މެސީގެ 700 ވަނަ މެޗުން މޮޅުވެ ބާސެލޯނާ ދެ ވަނަ ބުރަށް

ލިއޮނަލް މެސީ ބާސެލޯނާއަށް ކުޅެދިން 700 ވަނަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 3-1 އިން ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ބާސެލޯނާ ޖާގަ ހޯދައިފި އެވެ. މެސީގެ ހާއްސަ މެޗުގައި ރޭ އޭނާ ވަނީ ގޯލެއް ޖަހައި އަނެއް ދެ ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.
މޮޅަކާއެކު ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރަން ނުކުތް ބާސެލޯނާއިން ރޭ ވަނީ ޑޯޓްމަންޑާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ސުއަރޭޒް ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ސުއަރޭޒް ގޯލު ޖެހިތާ ހަތަރު މިނެޓު ފަހުން ބާސެލޯނާއަށް ލީޑު ފުޅާކޮށްދިން ގޯލު ޖަހައިދިނީ މެސީ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި 114 ވަނަ ގޯލެވެ. އަދި، ބާސެލޯނާއަށް ކުޅެދިން 700 ވަނަ މެޗުގައި ކާމިޔާބުކުރި 613 ވަނަ ގޯލެވެ. ބާސެލޯނާއަށް ދެ ވަނަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިދިނީ މެސީގެ އެހީތެރިކަމާއެކު އޮންޓުއަން ގްރީޒްމަން އެވެ. ޑޯޓްމަންޑުން މެޗުގެ ފަރަގު ކުޑަކުރީ ޖޭޑޮން ސަންޗޯ ޖަހައިދިން ގޯލުންނެވެ.

ރޭގެ މެޗުގައި މެސީ ގޯލު ޖަހަނީ. އަނެއް ދެ ގޯލު ޖަހަން މަގުފަހިކޮށްދިނީ ވެސް މެސީ
ބާސެލޯނާ ހިމެނޭ ގްރޫޕް އެފްގައި ރޭ އިންޓަ މިލާން ވަނީ ރަށުން ބޭރުގައި ސްލާވިއާ ޕްރާހާ 3-1 އިން ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލައުޓާރޯ މާޓިނޭޒް ދެ ގޯލު ޖެހިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ކްލަބާއި ގައުމަށް ލުކާކޫ ފުޓްބޯޅަ ކެރިއަރުގައި ޖަހައިދިން 250 ވަނަ ގޯލެވެ. ސްލާވިއާގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތޯމަސް ސޯސެކް އެވެ.
ބާކީ މެޗެއް އޮއްވައި ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި ބާސެލޯނާ ދެ ވަނަ ބުރަށް ދަތުރުކުރީ ފަސް މެޗުން ހޯދި 11 ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތް އިންޓަ އާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އިންޓަ އަށް ތިން ވަނަ ލިބެނީ ހެޑް ޓު ހެޑް އުސޫލުން ޑޯޓްމަންޑަށް ވުރެ ކުރި ލިބިގެންނެވެ. ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ސްލާވިއާ އަށް ދެ ވަނަ ބުރުގެ އިތުރުން ޔޫރޮޕާ ލީގަށް ދިއުމުގެ ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ. މި ގްރޫޕުގެ ފަހު މެޗުތަކުގައި ބާސެލޯނާ އާއި އިންޓަ ވާދަކުރާއިރު ޑޯޓްމަންޓް ނުކުންނާނީ ސްލާވިއާއާ ދެކޮޅަށެވެ.
ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް ރޭ އިޓަލީގެ ނަޕޯލީއާ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ދެ ވަނަ ބުރަށް ދިއުމަށް އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ސާލްސްބާގް ވަނީ ރަށުން ބޭރުގައި 4-1 އިން ގެންކް ބަލިކޮށްފަ އެވެ. ލިވަޕޫލުން މޮޅަކާއެކު އަނެއް ބުރަށް ދިއުމަށް ނުކުތް މެޗުގައި ފުރަތަމަ ލީޑު ނެގީ ނަޕޯލީންނެވެ. ފުރަތަމަ ހާފުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑްރިސް މާޓެންސް އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޭމްސް މިލްނާ ނަގައިދިން ކޯނަރަކުން ޑިފެންޑަރު ޑޭޔަން ލޮވްރެން އެވެ.

ސާލްސްބާގް ކުޅުންތެރިން ގެންކް ކޮޅަށް ގޯލު ޖެހުމަށް ފަހު. ދެ ވަނަ ބުރަށް ދެވެން އޮތީ އަމިއްލަ ދަނޑުގައި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްގެން
އަނެއް މެޗުގައި ސާލްސްބާގުން ގެންކް ކޮޅަށް ކޮންމެ ހާފަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ ޕެޓްސަން ޑާކާ އާއި ޓަކޫމީ މިނަމިނޯ އެވެ. ދެ ވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލުތައް ޖަހައިދިނީ ހީ-ޗަން ވަންގް އާއި ބްރައުޓް ހާލަންޑް އެވެ. ރޭގެ މެޗުގައި ޖެހި ގޯލާއެކު ހާލަންޑް ވެފައިވަނީ އުމުރުން 19 އަހަރުގައި ޗެމްޕިއަންސް ލީގުގެ ފަސް މެޗުގައި ޖެހިޖެހިގެން ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ގެންކަށް ހަމައެކަނި ގޯލު ޖަހައިދިނީ އެމްވަނާ ސަމާޓާ އެވެ.
ލިވަޕޫލް ހިމެނޭ ގްރޫޕް އީ އިން ދެ ވަނަ ބުރަށް ކޮލިފައިވާ ޓީމުތައް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ. މި ގްރޫޕުގެ އެއް ވަނައިގައި 10 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެ ވަނައިގައި އޮތް ނަޕޯލީއަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސާލްސްބާގަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ޕޮއިންޓަކާއެކު ފުލުގައި އޮތް ގެންކް ވަނީ މުބާރާތުން ކަޓާފަ އެވެ. ގްރޫޕުގެ ފަހު މެޗުތަކުގައި ނަޕޯލީ އަމިއްލަ ދަނޑުގައި ގެންކާ ވާދަކުރާއިރު ރަށުން ބޭރުގައި ލިވަޕޫލް ނުކުންނާނީ ސާލްސްބާގާ ދެކޮޅަށެވެ. ނަޕޯލީ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކޮށް ދެ ވަނަ ބުރުން ފުރުސަތު ހޯދާނެ ކަމަށް ބެލެވޭއިރު ލިވަޕޫލަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނީ ސާލްބާގުގެ ދަނޑުގައި މަދުވެގެން ޕޮއިންޓެއް ހޯދައިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ރަށުން ބޭރުގައި ވެލެންސިއާ ދެކޮޅަށް ޗެލްސީ ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުވިއިރު މި ގްރޫޕުގައި ހިމެނޭ އަޔަކްސް ވަނީ ރަށުން ބޭރުގައި 2-0 އިން ފްރާންސްގެ ލީލް ބަލިކޮށްފަ އެވެ. ރޭގެ މެޗުތަކަށް ފަހު މި ގްރޫޕުން ވެސް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާ ޓީމުތައް އެނގޭނީ ފަހުމެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ފަހު މެޗުތަކަށް ދާއިރު 10 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ އަޔަކްސް އެވެ. ދެ ވަނައިގައި އަށް ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު ތިން ވަނައިގައި ޗެލްސީ ވެސް އޮތީ އަށް ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ ދެ ވަނައިގައި އޮތީ ހެޑް ޓު ހެޑް އުސޫލުން ޗެލްސީއާ ވާދަކޮށް މޮޅުވާތީ އެވެ. ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮތް ލީލް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ވެލެންސިއާގެ ޕަރޭހޯ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ މަތަކުރަނީ
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެލެންސިއާއިންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޯސް ސޮލާ އެވެ. އެކަމަކު މަޓެއޮ ކޮވަސިޗްގެ ގޯލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ޗެލްސީގެ ޖާޒީގައި ކޮވަސިޗް ޖަހައިދިން ފުރަތަމަ ގޯލެވެ. މެޗުގެ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ކްރިސްޓިއަން ޕުލިސިކް އެވެ. އޭގެ ފަނަރަ މިނެޓު ފަހުން ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ޕެނަލްޓީ ޑެނިއަލް ޕަރޭހޯ ފޮނުވާލުމުން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. ވެލެންސިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައި ޑެނިއަލް ވަސް ޖަހައިދިން ގޯލުންނެވެ. މެޗުގައި ވެލެންސިއާއަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ގްރޫޕުގެ ފަހު މެޗުގައި ޗެލްސީން އަމިއްލަ ދަނޑުގައި ލީލްއާ ދެކޮޅަށް ނުކުންނައިރު އަޔަކްސް އަމިއްލަ ދަނޑުގައި ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ފަހު މެޗުތަކަށް ބަލާއިރު މޮޅަކާއެކު ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފަސޭހަ ފުރުސަތު ފަހިވެފައިވަނީ ޗެލްސީއަށެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ރޭ ޒެނިތުން 2-0 އިން ލިޔޯން ބަލިކުރިއިރު އަމިއްލަ ދަނޑުގައި އާރުބީ ލީޕްޒީގާއި ބެންފީކާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުން ވެސް ދެ ވަނަ ބުރަށް ކޮލިފައިވާ ޓީމުތައް ކަށަވަރުވާނީ ފަހު މެޗުތަކުންނެވެ. މިވަގުތު އެއް ވަނައިގައި 10 ޕޮއިންޓާއެކު ލީޕްޒިގް އޮތްއިރު ދެ ވަނައިގައި އޮތް ޒެނިތާއި ތިން ވަނައިގައި އޮތް ލިޔޯނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ބެންފީކާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
Advertisement


Leave a Reply