ފިރިހެން ވޮލީ ޓީމުގެ މެޗުން ރާއްޖޭން މިއަދު ގޭމްސް ފަށަނީ

Advertisement

ފިރިހެން ވޮލީ ޓީމުގެ މެޗުން ރާއްޖޭން މިއަދު ގޭމްސް ފަށަނީ

ޢަލީ
ރާއްޖޭގެ ގައުމީ ފިރިހެން ވޮލީޓީމް. - ފޮޓޯ: ވީއޭއެމް

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު މިއަދު މެންދުރު ކުޅޭ މެޗުން 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ކުޅިވަރުތައް ރާއްޖޭން މިއަދު ފަށާނެ އެވެ. ފިރިހެން ވޮލީބޯޅައިގައި ރާއްޖެ މިއަދު މެންދުރު 12:15 ގައި ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ވޮލީ މުބާރާތުގެ ކުޅުން ނޭޕާލުގެ ކަތުމަންޑޫގައި ފެށީ އިއްޔެ އެވެ. އެކަމަކު ރަސްމީކޮށް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ވޮލީ ޓީމު މުބާރާތުގައި ވާދަކުރުމަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ނޭޕާލަށް އައިސްފަ އެވެ. މުބާރާތުގެ އަންހެން އިވެންޓުގައި ބައިވެރިވާ ހަ ގައުމުގެ ތެރެއިން ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ޕާކިސްތާން ނުކުޅޭ ގޮތަށް ނިންމުމުން އަންހެން ވޮލީ ޓީމަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. ރާއްޖޭގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ސްރީ ލަންކާ އެވެ. ގްރޫޕުގެ އެއް ވަނަ ކަށަވަރުކުރުމަށް އަންހެން ވޮލީ ޓީމް ލަންކާއާ ދެކޮޅަށް ނުކުންނާނީ އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން މެންދުރު 2:15 ގަ އެވެ.

ފިރިހެން ވޮލީ ޓީމު ވެސް ހިމެނެނީ ލަންކާ އާއި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝް އަދި އިންޑިއާ އެވެ. ފުރަތަމަ މެޗުގައި ރާއްޖެއާ ޕާކިސްތާން މިއަދު މެންދުރު ވާދަކުރާއިރު ދެ ވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ފިރިހެން ވޮލީ ޓީމް ނުކުންނާނީ އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6:15 ގަ އެވެ.

#TeamMaldives to begin their South Asian Games 2019 campaign today! ????

Posted by Fahuminet on Wednesday, November 27, 2019

މިފަހަރުގެ ގޭމްސްގައި ވާދަކުރުމަށް ކްރިކެޓްގެ ފިރިހެން އަދި އަންހެން ޓީމާއި، ޓެނިސް ޓީމުގެ އިތުރުން ފުޓްބޯޅަ ޓީމު މިހާރު ވަނީ ނޭޕާލަށް އައިސްފަ އެވެ. ގޭމްސްގައި ރާއްޖޭން 11 ކުޅިވަރެއްގައި 332 އެތުލީޓުން ވާދަކުރާނެ އެވެ. ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯލް، ކްރިކެޓް، ފުޓްބޯލް، ހޭންޑްބޯލް، ޝޫޓިން، ސްވިމިން، ޓޭބަލް ޓެނިސް، ޓެނިސް އަދި ވޮލީބޯލް އެވެ.

ގޭމްސްގައި 27 ކުޅިވަރެއް ހިމެނޭއިރު ހުރިހާ ކުޅިވަރެއްގައި ވާދަކުރާ ހަމައެކަނި ގައުމަކީ ގޭމްސް ބާއްވާ ނޭޕާލް އެވެ. ބަންގްލަދޭޝް އާއި ލަންކާއިން 25 ކުޅިވަރުގައި ވާދަކުރާއިރު ޕާކިސްތާނުން 18 ކުޅިވަރުގައި ވާދަކުރާނެ އެވެ. ޕާކިސްތާނުގެ ފަހަތުން 17 ކުޅިވަރެއްގައި އިންޑިއާއިން ވާދަކުރާއިރު ބޫޓާނުން 14 ކުޅިވަރުގައި ވާދަކުރާނެ އެވެ.

މިފަހަރުގެ ގޭމްސް އަންނަ މަހުގެ އެކަކުން 10 ވަނަ ދުވަހު ނިޔަލަށް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވީނަމަވެސް ނޭޕާލުން އަދިވެސް އަންނަނީ ގޭމްސް ބާއްވާ ތަންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މުބާރާތުގެ އަންހެން ފުޓްބޯޅަ ކުޅޭ ޕޮކަރާ ސިޓީގެ ޕޮކަރާ ސްޓޭޑިއަމްގެ ގިނަ މަސައްކަތްތަކެއް ނުނިމި ހުރިއިރު ސްވިމިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޫލްގެ މަސައްކަތުގެ ބޮޑު ބައެއް އަދި ނުނިމެ އެވެ. މީގެ އިތުރުން ފުޓްބޯޅަ އާއި އެތުލެޓިކްސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ދަސާރަތު ސްޓޭޑިއަމްގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މިއީ ސައުތު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ގޭމްސް ނޭޕާލުގައި ބާއްވާ ތިން ވަނަ ފަހަރެވެ. ގޭމްސްގެ އެންމެ 1984 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވިއިރު އޭގެ ފަހުން 1999 ވަނަ އަހަރު ވެސް ނޭޕާލުން ވަނީ ގޭމްސް ހޯސްޓް ކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *