޒު ހިފުމަކީ އެކަށީގެންވާ ކަމެކެވެ. އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް 2011 ވަނަ އަހަރުގެ ސީޒަންގައި މެސީ ހެދި އިރު އެ ސީޒަންގެ މިހާ ހިސާބަށް އައިއިރު މެސީ އަށް ޖެހިފައި އޮތީ 25 ގޯލެވެ. އެއީ މިސީޒަންގައި މިހާތަނަށް ލެވަންޑޯސްކީ ޖަހައިފައިވާ ގޯލްގެ އަދަށްވުރެ ދެ ގޯލް މަދު އަދަދެކެވެ.
އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖަހައިގެން އާޖެންޓީނާގެ ލިއޮނަލް މެސީ 2011 ވަނަ އަހަރުގެ ސީޒަންގައި ރެކޯޑް ހެދިއިރު އެ ސީޒަންގައި މެސީ ކުޅެފައިވަނީ ޖުމްލަ 60 މެޗެވެ. އެސީޒަންގައި ބާސެލޯނާ އާއެކު ސްޕެނިޝް ކޮޕަ ޑެލް ރޭ އާއި ކްލަބް ވޯލްޑް ކަޕް މެސީ ކާމިޔާބުކުރި ނަމަވެސް އެފަހަރު ސްޕެނިޝް ލީގު ކާމިޔާބު ނުކުރެވުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޗެލްސީ އަތުން ބަލިވެ މުބާރާތުން ކެޓިއެވެ.
ބަޔާން މިއުނިކުން މިސީޒަންގައި ކުޅެން ހުރި މެޗްތަކަށް ބަލާއިރު ލީގުގައި އަދި ބާކީ 22 މެޗް ކުޅެން އެބަ އޮތެވެ. ފައިނަލާ ހަމައަށް ދެވޭ ގޮތް ވެއްޖެނަމަ ޖާމަން ކަޕްގެ ހަ މެޗްވެސް އަދި އޮތީއެވެ. ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދަތުރު ކުރެވޭ ގޮތް ވެއްޖެ ނަމަ އަށް މެޗް އަދި އިތުރު ވާނެއެވެ. އެއާއެކު ލެވަންޑޯސްކީ އަށް ކުޅެން މި ސީޒަންގައި ލިބޭ މެޗްތަކުގެ އަދަދު 56 އަށް އަރާނެއެވެ. އެހެން ކަމުން ބަޔާން މިޔުނިކަށް މުބާރާތްތަކުގައި އެންމެ ކުރިއަށް ދެވޭ ހާލަތެއްގައި ލެވަންޑޯސްކީ އަށް އޮތް ޓާގެޓަކީ ކުރިއަށް އޮތް 36 މެޗުން 46 ގޯލް ކާމިޔާބުކުރުމެވެ. މިއީ މެޗަކަށް 1.28 ގޯލެވެ. މި ސީޒަންގައި އޭނާގެ ލަނޑުޖެހުމުގެ ރޭޡޓް ހުރީ 1.35 ގައެވެ.
“ޔޫރަޕްގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިއަކަށްވުރެ ގިނައިން އޭނާ ގޯލަށް ޝޫޓްކުރޭ. އޭނާއަކީ ބަޔާންގެ އެޓޭކިންގް ފޯސްގެ އެންމެ މުހިއްމު މީހާ ކަމަށްވާއިރު އޭނާ ޔަގީނުންވެސް ގިނަ ގޯލްތަކެއް ޖަހާނެ. އޭނާ މިހާތަނަށް ޖަހައިފައިވާ ގޯލްގެ އަދަދަކީ އާދަޔާ ހިލާފު އަދަދެއް. އެކަމަކު 73 ލަނޑު ޖަހައިގެން މެސީ ހެދި ރެކޯޑާ ހަމައެއް ނުކުރެވޭނެ.” ޔޫރަޕްގެ ފުޓްބޯޅައިގެ އެކްސްޕާޓެއް ކަމަށްވާ ގުލިއަން ބެލޭ ބީބީސީ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ކޮންމެއަކަސް ލެވަންޑޯސްކީ އަށް މެސީގެ ރެކޯޑާ ހަމަކުރުން އެންމެ ބޮޑަށް ބިނާވެފައި އޮތްކަމަށް ބެލެވެނީ ބަޔާން މިއުނިކަށް މި ސީޒަންގައި ނަތީޖާ ނެރެވޭ މިންވަރަކަށެވެ. މިދިޔަ ސީޒަންގެ ބުންޑަސް ލީގާގެ ޗެމްޕިއަންކަން ހޯދި ބަޔާން މިޔުނިކް މި ސީޒަންގައި މިވަގުތު އޮތީ ލީގުގެ ތިން ވަނައިގައެވެ. މިހާތަނަށް ލީގުގައި ބަޔާން މިއުނިކުން 12 މެޗް ކުޅުނު އިރު އެޓީމަށް ކާމިޔާބުކުރެވިފައިވަނީ ހަތް މެޗެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މިހާތަނަށް ބަޔާނުން ކުޅުނު ފަސް މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ވާގޮތެއް ބަލަން ތިބެމާ ހިގާށެވެ.
Advertisement
Leave a Reply