ސައުތު އޭޝިއަން ގޭމްސް: އިންޑިއާ ފިރިހެން ފުޓްބޯޅަ ޓީމް މުބާރާތުން ވަކިވުމުން ފޯމެޓަށް ބަދަލުގެނެސްފި

Advertisement

ސައުތު އޭޝިއަން ގޭމްސް: އިންޑިއާ ފިރިހެން ފުޓްބޯޅަ ޓީމް މުބާރާތުން ވަކިވުމުން ފޯމެޓަށް ބަދަލުގެނެސްފި

ޢަބްދުﷲ އަޝްރަފް
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި އިންޑިއާ ވާދަނުކުރަން ނިންމުމުން މުބާރާތުގައި މިހާރު ވާދަކުރާ ފަސް ގައުމުގެ މެދުގައި ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ މެޗުތައް ކެންސަލް ކޮށް ލީގު ބުރަށް ބަދަލުކޮށްފި އެވެ. ފަސް ގައުމާއެކު ކުރިއަށްގެންދާ ލީގު ބުރަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ކުރި ހޯދާ ދެ ގައުމެވެ.

މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންދިޔައިރު އިންޑިއާ އާއި ސްރީ ލަންކާއާ އެކު ރާއްޖެ ހިމެނުނީ ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނުނީ ނޭޕާލާއި، ބަންގްލަދޭޝް އަދި ބޫޓާނެވެ. އެހެންނަމަވެސް އިންޑިއާ ވަކިވުމުން ގްރޫޕް ސްޓޭޖުގެ މެޗުތައް މަދުވެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ލީގު ބުރެއް ކުޅެން ނިންމައި އާ ޝެޑިއުލެއް އާއްމުކޮށްފަ އެވެ.

Advertisement

މިހާރު އާއްމުކޮށްފައިވާ ޝެޑިއުލުގައި ވާގޮތުން ކޮންމެ ގައުމެއް ކޮންމެ ގައުމަކާ ވާދަކުރާ ގޮތަށް ލީގު ބުރު ކުރިއަށްދާނީ ޑިސެމްބަރު ދެ ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު އަށް ވަނަ ދުވަހާއި ހަމައަށެވެ. ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ގައުމުގެ މެދުގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ގަޑިން ހަވީރު 4:15 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ހަމަ އެގަޑީގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ މެޗުގައި ޑިސެމްބަރު ފަސް ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 12:15 ގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ޑިސެމްބަރު ހަ ވަނަ ދުވަހު ރާއްޖޭގެ ޓީމު ނުކުންނާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ އެދުވަހުގެ ހަވީރު ރާއްޖެ ގަޑިން 4:15 ގަ އެވެ.

ބަދަލުގެނެސްފައިވާ ޝެޑިއުލް

މިފަހަރުގެ ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. މީގެ އިތުރުން ސީނިއާ ތިން ކުޅުންތެރިން ހިމަނަން ލިބުނު ފުރުސަތުގައި ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ ހިމަނައިފަ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ މެޗުތައް ކުރިއަށްދާނީ ނޭޕާލުގެ ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގަ އެވެ. މިއީ 2015 ވަނަ އަހަރު ކަތުމަންޑޫއަށް އައި ބާރުގަދަ ބިންހެލުމުގައި ދަނޑަށް ބޮޑެތި ގެއްލުމެއް ލިބުމުން މަރާމާތަށް ފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މިހާރު އަންނަނީ ސްޓޭޑިއަމްގައި ނުނިމިހުރި މަސައްކަތްތައް ކުރަމުންނެވެ.

2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ ނޭޕާލެވެ. ދެ ވަނަ އިންޑިއާއަށް ލިބުނުއިރު ތިން ވަނަ ޓީމަކީ ބަންގްލަދޭޝް އެވެ. ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ 5-4 އިންނެވެ.

އިންޑިއާ ފިރިހެން ފުޓްބޯޅަ ޓީމް މުބާރާތުން ވަކިވި ނަމަވެސް އަންހެން ފުޓްބޯޅަ މުބާރާތުގައި އިންޑިއާއިން ވާދަކުރާނެ އެވެ. އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެ އާއި އިންޑިއާގެ އިތުރުން މުބާރާތް ބާއްވާ ނޭޕާލް އަދި ސްރީ ލަންކާ އެވެ. އަންހެން ފުޓްބޯޅަ މެޗުތައް ޑިސެމްބަރު ތިން ވަނަ ދުވަހު ފަށާއިރު ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަންހެން ފުޓްބޯޅަ މެޗުތައް ކުރިއަށްދާނީ ޕޮކަރާ ސިޓީގެ ޕްކަރާ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • މިއީ ހާދަ ފީކަޅާ ޝެޑިއުލެކޭދޯ؟ ވިދިވިދިގެން ދުވަސްތަކެއްގަވެސް އެބަޖެހޭ މެޗުތައް ކުޅެން. ހަގީގަތުގަ ފީފާގެ މުބާރާތްތަކުގެ ގަވާއިދާވެސް ޚިލާފުވެފަ މިއޮތީ ޝެޑިއުލް.