ގޯލްޑެން ބޯއީ އެވޯޑް ފީލިކްސް އަށް

Advertisement

ގޯލްޑެން ބޯއީ އެވޯޑް ފީލިކްސް އަށް

ޢަލީ ޝަހީމް

އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން ހޮވާ ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ “ގޯލްޑެން ބޯއީ 2019” އެވޯޑް އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ 20 އަހަރުގެ ފޯވާޑް ޔާއޯ ފީލިކްސް އަށް ލިބިއްޖެ އެވެ.

ގޯލްޑެން ބޯއީ އެވޯޑަކީ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން 2003 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕްގެ މަޝްހޫރު ބައެއް ގައުމުތަކުގެ ނޫސްވެރިންނެވެ. މިގޮތުން މި އެވޯޑަށް ވޯޓުދޭ ނޫސްވެރިން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ސްވިޒަލެންޑް، ޕޯޗުގަލް، ފްރާންސް، ސްޕެއިން، ގްރީސް، ރަޝިއާ، ނެދަލެންޑްސް އަދި ޔުނައިޓެޑް ކިންގްޑޮމް ހިމެނެ އެވެ. ކޮންމެ ނޫސްވެރިއަކު ވެސް ފަސް ކުޅުންތެރިއަކު ހޮވާއިރު ވަކި ތަރުތީބަކުން ކުޅުންތެރިންނަށް ވޯޓު ދޭނެ އެވެ. މިފަހަރުގެ އެވޯޑުގައި 40 ކުޅިވަރު ނޫސްވެރިން ވަނީ ވޯޓުދީފަ އެވެ.

ގޯލްޑެން ބޯއީ މަގާމަށް ވާދަކުރި ކުޅުންތެރިންނަށް ލިބުނު ވޯޓް

މި އަހަރުގެ އެވޯޑް ހޯދި ފީލިކްސް އަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު ޒުވާން އެއް ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި ޕޯޗުގަލްގެ ބެންފީކާއަށް 18 ގޯލު ޖަހައިދިން ފީލިކްސް ސީޒަން ނިމުމުން އެތުލެޓިކޯއަށް ބަދަލުވީ 113 މިލިއަން ޕައުންޑަށެވެ. އެތުލެޓިކޯއަށް ބަދަލުވުމަށް ފަހު ފީލިކްސް ވަނީ މި ސީޒަނުގައި މިހާތަނަށް ތިން ގޯލު ޖަހައިފަ އެވެ. ފީލިކްސް އަށް 332 ޕޮއިންޓް ލިބުނުއިރު 175 ޕޮއިންޓާއެކު ދެ ވަނަ ލިބުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އުމުރުން 19 އަހަރުގެ އިންގްލެންޑުގެ ފޯވާޑް ޖޭޑޮން ސަންޗޯ އަށެވެ. 75 ޕޮއިންޓާއެކު ތިން ވަނަ ލިބުނީ ޖަރުމަނުގެ ބަޔާން ލެވަކޫސަނަށް ކުޅެމުން އަންނަ އަރަމުން އަންނަ 20 އަހަރުގެ ކުޅުންތެރިޔާ ކައި ހާވެޓްޒް އަށެވެ.

“އަހަރެން މިހުރީ  ވަރަށް ފަހުރުވެރިވެފަ. މިއީ އެތުލެޓިކޯ މެޑްރިޑަށް ނިސްބަތްވާ ކުޅުންތެރިއަކު މި އެވޯޑް ހޯދި ދެ ވަނަ ފަހަރު. އެހެންވެ އެއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” އެވޯޑަށް ފަހު ރޭ މީޑިއާއާ ވާހަކަދައްކަމުން ފީލިކްސް ބުންޏެވެ.

ބެންފީކާ އާއި އެތުލެޓިކޯ މެޑްރިޑް ތަމްސީލުކޮށް ފީލިކްސް މި އެވޯޑް ހޯދިއިރު 2007 ވަނަ އަހަރު އެތުލެޓިކޯގައި ހުރެ ސާޖިއޯ އަގުއޭރޯ ވަނީ މި އެވޯޑް ހާސިލްކޮށްފަ އެވެ. 2003 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް އެންމެ ފުރަތަމަ ލިބުނީ ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އަށެވެ. މި އެވޯޑު ހޯދި އިންގްލެންޑަށް ނިސްބަތްވާ ކުޅުންތެރިންނަކީ 2004 ވަނަ އަހަރު ވޭން ރޫނީ އާއި 2014 ވަނަ ރަހީމް ސްޓާލިން އެވެ. މިދިޔަ އަހަރު މި އެވޯޑް ހޯދީ މިހާރު ޔުވެންޓަސްއަށް ކުޅޭ ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު މަތިއަސް ޑި ލިޓް އެވެ. 2017 ވަނަ އަހަރުގެ އެވޯޑް ކިލިއަން އެމްބާޕޭ ހޯދިއިރު 2016 ވަނަ އަހަރުގެ އެވޯޑް ހާސިލްކުރީ ޕޯޗުގަލްގެ ރެނާޓޯ ސަންޗޭސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *